ގައުމު މިވަރަށް ތަރައްގީކޮށްފައި ގައުމު ހިންގާނެގޮތް އެހެންބަޔަކު ގާތުން އަހާކަށް ނުޖެހޭ: ރައީސް

ދިވެހިރާއްޖެ މިހާރު މިއޮތް ފެންވަރަށް ތަރައްގީ ކުރެއްވުމަށްފަހު ގައުމު ހިންގާނެގޮތް އެހެން ބައެއްގެ ގާތުން އަހާކަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ކެލައަށް މިއަދު ވަޑައިގެން އެރަށުގެ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގައުމުގެ ތަރައްގީއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އާމްދަނީ 200 ޑޮލަރުން 2000 ޑޮލަރަށް އިތުރުކުރަން 35 އަހަރު ހޭދަވެގެންދިޔަ ކަމަށެވެ. އެހެންނަމަވެސް 2000 ޑޮލަރުން 10000 ޑޮލަރަށް އާމްދަނީ އިތުރުކުރަން ހޭދަވީ އެންމެ 4 އަހަރު ކަމަށެވެ. "މިކަމާ ދެބަހެއް ނުވެވޭނެ. މިއީ ތަންފީޒު ކުރެވޭ ސިޔާސަތުގެ ހަރުދަނާކަން ހުރީމައި ހޯދޭ ކުރިއެރުން. މިކަން ކުރެވުނީ މީހެއްގެ ވިސްނުމުން. މީހެއްގެ މަސައްކަތުން. މިއީ އަޅުގަނޑުމެންކުރި މަސައްކަތުގެ ނަތީޖާ. މިކަން ބޭރުގެ ފަރާތްތަކުން ގަބޫލުކުރޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ އެހީއަށް އިދިކޮޅު ފަރާތްތަކުން އެދެމުންދާއިރު ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވޭނެ އިލްމީ ބޭފުޅުން (ޕީއެޗުޑީ ހައްދަވާފައިވާ) ނާއި ކަންކަމަށް ފަތުވާނެރެވޭ ފެންވަރުގެ އިލްމުވެރިން ރާއްޖޭގައި މިހާރުވެސް އެބައުޅޭ ކަމަށެވެ. އެހެންވީމާ ކޮންމެކަމެއްގައި ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުށްވެރިން ދޫކޮށްލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން އެފަދަ މީހުން ދޫކޮށްލުމަށް އެދި އެއްވެސް ރައްޔިތަކުން އެދިފައިނުވާ ކަމަށެވެ. "އިމެއް ގިންތިއެއް ބެލުމެއްނެތި އެކިކުށްތަކުގައި ބަންދުގައިތިބި މީހުން ދޫކުރަން އެކަކުވެސް އެދިފައެއްނެތް. ރާއްޖޭގައި ޑިމޮކްރަސީ ނެތިގެންނާއި ސިއްހީ ކަންކަން ކުރިއަށްދާ ގޮތާމެދު ރައްޔިތުން ޝަކުވާކޮށްފައެއްނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެން ވެސް އިސްކުރަންވީ ގައުމީ ވިސްނުން ކަމަށެވެ. ރާއްޖެ ކިތަންމެ ބިޔަކަނޑެއްގެ ތެރޭގައި އޮތަސް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުގެ ބަޔަކަށް ޖީޒީ ދައްކައިގެން ރާއްޖެ އުޅުނު ހަނދާންތައް މިހާރު އައުކުރަންޖެހޭ ކަމަށާއި އޭރު އުޅުނު ހާލަތާމެދު ވިސްނާ ފިކުރު ހިންގުން ވަރަށް މުހިންމު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީންނޫން ދީނެއް ބާއްވަން ރައްޔިތުން ބޭނުނުވާ ކަމަށާއި އެއަޑު ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އުފުއްލަވާ ކަމަށެވެ. އެއްވަނަ ދުނިޔޭގެ ގައުމުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ އެފަދަ ގިނަގައުމުތަކުގައި އޮތީ ނާސާރާ ދީންކަމަށާއި އެގައުމު ތަކުގެ ޒުވާނުންނަކީ އެދީނުގެ އަސާސްތަކުގައި ހިފަހައްޓަގެންތިބި ބައެއްނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެމީހުން އުޅުނީ ދުނިޔެވީ ކަންކަމާގެން. މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކުގައި ރާއްޖެ ދެމިއޮތްއިރު މިދީން ބަދަލުކުރަން އަޅުގަނޑުމެން ޖާގަދީގެންނުވާނެ. ފުރަތަމަ ދުނިޔޭގެ ގިނަ ގައުމުތަކުގައި އެހެން ބައެއްގެ މަސްލަހަތު ހިފެހެއްޓުމަށްވެރު އިސްކަންދޭނީ އެމީހުންގެ އަމިއްލަ ފަރުދީ މިނިވަންކަމަށް. ދީނުގެ އަސާސްތައް ފަހުން އެމީހުން ހުއްދަކޮށް ދޫކޮށްލަނީ މިހެންވެ،" ރައީސް ވިދާޅުވިއެވެ. ސީރިއާ ލީބިއާ ފަދަ ގައުމުތަކަށް މިހާރު ދިމާވެފައިވާ ކަމްކަން ދިމާވީ ބިދޭސީންނަށް ފުރުސަތު ދިނުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.