ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަރުތަކުގެ ދުޅަހެޔޮ ކަމުގެ މައްޗަށް: ތާރިގު

ރާއްޖޭގެ ޓުއަރިޒަމާއި މަސްވެރިކަން ބިނާވެފައިވަނީ ރާއްޖޭގެ ފަރުތަކުގެ ދުޅަހެޔޮ ކަމުގެ މައްޗަށް ކަމަށް ތީމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަޔުގައި ދެއްވި ޚިތާބުގައެވެ. "ދުނިޔޭގެ ނިސްބަތުން ފަސްވަނައަށް އެންމެ މުއްސަނދި ފަރުގެ ނިޒާމް ދިވެހިންނަށް މިވަރު ކުރައްވައިފައިވާއިރު މިނާޒުކު ފަރުގެ ދުޅަހެޔޮ ކަމަކީ މިގައުމުގެ އިގްތިސާދު އޭގެ މައްޗަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެވެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެފަދަ ފަރުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުންދާ ކަމަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ހުރިހާ ދިރުންތަކަށް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންވެރިކަމާއި، މަސްވެރިކަން ގުޅިފައިވާ ގޮތަށް އެއްގަމުގެ ދިރުންތަކާއި، ދޫނި ސޫފާސޫވެސް ވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އާޚިރުގައި އިންސާނާގެ ސިއްހަތާއި ދުޅަހެޔޮކަމާއި އެކަމަށް ބޭނުންވާ އެތައް އަސާސީ ހައްގުތަކެއްވެސް މިގުދުރަތީ ދިރުންތަކާ ވަނީ ގުޅިލާމެހިފައެވެ. މިގޮތުން ސާފުވައި، ކެއުން ބުއިން، ފެނުގެ ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުން ހިމެނެއެވެ." މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ތިމާވެއްޓާ ރައްޓެހި އާދަތަކަށް ބަދަލުވުމުގެ އަޒުމް އައުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އޮފީސް މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް އަމަލު ކުރުމަކީ ރާއްޖޭގެ ރީތި ވެށީގެ ހައްގުގައިވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ޕްލާސްޓިކް ކުނި ގިނަވެ އޭގެ އާޚިރު މަންޒިލަކަށް ކަނޑާއި ގޮނޑުދޮށް ވެފައިވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެގޮތަށް އެކަންވާނަމަ ކަނޑުތަކުގެ މަހަށްވުރެ ޕްލާސްޓިކް ގިނަވެ ކަނޑުމަތީގެ ހުރިހާ ނަސްލެއްގެ ދޫނީގެ ކެއުމުގެ ތެރޭގައި ކުންޏަށް އުކަލެވޭ ޕްލާސްޓިކް ހިމެނިދާނެ ކަމުގެ އިންޒާރުވެސް ވަނީ ލިބިފައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެކަން އެހެން ވެއްޖެނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.