މިވަގުތު ދައްކަންވީ ރަނިންމޭޓުންގެ ވާހަކަ ނޫން ކަމަށާއި، މިވަގުތު ދައްކަންވީ ރިޔާސީ ކެންޑިޑޭޓުންގެ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ވިދާޅުވީ ކެމްޕޭނެއްގައި އެންމެ މުހިންމު ވާނީވެސް ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތު ތަކުގެ ވާހަކަ ދެއްކުން ކަމަށެވެ. ހުރިހާ މީހުން ރަނިންމޭޓުންގެ ވާހަކަ ދެއްކުން ނޫން ކަމަށެވެ. އަނާރާ މިހެން ވިދާޅުވިއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމާއެކު އިދިކޮޅު ބަޔެއް ލީޑަރުންނާއި އިދިކޮޅު ސިޔާސީ ބަޔެއް އެހެން ފަރާތްތަކުންވެސް ދަނީ ޑރ ޝަހީމަށް ނިސްބަތްކޮށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.
މީގެއިތުރުން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ގެ ރަނިންމޭޓަކަށް ޖޭޕީން ހަމަޖައްސާނެ ފަރާތެއް ކަށަވަރު ވެފައި އަދި ނުވާތީ އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓެއްގެ ވާހަކަވެސް ވަރަށް ބޮޑަށް ދަނީ ދެކެވެމުންނެވެ.