ކުރީގެ ޕްރެސް ސެކްރެޓަރީ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ކަމުގައި ހުންނެވި މުޙަންމަދު ޒުހައިރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޒުހޭރާއެކު އިތުރު ފަސް މީހެއްގެ ފޮޓޯވެސް ހިމަނައި، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަން ހާމަކޮށް މިއަދު ފުލުހުން އާންމުކުރި ލިޔުމެއްގައި ބުނެފައި ވަނީ އެ ހަ މީހުން ހޯދަމުން ދަނީ  ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައިނުވާ ތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ މީގެތެރެއިން ކުރީގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒް ކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރެވި ފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ޒުހައިރުގެ އިތުރުން ފުލުހުން ދެން ހޯދަމުން ދަނީ މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް ޢަޒްމީލް (39އ) އާއި ސ.ހިތަދޫ، ރީލް މަންޒިލް، މުޙައްމަދު ލަޠީފް (61އ) އާއި ސ.ހިތަދޫ، ސައުތްކްރޯސް، މޫސާ މުންތަސިމް (28އ) އާއި މާލެ، ހ.މިނީގާރޑްން، މުޙައްމަދު ޔާސިރު (46އ) އާއި އަދި ސ.މަރަދޫ، މައިޒާން، މުޙައްމަދު ފަރުޞީދު (39އ) އެވެ.

މުޙައްމަދު ލަޠީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 13:20 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މޫސާ މުންތަސިމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 11:40 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މުޙައްމަދު ޔާސިރު ހޯދަމުންދަނީ އެލިޔާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަދި މުޙައްމަދު ފަރުޞީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 28 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ މި ހަ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.