28 ރޯދަ ހިފުމަށްފަހު އީދު ކުރުން ހުއްދައެއް ނުވާނެ- ޑރ ޝަހީމް

ރަމަޞާން މަހުގައި 28 ރޯދަ ހިފާފައި އީދު ކުރުން އިސްލާމް ދީނުގައި ހުއްދަ ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލަރު ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިން، ޚާއްސަކޮށް އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިން އިއްޔެއާ ހަމައަށް 28 ރޯދަ ހިފާފައި ވަނިކޮށް އެމީހުން މިއަދު އީދު ކުރަން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އެންގި އެންގުމަށް އިޝާރާތް ކުރައްވައި ޑރ ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހަނދު މަހުގައި  އޮންނާނީ 29، ނުވަތަ 30 ދުވަސް" ކަމަށެވެ. އެހެންވެ 28 ރޯދަ ހިފުމަށް ފަހު އީދު ކުރުން ދީނުގައި ހުއްދަ ނޫން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން 28 ރޯދައަށް ފަހު މިއަދު އީދު ކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ޑރ ޝަހީމް ވިދާޅުވެފައި ވަނީ ރަމަޞާން މަހުގެ ރޯދައިގައި އަމަލު ކުރަންޖެހޭނީ އެބަޔަކު ތިބި ތަނެއްގައި، އެއްބައްރުގައިވާ އެބަޔަކު ރޯދަ ހިފަން ފެށި ގައުމަކާއެކު ކަމަށެވެ. އަދި އެކަމުގައި އަމަލު ކުރަންޖެހޭނީވެސް އެބަޔަކު ތިބި ގައުމެއްގެ މުއައްސަސާ ތަކުގެ ނިންމުމާވެސް އެއްގޮތަށް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ ޝަހީމް މިފަދައިން ވިދާޅުވިއިރު ރާއްޖެއާ އެންމެ އަވައްޓެރި ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ މިއަދު އީދު ކޮށްފައެވެ. ނަމަވެސް ލަންކާގައި ރޯދަ ހިފަން ފެށީ ރާއްޖެއަށްވުރެ 1 ދުވަސް ފަހުން ކަމަށްވާތީ އެގައުމުގައި އިއްޔެއަކީ ރަމަޞާން މަހުން 28 އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިން 28 ރޯދައަށް ފަހު މިއަދު ރާއްޖެއާއެކު އީދު ފާހަގަ ކުރަން އެންގި ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވީ މިނިސްޓްރީން އެގޮތަށް އެންގީ އީދާ ގުޅޭ ގޮތުން ސްރީ ލަންކާގެ މުސްލިމް ޖަމާއަތްތަކުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ އެގައުމުގައި ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ ދިވެހިން އެ މިނިސްޓްރީއާ ސުވާލު ކުރުމުން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.