
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބި ކަނބަލުން ފާތިމަތު އިބްރާހީމް ދީދީ މާދަމާ އީދު ހަދިޔާ ބައްސަވާނެ އެވެ. ހަދިޔާ ބެއްސެވުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 10:00 އަށް ރަސްރަނި ބަގީޗާގައި އޮންނަ އީދު ސަލާމް ކުރެއްވުމަށްފަހުގައެވެ.
މާދަމާ ބެހުމަށް ހަމަޖެހިފައިވާ އީދު ހަދިޔާ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އެމަސައްކަތުގައި އިސްކޮށް އުޅުއްވާ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު ޔާމީން ރަޝީދު ވިދާޅުވެފައިވަނީ މިއީ އެއްގޮތަކަށް ވެސް ސިޔާސީ މަގުސަދެއްގައި ބަހާ ހަދިޔާއެއް ނޫންކަމަށެވެ. މިއީ ހަމަ ރައީސް ދެކަނބަލުން އީދާ ދިމާކޮށް އިޖުތިމާއީ ކަމެއްގެ ގޮތުގައި ކުރައްވާ ކަމެއްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހަދިޔާގެ ގޮތުގައި ބައްސަވަނީ ސީދާ ކޯއްޗެއް ކަމެއް ނޭނގުނަސް ހަދިޔާތަކުގެ ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކދިންނާ ގުޅޭ އެއްޗެހިވެސް ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.