ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމުގެ މުހިންމުކަން

އެންމެ ތުއްތު އިރުން ފެށިގެން މައިންބަފައިން ދަރިފުޅުގެ މުސްތަޤުބަލުގެ ހުވަފެންތައް ދެކެން ފަށައެވެ. ކުއްޖާ މޮޅު ކުއްޖަކަށް ހެދުމަށް ޓަކައި އެބައެއްގެ ޤާބިލްކަންހުރި މިންވަރަކުން ތަޢުލީމީ ކަންކަން ފަށައިގަނެއެވެ. ސްކޫލަށް ފޮނުވުމުގެ އިތުރުން ޓިއުޝަންތަކަށް ފޮނުވައިގެން ކުއްޖާއަށް ތަޢުލީމީ ރޮނގުން ގިނަ ކާމިޔާބީތައް ހޯދައި ދިނުމަށް މަސަައްކަތް ކުރެއެވެ. މައިންބަފައިންގެ މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާ ސްކޫލު ނިންމާލަނީ މައިންބަފައިން ބޭނުންވިފަދަ މޮޅު ނަތީޖާއާއެކުގައެވެ. ތަޢުލީމީ ރަންވަނަތަކާއެކުގައެވެ.

މައިންބަފައިން ނޫނީ އެހެން ބަޔަކު ތިމާއަށްވުރެ އަނެކާ މޮޅުވާން ނޭދޭނެކަން ކަށަވަރެވެ.  

ވަރަށް ފަހުން ހިނގާ ދިޔަ ހަޤީޤީ ހާދިސާއެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. އޭލެވެލް އިމްތިޙާނުގައި ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރެކެެވެ. ކުއްލިއަކަށް ދިމާވީ ބަލިމަޑުކަމެއްގައި ފަރުވާ ދެމުންގޮސް ހާލަތު ދަށްވެ އައިސީޔޫގައި ބާއްވަން ޖެހުނެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެއްދުވަހަކު އެކުއްޖާ ބައްޕަ ގާތުގައި ކަމަކު އެދުނެވެ. އެއީ އޭނާގެ ތަޢުލީމީ ފާސްތަކުން ލިބިފައި ހުރި ސަނަދުތައް ގެނެސް ދެއްވުމަށެވެ. އައިސީޔޫގައި ބަލިހާލުގައި އޮވެ ދަރިފުޅު އެ ސަނަދުތައް ބޭނުންވަނީ ކީއްވެގެންތޯ ބައްޕަގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ދަރިފުޅު ބޭނުންވި ފަދައިން އެސަނަދުތައް ބައްޕަ ކުއްޖާއަށް ގެންގޮސް ދިނެވެ. ކުއްޖާ އެސަނަދުތަކުގައި ހިފައިފައި ބުންޏެވެ. ބައްޕާއެވެ. ބައްޕަ ބޭނުންވީ އަޅުގަނޑު ކިޔަވައިގެން މޮޅުވުމަށް ނޫންތޯއެވެ. އެކަން އަޅުގަނޑު ބައްޕައަށް ޓަކައި ކޮށްދީފީމެވެ. މި ސަނަދު ތަކުން މިއަދު އަޅުގަޑަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މި ސަނަދުތައް ބައްޕަ އަށެވެ. އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް އުޅެން ބައްޕައަށް އަޅުގަނޑަކަށް ދަސްކޮށެއް ނުދެއްވެވުނެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިދުނިޔެ ދޫކޮށް ދާންޖެހޭ ވަގުތު ޖެހިއްޖެ ހެންނެވެ. އެވާހަކަތައް ދެއްކިތާ މާގިނަ އިރުތަކެއް ނުވެ، އެކުއްޖާގެ ފުރާނަ މިދުނިޔެއާ އަލްވަދާޢު ކިޔެވެ. އެ ފުރާނައަށް ހެޔޮރަޙުމަތް ލައްވާށިއެވެ.  

