ގުލްފިޝާމް އަނެއްކާ ވެސް ތައުލީމީ ދާއިރާއަށް

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ގޮފީގެ ހިޔުމަން ރިސޯސް ޑިޕާޓްމަމްޓުގެ ޑެޕިޔުޓީ ޑިރެކްޓަރެއްގެ ވަޒީފާގައި އިންނެވި އާމިނަތު ގުލްފިޝާމް އަނެއްކާވެސް ތައުލީމީ ދާއިރާއަށް ބަދަލުވެއްޖެއެވެ.

ޕޮލިޓިކްސް ދޫކޮށް އޭނާ މިފަހަރު ބަދަލުވީ މައިކޮލެޖު ހިންގާ މިއާންޒް ކުންފުނިން އައްޑޫގައި ފެށުމަށް ހަމަޖެހިފައިވާ "މިއާންޒް އިންޓަރނޭޝަނަލް ސްކޫލް" ގެ ޕްރިންސިޕަލަކަށެވެ.

އެ ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި ނުވަތަ އޯގަސްޓް މަހުގައެވެ. އެ ސްކޫލު ހިންގެވުމުގެ ޒިންމާއާ އޭނާ ހަވާލުވީ ތައުލީމީ ދާއިރާގައި ކުރިން ހޭދަކޮށްފައިވާ 14 އަހަރުގެ ތަޖުރިބާއާ އެކުގައެވެ. ގުލްފިޝާމް ވަނީ އިސްކަންދަރު ސްކޫލާއި، ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލުގައި މަސައްކަތް ކުރައްވައިފައެވެ. ފެނަކައަށް ބަދަލުވުމުގެ ކުރިން އިންނެވީ ޝަރަފުއްދީން ސްކޫލުގެ ޓީޗަރަކަށެވެ.

"ޕޮލިޓިކްސްއަށް ވަނީ ސިޓީއަށްކަމެއް ކޮށްދެވިދާނެ ކަމުގެ ވަރަށްބޮޑު އުންމީދުގައި. އެކަމަކު މިވަގުތު ބޭނުންވަނީ ޕޮލިޓިކްސްއާ ދުރުވެ ކުރިން ސާދައަހަރު އަޅުގަނޑު ހޭދަކޮށްފައިވާ ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރަން،" ގުލްފިޝާމް ވިދާޅުވިއެވެ.

މިއާންޒް އިންޓަރނޭޝަނަލް ސްކޫލުގައި ޕްރައިމަރީ ތައުލީމުން ފެށިގެން ހައިސްކޫލާ ހަމައަށް ކިޔަވައި ދެއްވާނެއެވެ. އެހެންނަމަވެސް ފަށައިގަންނާނީ ޕްރީސްކޫލް ތައުލީމުންނެވެ. އަންނަ އަހަރުން ފެށިގެން ގްރޭޑު ކުލާސްތަކަށް ކިޔަވައި ދެއްވަން ފައްޓަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ކުދިން ލިބޭ ވަރަކުން ސްކޫލް ފުޅާކުރަމުންދާނެ ކަމަށް ގުލްފިޝާމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.