'ތާރީޚުގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ' ދަތިކުރުމުގެ ފިޔަވަޅުގެ އިންޒާރާއެކު، އެމެރިކާގެ 12 ޝަރުޠެއް އީރާނަށް

އީރާނުގެ ރައީސު ހަސަން ރޫހާނީ

އީރާނާ ދެކޮޅަށް ކުރިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައި، އޭގެ އިތުރަށް މުޅިން އާ ފިޔަވަޅުތަކަކާއެކު 'ތާރީޚުގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް' އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ދެއްވައިފިއެވެ.

26 އޭޕްރީލް 2018 ގައި އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ސިޔާސަތު ހާމަކުރެއްވުމަށް ފުރަތަމަ ދެއްވި ތަގްރީރުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ އީރާނާ ގުޅޭ ޑިޕްލޮމެޓިކް މަގުޗާޓެއް ހާމަކުރައްވާފައެވެ. އަދި އީރާނު ސަރުކާރުގެ އަމަލުތަކާ ކުރިމަތިލުމުގައި އެމެރިކާއާއި ބައިވެރިވުމަށް އެމެރިކާގެ އެކުވެރިންނަށް ގޮވާއިލައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފެށުމެކެވެ. ދުވަސްވާ ވަރަކަށް އެ ފިޔަވަޅުތައް ދާނީ ވަރުގަވަދަ ވަމުންނެވެ.

"އީރާނު ސަރުކާރުން ދަނީ މެދު އިރުމަތީގައި ތަފާތު މައިދާން ތަކުގައި ހަނގުރާމަކުރަމުން. ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމާއެކު ދެން އެމީހުން ހަނގުރާމަކުރަން ޖެހޭނީ ދެމިތިބުމަށްޓަކައްޔާއި، އަމިއްލަ ނަފުސު ދިފާއުކުރުމަށްޓަކައި. އެމީހުންނަކަށް ދެކަން އެއްފަހަރާ ނުކެރެވޭނެ" އިތުރަށް ތަފްސީލު ދެއްވަމުން ޕޮމްޕެއޯ ވިދާޅުވިއެވެ.

މި ތަގުރީރުގައި އޭނާ ވިދާޅުވީ އެމެރިކާއިން އީރާނާއެކު ނިއުކުލިޔާ އެއްބަސްވުމުގައި އަލުން ބައިވެރިވާނީ އީރާނުން 12 ޝަރުޠެއް ފުރިހަމަކުރުމުން ކަމުގައެވެ. އެ 12 ޝަރުޠަކީ:

• އީރާނުގެ ނިއުކުލިޔާ ހަކަތަ ޕްރޮގްރާމުގައި އަސްކަރީ ގޮތުން ކުރިހޯދިފައިވާ ވަރާއި، އެފަދަ މަސައްކަތްތައް ކުރިން ކޮށްފައި، މިހާރު ބަންދުކޮށްފައި ހުރި ތަންތަން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ފުރިހަމައަށް ދެއްކުން.

• ޔުރޭނިމައަމް ފައްކާކުރުން ހުއްޓާލުމާއި، ޕްލުޓޯނިއަމްގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރުމާއި، ބަރު ފެނުގެ ރިއެކްޓާ ބަންދުކުރުން.

• ގައުމުގައި ހުރި ނިއުކުލިޔާ ޕްރޮގްރާމާއި ބެހޭ ހުރިހާ ތަނެއް އެއްވެސް ހިފެހެއްޓުމެއް ނެތި ބަލައި ފާސްކުރުމުގެ ހުއްދަ އައިއޭއީއޭ އަށް ދިނުން.

• ބެލިސްޓިކް މިސައިލް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލައި، ނިއުކުލިޔާ ގާބިލުކަން ލިބިފައިވާ މިސައިލް އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާލުން.

• އެމެރިކާގެ ރައްޔިތުންނާއި، އެމެރިކާގެ އެކުވެރި ގައުމުތަކުގެ ހުރިހާ ރައްޔިތުން ދޫކޮށްލުން.

