ވޯލްޑްކަޕް 2018 ގައި މިއަދާއި މިރޭ ތިން ތަރިއެއްގެ ޖާދޫ ފެނިގެން ދާނެއެވެ. އެއީ އުރުގުއޭގެ ޝުއަރޭޒާއި، މިސުރުގެ ޞަލާޙާއި، ޕޯޗުގަލްގެ ރޮނާލްޑޯގެ ޖާދޫއެވެ.
ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ނިމިގެން ދިޔައީ ގިނަ ބަޔަކު ހީކުރި ގޮތަކަށްނޫނެވެ. އަދި ތަޖުރިބާކާރު ބައެއް ބޭފުޅުން ލަފާކުރެއްވި ގޮތަކަށްވެސް ނޫނެވެ. ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ގްރޫޕު އޭ ގެ އެއް ވަނަ ހޯދާނީ އުރުގުއޭ ކަމުގައެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އުރުގުއޭ އާއި މިސުރެވެ. ލަފާކުރުންތަކުގައިވާ ގޮތުގައި ގުރޫޕު އޭގެ އެންމެ ފުލަށް ވެއްޓޭނީ ރަޝިއާއެވެ. ސަޢޫދީ ޢަރަބިއްޔާއަށް އެއްވަނަ ނުލިބުނު ކަމުގައި ވިޔަސް އެންމެ ފުލަށް ދާނޭ ކަމަކަށް ބެލެވިފައެއް ނެތެވެ. އެކަމަކު ރޭގެ ނަތީޖާއަށްފަހު މިހާރު މި އޮތީ އެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވިފައެވެ.
ހަވީރު ކުޅޭ މެޗަކީ ގްރޫޕު އޭގެ ދެވަނަ މެޗެވެ. މި މެޗުން އުރުގުއޭ މޮޅުވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިސުރު ޓީމަށް ބަލާއިރު ޞަލާޙަކީ މޮޅު ކުޅުންތެރިއެކެވެ. ދެން ފާހަގަ ކުރެވެނީ އަޙްމަދު ޙިޖާޒީއާއި، މުޙައްމަދު އަލްނަނީއެވެ. މިސުރަކީ ސަރަހައްދުގެ މޮޅު ޓީމެކެވެ.
ދެވަނަ މެޗުގައި މިރޭ އަށެއް ޖަހާއިރު ބައްދަލު ކުރާނީ މޮރޮކޯއާއި އީރާނެވެ. މިއީވެސް ގުރޫޕު ބީގެ މެޗެކެވެ. މިއީ ސަރަހައްދީ ފުޓުބޯޅައަށް ބަލާއިރު މޮޅު ދެ ޓީމެވެ. މޮރޮކޯއަކީ ވޯލްޑްކަޕްގައި މޮޅު ކުޅުން ދައްކާފައިވާ ޓީމެކެވެ.
މިއަދާއި މިރޭގެ މެޗުތަކަށް ބަލާއިރު އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވެނީ މިރޭ އެގާރަ ޖަހާއިރު ފަށާ ޕޯޗުގަލް ސްޕެއިން މެޗެވެ. އެއީ ގްރޫޕް ބީ ގެ މެޗެކެވެ. އެ ގުރޫޕުގެ ލަފާ ކުރުންތަކަށް ބަލާއިރު އެއްވަނަ ހޯދާނޭ ޓީމެއް ކަނޑައެޅުން ފަސޭހައެއް ނޫނެވެ. ސެޕެއިންއާއި ޕޯޗުގަލްއާ ދެ ޓީމަކީވެސް އެއްވަރުގެ މޮޅު ދެ ޓީމެވެ. އެހެންވީމާ ވާދަވެރިކަން ފެނިގެންދާނީ މި ދެ ޓީމުގެ ދެމެދުގައެވެ.