ސެޕްޓެމްބަރު 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓާ ދިވެހިން ކުރިމަތިލާއިރު މިވަގުތު ލިބިފައިވާ އެންމެ ރަނގަޅު ޗޮއިސްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" ގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އަމާޒަކީ އިންތިޚާބުގައި މިފަހަރު ދެވަނަ ބުރަކަށް ނުގޮސް "އެއްލަކިން" ރައީސް އަބްދުﷲޑ ޔާމީނަށް އިންތިޚާބު ކާމިޔާބުކޮށް ދިނުން ކަމަށާއި އެކަން އެހެން ވާނެކަމާމެދު ވަރަށް ބޮޑު ޔަގީންކަމެއްވެސް އެބައޮތް ކަމަށެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދާބެހޭ ގޮތުން މޫސަ ވިދާޅުވީ "އެއީ ރަނގަޅު ބޭފުޅެއް" ކަމަށެވެ. އަދި ނައިބު ރައީސަކު ހަމަޖެއްސެވުމުގައި މިސަރުކާރުގައި ކުރިން ތިއްބެވި ބަޔެއް ނައިބު ރައީސުންގެ އަމަލު ބެހެއްޓެވި ގޮތަށް ރައީސް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ. ނައިބު ރައީސްގެ މަގާމަކީ މުހިންމު މަގާމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ނައިބު ރައީސްގެ ފަރާތުންވެސް "ވޯޓެއް އިތުރުވާނަމަ" އެއީ ރަނގަޅު ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
"ނައިބު ރައީސުންނަކީ މުހިންމު ބަޔެއްނޫން، ނައިބު ރައީސުންނަކީ ގާނޫނުގައިވެސް ވަކިކަމެއް ކުރަން ހަވާލުކޮށްފައިވާ ބަޔެއްނޫން، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ކަމެއް ކޮށްލަންތިބޭ ބަޔެއް، އެއީ ހޮވަންޖެހޭތީ ހޮވާ މަގާމެއް، ނައިބު ރައީސުންގެ ފަރާތުންވެސް ވޯޓެއް އިތުރުވެއްޖެއްޔާ ރަނގަޅު" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބަޔެއް ފަހަރު ނައިބު ރައީސުންނަށް ވާގޮތަކީ މަގާމު ހަވާލުކުރާ ހިސާބުން ނުވަތަ މަގާމުގެ ހުވާ ކުރައްވާ ހިސާބުން ރައީސުލްޖުމްހޫރިއްޔާއަށްވުރެ ކުރިޔަށް އަރާވަޑައިގަންނަވަން އުޅުއްވުން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ނައިބު ރައީސަކާހެދި ރައީސްގެ ފުރާނަފުޅު ސަލާމަތްވީވެސް ކިރިޔާ ކަމަށް މޫސަ ވިދާޅުވިއެވެ.