
މިހާރު ފެތުރެމުންދާ އިންފުލުއެންޒާ އޭއަށް ޕޮސިޓީވް ވެފައިވާ މީހަކު މަރުވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ކުރަމުން ދަނިކޮށް މަރުވީ 84 އަހަރުގެ މީހެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އުމުރުން ދުވަސްވީ އެމީހާ މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އިންފުލުއެންޒާ އޭ ޖެހިގެން މީހަކު މަރުވިއިރު އެ ހުން ޖެހިގެން އަންނަ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށް ހޮސްޕިޓަލު ތަކުން ވަނީ ބުނެފައެވެ.
އެގޮތުން ހުމުގެ ނުރައްކާ ބޮޑުވެ ހުން ޖެހިގެން ފަރުވާ ކުރަން އަންނަ މީހުން ގިނަކަމުން އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ވަނީ އެކަމަށް ޚާއްސަކޮށް ޑެސްކެއްވެސް ބަހައްޓައިގެން ފަރުވާދޭން ފަށާފައެވެ. އޭޑީކޭއިން ބުނީ ފާއިތުވީ ދެތިން ދުވަސް ތެރޭގައިވެސް 200 އަށްވުރެ ގިނަ މީހުން ހަމައެކަނި ހުން ޖެހިގެން އައިސްފައިވާ ކަމަށެވެ.
އިންފުލުއެންޒާ އޭ އަކީ އެ ހުން ޖެހުމުން އަވަސް ފަރުވާ ނުދެވި ލަސްވެއްޖެނަމަ ބަޔެއް ފަހަރު ފުރާނައަށްވެސް ނުރައްކާ ވެގެންދާ ހުމެކެވެ.