ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތައް އަންނަ ހަފުތާގައި ފަށާނެ – އާދަމް ޝަރީފު

505631128

ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ރައީސް އުފައްދަވާފައިވާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޚާއްސަ މަސައްކަތްތަކެއް އަންނަ ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު އުފައްދަވާފައިވާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިވެހިރައްޔިތުންނާއި، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ވިސްނުންފުޅަކީ ދިވެހިރާއްޖެއަކީ އަބަދުވެސް އަމަން އަމާންކަން ގާއިމްވެފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުންކަމަށާއި ނަމަވެސް މި ވިސްނުން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވުމުން ބޭރުގެ ފަރާތްތަކުން ކަންބޮޑުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރައްޔިންނާއި، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް އަސްކަރިއްޔާއާއި އިންޓަލިޖަންސް މައުލޫމާތު އެއްކުރާ އިދާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދީނީގޮތުން ހައްދުފަހަނާޅާފައިވާ ބަޔަކު ރާއްޖޭގައި އުޅެމުންދޭތޯ ބަލައި، އެފަރާތްތަކަށް ކައުންސިލިންގ ދިނުމާއި، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ނަމުގައި ޚާއްޞަ ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ.

މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ރާއްޖޭގައްޔާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މި ސެންޓަރު އުފައްދާފައިވަނީ ޤާނޫނުއަސާސީގެ ސަތޭކަ ސޯޅަ ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.