ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މިއަދު ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެތިން ބޭފުޅުންގެ މައްޗަށް ހުކުމް ކުރެއްވި އެއް އަހަރާއި ހަތްމަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.
އެ ތިންބޭފުޅުން ޖަލަށް ލެއްވުމަށް ހުކުމްކުރެއްވީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި، ގާނޫނީ ލަފާދިނުމުގެ ހުއްދައާއި، ވަކީލުކަން ކުރެއްވުމުގެ ހުއްދަ ބާތިލް ކުރެއްވުމަށްފަހުގައެވެ.
މިފަދަ ހުކުމެއް އެ ތިންބޭފުޅުންގެ މައްޗަށް އައީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމަށް ދައުލަތުން އުފުލައިފައިވާ އެބޭފުޅުންގެ މައްޗަށް ސާބިތުވުމުންނެވެ.
ފުލުހުން އެ ތިން ބޭފުޅުންގެ ފޯނު އަތުލަން އުޅުނީ އެބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާބެހޭ ހެކި އޭގައި ހުރިކަމަށްބެލެވޭތީ ކަމަށް ހެކިންގެ ހެކިބަހުން ސާފުވާ ކަމަށް ހުކުމުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވެފައިވެއެވެ. މިމައްސަލަ ބައްލަވަމުން ގެންދެވިއިރު އެ ތިންބޭފުޅުންނަށްވެސް އެކަށީގެންވާ ވަގުތު ދެއްވައިފައިވާ ކަމަށާއި ވަގު ދެއްވުމަކީ އެބޭފުޅުން ބޭނުންފުޅުވާ ވަރަކަށް ވަގުތު ދެއްވުންނޫން ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
ތިން ބޭފުޅުންނަށް އަދަބު ކަނޑައަޅުއްވައި ހުކުމް އިއްވުމަށްފަހު ދެއްވި ފުރުސަތުގައި ތިންބޭފުޅުންވެސް ވަނީ އަދަބާމެދު ދެކޮޅު ހައްދަވައިފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ވަކީލުން ނެތީސް ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި އެހެންވީމާ ކުށް ސާބިތުވި ކަމަށް ވެސް ގާބޫލު ނުކުރައްވާ ކަމަށެވެ.