ބޭރު ގައުމެއްގެ އަމުރުތަކަށް އީސީ ތަބާނުވާނެ: ޝަރީފް

ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން ތަބާވާނީ ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ކަމަށާއި އެހެން ގައުމެއްގެ އަމުރުތަކަށް ތަބާނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިޚާބުތައް ކުރިއަށް ގެންދާނީ ގާނޫނޫގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން "އަކުރުންއަކުރަށް" ކަމަށެވެ. އެގޮތުން އިންތިޚާބާ ގުޅޭ ހުރިހާ ގާނޫނަކަށް އިލެކްޝަނުން ފުރިހަމައަށް އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ތަބާވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް. އެހެން ގައުމެއްގެ އަމުރުތަކަށާއި، ކަންތައްތަކަށް ތަބައެއް ނުވާނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައެވެ. ރައީސް ނަޝީދަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ވާދަނުކުރެވޭ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. ޝިފާޒު ވިދާޅުވެފައިވަނީ ގައުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރައްވާނެ ވެރިއަކު އިންތިޚާބު ކުރާއިރު ރައްޔިތުން ބޭނުންވާގޮތާ ޚިލާފަށް އެކަން ގޮސްފި ކަމަށްވާނަމަ އިންސާފުވެރިއެއް ނުވާނެ ކަމަށެވެ.

"މިދައްކަނީ ގައުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނެ ވެރިއަކު ޚިޔާރު ކުރާވާހަކަ. ވެރިއަކު އިންތިޚާބުކުރަން އެގައުމެއްގެ ރައްޔިތުން ބޭނުންވާ ގޮތްނުވެ އެހެން ގޮތަކަށް އެކަން ވެއްޖެއްޔާ އޭތި އިންސާފުވެރިކޮށް ނުދާނެ ވާހަކަ،" ޝިފާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެގިނަ ރައްޔިތުންގެ މަސްލަހަތު ގުޅިފައިވާ ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ އެކަނި ނުކުމެ އެންމެގިނަ ވޯޓު ރާއްޖެއިން ހޯއްދަވާ ބޭފުޅާ ކަމަށެވެ. "އެމްޑީޕީއަކީ ރާއްޖޭގައި އެންމެގިނަ ރައްޔިތުންގެ މަސްލަހަތު ގުޅިފައިވާ ޕާޓީ. އެމްޑީޕީގެ ކެންޑިޑޭޓަކީ އެކަކަށް އެންމެގިނަ ވޯޓު ރާއްޖޭގައި ނަގާ ބޭފުޅާ. މިފަދަ ބޭފުޅަކު ނުލައި ބާއްވާ އިންތިޚާބެއް އިންސާފުވެރިވާނެ ގޮތެއް ނުވިސްނޭ،" ޝިފާޒު ވިދާޅުވިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބެއްގެ މިނިވަންކަމާއި އިންސާފުވެރިކަން ގުޅިފައިވާނީ އިންތިޚާބާ ބެހޭގޮތުން ހެދިފައިވާ ގާނޫނާއި ގަވާއިދަށް އަމަލުކުރާ މިންވަރެއްގެ މައްޗަށް ކަމަށެވެ. "އިލެކްޝަންސް ކޮމިޝަނުން ގާނޫނާއި ގަވާއިދުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ޝަރީފް އާފަތިހަށް ކުރިން ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.