ރައީސް ޔާމީނާ ކުރިމަތިލެވޭ ހަކަތަ ދިވެހިންގެ ކިބައިގައި ހުންނަންޖެހޭނެ

ދިވެހިންގެ ވެރިޔާ ހޮވާނީ ދިވެހިންނެވެ. ވެރިކަމުން ވަކިކުރާނީ ވެސް ދިވެހިންނެވެ. ގޯސް ވެއްޖެ ކަމަށްވާނަމަ ހަމަ މަގަށް އަޅުވާނީ ވެސް ދިވެހިންނެވެ. އަދި ރަނގަޅު ކަމަށްވާނަމަ އަތްޖަހައި ތަރުހީބު ދޭނީ ވެސް ދިވެހިންނެވެ.

އެކަމަކު މިހާރުގެ ވެރިޔާ ރައީސް ޔާމީނާ ބެހޭ ގޮތުން ލައްކަ ވާހަކައެއް އެބަދެކެވެއެވެ. އެނިޔާވެރިވާ ވާހަކައެވެ. ބޭއިންސާފުން ކަންކަން ކުރައްވާ ވާހަކައެވެ. ޑިމޮކްރަސީއާ ބީރައްޓިހި ކަންކަން ކުރައްވާ ވާހަކައެވެ. ޚިޔާނާތުގެ ވާހަކައެވެ. ގާނޫނު އަސާސީ ފުނޑުފުނޑު ކޮށްލައްވާ ވާހަކައެވެ. މިހެން ގޮސް ނުދައްކާކަށް ވާހަކައެއް ނެތެވެ.

މިވާހަކަތައް އާންމުކޮށް ދައްކަވަނީ ސިޔާސީ ބޭފުޅުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ބައެއް ބޭފުޅުންނެވެ. ސިޔާސީ ވާދަވެރިންނާއި ލީޑަރުންނެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން "ހަފޮޅުން އެތެރެ ކުރެއްވުމަށް" ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެމަނިކުފާނު ހަފޮޅުން އެތެރެ ކުރެއްވުމަށް ކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވިއެވެ. އެއަށްވުރެ އެމަނިކުފާނު "ބަރު" ވީކަމަށް އެބޭފުޅުންނަށް އިހުސާސް ވުމުންތާއެވެ. އެފެއްޓެވީ ކަރަތަކުގެ ވެރިންނާއި ޖަމާއަތްތަކުގެ ލީޑަރުންނަށް ސިޓީ ބިޓީ ފޮނުވާށެވެ. މަންދޫބުން ފޮނުވާށެވެ. ވަފުދުތައް ފޮނުއްވާށެވެ. ދިވެހިންނަށް ދިވެހިންގެ ވެރިޔާ ހަމަމަގަށް އަޅުވަން ނުކުޅެދިގެން ބޭރުގެ މީހުންގެ އުނގަށް ވެއްޓެން ޖެހޭނެ ހެއްޔެވެ؟

އެންމެ ފޯރިދެއްކެވީ ކޮމަލްވެލްތުންނެވެ. އެޖަމާއަތުގެ ފިއްތުންތަކާއި އުދަގޫ ބޮޑުވާން ފެއްޓެވުމުން އެއޮތްބޮޑު ކޮމަންވެލްތުގެ "ގައިމަތިން" މިކުޑަކުޑަ ރާއްޖޭގެ ކުޑަކުޑަ ރައީސް އެގިރާ ކުރެއްވީ ލައްކަ އިތުބާރެއް އޮވެގެންތާއެވެ.

މިހާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އެވެ. ނިކަން ނުފޫޒުގަދަ ވަރުގަދަ ޖަމާއަތެކެވެ. ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅާވާހަކަ އެދައްކަނީއެވެ. ސަރުކާރުން ވިދާޅުވަނީ ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިދިކޮޅުން އީޔޫގައި މިދަންނަވާނީ ހަމަ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅުވަން މަސައްކަތް ކުރައްވަނީ އަޑީގައިތިބި ގައުމަށް ހެވެއްނޭދޭ ނުބައި ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރުދާއިރާގެ މެންބަރު އަދި މަޖިލިހުގެ ނާއިބު ރައީސް މޫސާމަނިކު (ރީކޯ) ވިދާޅުވިއެވެ. އެހެންވެ އެކަން އެގޮތަށް ނުކުރެއްވުމަށް އެމީހުންނަށް މޫސަ އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސަށާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސަށާއި، އެމްއެންޑީއެފްގެ އިސްވެރިންނަށާއި ބައެއް ވަޒީރުންނަށާއި، ބައެއް ވިޔަފާރިވެރިންނަށް އީޔޫއިން ފިޔަވަޅު އަޅައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ފަހުން އެއީ އޮޅުމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ޓްވީޓް ކުރެއްވިއެވެ. ދެންވެސް ވިދާޅުވީ އީޔޫއިން ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެފަދަ ބޭފުޅުން ކުރައްވާ ކޮންމެ ކަމެއް ސިޔާސީ ސްޓަންޓަކަށް ހައްދަވާ ކަމަށްވާނަމަ އިތުބާރު ގެއްލުމުގެ ފުރުސަތު ވަރަށްބޮޑެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމަކީ ރަސްމީކޮށް ގައުމު ބައިބައިކޮށް ފޮތިފޮތި ޖަހައިލާން ލިބުނު ލައިސަންސަކަށް ހަދައިގެން ނުވާނެއެވެ. ކޮންމެ ކުލައެއްގައި ހުއްޓަސް ދިވެއްސަކުވާނީ ދިވެއްސަކަށެވެ. މި ފަސްގަނޑަށް ފޫޅު ކަނޑައިފިތަ، އެމީހަކުވާންޖެހޭނީ މިފަސްގަނޑުގެ ދިފާއުގައި ނުކުންނަން ޖެހޭ މީހަކަށެވެ. ގައުމާއި ރައްޔިތުން ކާޅަށް ދީފައި ތިމާމެންގެ މުހުތާދުތައް ފުއްދާ ބަޔަކަށް ވެގެންނުވާނެއެވެ.

އެހެންވީމާ ދިވެހިގައުމުގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކީ ތިމާ ރުހޭ ބޭފުޅަކަށް ވިޔަސް އަދި ނުރުހޭ ބޭފުޅަކަށް ވިޔަސް ބޭރުބައެއްގެ މަދަދު ބޭނުންކޮށްފި ކަމަށްވާނަމަ އެކަމުގެ ދެރަ ހީވެސްނުކުރާކަހަލަ ގޮތަކަށް އަތުވެދާނެއެވެ. އޭރު އެންމެބޮޑަށް ނިކަމެތިވެގެންދާނީ މިހާރުވެސް އާދައިގެ ރައްޔިތުންނެވެ.

ވެރިމީހާ ހަމައަކަށް އެޅުވުމުގެ ހަކަތަ ނެތްކަމަށްވާނަމަ ލިބެންދެން ތިބުން ގައުމަށް ފައިދާ ބޮޑުވެފައި މަސްލަހަތު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. ކޮންމެ ގޮތެއް ވިޔަސް ދިވެހިންގެ ވެރިމިހާއަށް "ހުކުމް" އިއްވަންޖެހޭނީ ދިވެހިންނެވެ. އެ ބޭފުޅަކަށް ވޯޓުދީގެން އިންތިޚާބުކުރި މީހުންނެވެ. ކަރަކަރައިގެ މީހުންނާއި ޖަމާތްޖަމާއަތުގެ މީހުންނަށް އެފުރުސަތު ދީފިކަމަށްވާނަމަ އެ ނަގައިލެވެނީ މިގައުމުގެ މިނިވަން ކަމެވެ. އެހެންވީމާ ބުއްދިވެރި ގޮތަކީ ކުރާ ކޮންމެ ކަމެއް އިންސާއި ހަމައާއި ގާނޫނު އަސާސީގެ ތެރެއިން ކުރުމެވެ. ވަކި މީހަކު އިސްތިސްނާ ނުވާގޮތަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.