ޖުމްހޫރީ ޕާޓީން އިއުލާނު ކޮށްފައިވާ އެޕާޓީގެ އިސް މަގާމުތަކުގެ ތެރެއިން ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ހަތަރު ޑެޕިއުޓީ ލީޑަރުން ހޮވަންޖެހޭ ކަމަށާއި އެ މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވާ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައި ނެތް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ސަމީރު ވިދާޅުވީ ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ގާސިމް އިބްރާހިމްއަށް ކުރިމަތިލެއްވޭނެ ފުރުޞަތު ނެތުމާއެކު އެމަގާމަށް ވާދަކުރައްވަން އެއްވެސް ބޭފުޅަކު ބޭނުން ނުވުމެވެ.
ހަތަރު ޑެޕިއުޓީ ލީޑަރުން އިންތިޚާބު ކުރަންޖެހޭއިރު އެމަގާމަށް ކުރިމަތި ލައްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި މިހާރުވެސް ޑެޕިއުޓީ ލީޑަރުންގެ މަގާމުގައި ތިއްބެވި ތިންބޭފުޅަކު ހިމެނެއެވެ. އެއީ މިވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް އާއި ކުރީގެ މިނިސްޓަރ އަބްދުﷲ ކަމާލުއްދީންގެ އިތުރުން ޑރ ޙުސައިން ރަޝީދު ޙަސަނެވެ. މި ތިންބޭފުޅުންގެ އިތުރުން ޑެޕިއުޓީ ލީޑަރު ކަމުގައި ދެން ހުންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ނަމަވެސް މިވަގުތު ޖަލުގައި ހުންނެވި ރިޔާޒް އެމަގާމަށް ކުރިމަތި ލައްވާފައި ނުވެއެވެ.
އަމީން އަދި ކަމާލުއްދީނާއި ޑރ ޙުސައިންގެ އިތުރުން ދެން ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރިން ކުރައްވާފައިވާ މުޙަންމަދު ފަޔާޒެވެ.
ޖޭޕީގެ އިސްމަގާމުތަކުގެ ތެރެއިން ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ އެޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަޙީދު އެކަންޏެވެ. ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ އަބްދުﷲ މައުސޫމް އެކަންޏެވެ.