• ހިޒްބުﷲ އާއި ހަމާސް އާއި އިސްލާމިކް ޖިހާދު ފަދަ މެދުއިރުމަތީގެ 'ޓެރަރިސްޓް' ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުން.

• އިރާގު ސަރުކާރުގެ ސިޔާދަތު ގަބޫލުކޮށް، ޝީޢާ މިލިޝީޔާތައް ރޫޅާލައި، އެމީހުންގެ ހަތިޔާރު އަތުލުމަށް މަގުފަހިކުރުން.

• ޙޫޘީންނަށް ކުރާ ތާއީދު ހުއްޓާލައި، ޔަމަނަށް ސުލްހަވެރި ސިޔާސީ ހައްލެއް ގެނައުމަށް މަސައްކަތްކުރުން.

• އީރާނުގެ އަމުރުވެރުކަމުގެ ދަށުގައިވާ ހުރިހާ އަސްކަރީ ބާރުތަކެއް މުޅި ސީރިޔާއިން ފޭބުން.

• އަފްޣާނިސްތާނުގައި ޠާލިބާންއާއި އެފަދަ އެހެން 'ޓެރަރިސްޓް' ޖަމަޢަތަކަށް ތާއީދުކުރުން ހުއްޓާލައި، އަލްގާއިދާގެ އިސްވެރިންނަށް ހިމާޔަތް ދިނުން ހުއްޓާލުން.

• އިސްލާމިކް ރިވޮލިއުޝަނަރީ ގާޑާ ގުޅުން އޮތް ގުދުސް ފޯސަސްއިން ދުނިޔޭގެ ކަންކޮޅުތަކުގައި 'ޓެރަރިސްޓުން'ނަށާއި 'ހަނގުރާމަވެރިންނަށް' ދޭ އެހީތެރިކަން ހުއްޓާލުން.

• އިސްރާއީލު ނައްތާލާނެކަމަށް އިންޒާރު ދިނުމާއި، ސައޫދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިސައިލް ހަމަލާދީފާނެ ކަމުގެ އިންޒާރުދިނުން ފަދަ، އީރާނުގެ އަވަށްޓެރިންނަށް (އޭގެ ތެރޭގައި ގިނައިން ތިބީ އެމެރިކާގެ އެކުވެރިން) ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލައި، ބައިނަލް އަގްވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާ ކުރުމާއި، ސައިބާ ހަމަލާތައް ދިނުން ހުއްޓާލުން.

މި ޝަރުޠުތަކުގެ ޖަވާބުގައި އީރާނުން ބުނީ އެގައުމުގެ ވެރިކަން ވައްޓާލަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓަށް ފާޑުވިދާޅުވަމުން އީރާނުގެ ރައީސު ހަސަން ރޫހާނީ ވިދާޅުވީ އީރާނާއި ދުނިޔޭގެ އެހެން ގަމުތައް ކުރަންވީ ކަންތައް އެނގުމަކީ އެމެރިކާއިން ކުރަންޖެހޭ ކަމެއް ނޫން ކަމުގައެވެ.

"އީރާނަށާއި ދުނިޔެއަށް ކަންކުރަންވީ ގޮތް އަންގަން ކަލޭމެން ތީ ކޮންބައެއް؟ ކުރަންވީ ކަންތައް އެމެރިކާއިން ކަނޑައެޅުމަކީ މިއަދުގެ ދުނިޔެ ގަބޫލުކުރާނޭ ކަމެއް ނޫން. ގައުމުތައް މިހާރު މިތިބީ މިނިވަން ވެފައި. އެ ދުވަސް މާޒީވެ ހިނގައްޖެ. އަހަރުމެންގެ މީހުންގެ ތާއީދާއެކު އަހަރުމެންގެ ގޮތުގައި އަހަރުމެން ދާނީ ކުރިއަށް" ރައީސު ހަސަން ރޫހާނީ ވިދާޅުވިކަމުގައި އީރާން ނިއުސް އެޖެންސީން ޚަބަރުދީފައި ވެއެވެ.

 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.