މިއީ އަޅުގަނޑުމެން ޢިބްރަތް ޙާޞިލް ކުރަންވީ ކަންކަމެވެ. އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރާނީ ކިހިނެއްތޯ އެވެ؟ އެކުދިންނަށް ކާންބޯންދީ އަންނައުނު ހޯދައިދީ ބޭނުންވާހާ ކަމެއް ކޮށްދީގެންތޯއެެވެ؟ ތަޢުލީމީ ރަންވަނަތައް ހޯދުމަށް މަސައްކަތްކޮށްދީގެެންތޯއެވެ؟ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު އަޅުގަނޑުމެން އެކުދިން ތަރުބިއްޔަތު ކުރަންޖެހޭނީ އެކުދިންނަށް ދެދުނިޔޭގެ ހެވާއި ލާބަޔާއި މަންފާ ލިބޭ ގޮތަށެވެ. ހަމަ އެކަނި ދުނިޔެ ޙާޞިލްކުރެވޭ ގޮތަކަށް ނޫނެވެ. އެކަން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އިސްލާމީ ތަރުބިއްޔަތަކީ ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނުމަށް އޮތް ހުރަހެއް ނޫނެވެ. އިސްލާމްދީނަކީ އުނގެނުމަށް ގޮވާލާ ދީނެވެ. އަދި ދުނިޔެ ދުށް އެންމެ ކުޅަދާނަ ޢިލްމުވެރިން އުފެދިފައިވަނީ އިސްލާމީ އުއްމަތުންކަން އަޅުގަނޑުމެން އިސްލާމީ ތާރީޚް ދިރާސާކޮށްލުމުން އެނގޭނެއެވެ.

އިސްލާމީ ތަރުބިއްޔަތު ދިނުމަށް ވަކިވައްތަރެއްގެ ސްކޫލަކަށް ދަރިވަރުން ފޮނުވާކަަށް ނުޖެހެވެ. އެންމެ ފުރަތަމަ ފެށުމަކީ މަންމަގެ އުނގެވެ. އެއީ ތަރުބިއްޔަތާއި ތަޢުލީމުގެ ބިންގަލެވެ. މަންމަ އަކީ ހަރުދަނާ އިސްލާމީ ތަރުބިއްޔަތު ލިބިފައިވާ އަދި އެކަން ޢަަމަލީ ގޮތުން ދައްކާ މީހެއްކަމުގައި ވާނަމައެވެ. ހަމައެކަނި މަންމަ އެއް ނޫނެވެ. މަންމައާއި ބައްޕަ އަކީވެސް އިސްލާމީ އުޞޫލުތަކުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ހަރުދަނާ ބަޔަކަށް ވާންޖެހެއެވެ. އާޢިލާއެއް ފެށުމުގެ ކުރިން މިކަންކަމަށް ވިސްނައި އަނބިމީހާ އަދި ފިރިމިހާ ވެސް ޚިޔާރުކުުރުމަށް އިސްލާމްދީނުގައި ވަނީ ގޮވާލައިފައެވެ.

އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލާއި ދޭތެރޭގައި ވިސްނަން ޖެހެނީ ކުއްޖާ ދުނިޔެއަށް އުފަންވެ އެކުއްޖާ ތަޢުލީމީ ޙަޔާތް ފެށުމަށް ފަހުއެެއް ނޫނެވެ. ކުއްޖަކު ހޯދުމަށް ޚިޔާލުކުރާ ހިސާބުން ފެށިގެންނެވެ. ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް އެދޭނީ ދަރިންނަކީ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ދުޅަހެޔޮ ދަރިންނަށް ވުމަށެވެ. މާބަނޑު ދުވަސްވަރު ބޭނުންކުރެވޭ ބައެއް ކާބޯތަކެއްޗަކީ ކުއްޖާއަށް އޭނގެ ސަބަބުން ނުރައްކާވެދާނެ ކާބޯތަކެއްޗެވެ. އެހެންކަމުން މާބަނޑު ވުމުގެ ކުރިން އެކަންކަމުގެ މަޢުލޫމާތު ހޯދައި އެކަމަށް ރައްކާތެރިވާން ޖެހޭނެއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާއިރު ކުއްޖާ ދުނިޔެއަށް އުފަން ވުމާއެކު އެކުއްޖާއަށްޓަކައި  އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އެކަންކަމަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ނަބަވީ އިރުޝާދު ތަކުން އަޅުގަޑުމެންނަށް ހޯދެން އޮތް ކަންކަމެވެ. އެހެންކަމުން ކުއްޖާ ދުނިޔެއަށް އުފަން ވުމުގެ ކުރިން މިކަންކަމުގެ މަޢުލޫމާތު ހޯދައި ދެނެގަންނަން ޖެހެއެވެ.

މިކަންކަމުގެ ތެރޭގައި ދަރިފުޅު އުފަންވާ ހިނދު އޭނާގެ ކަނާތު ކަންފަތްދޮށުގައި ބަންގި އަދި ވައަތު ކަންފަތް ދޮށުގައި ޤަމަތް ދިނުން ހިމެނެއެވެ. މިއީ ޝައިތާނާގެ އުނދަގުލުން ކުއްޖާ ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަމެކެވެ. އަނެއްކަމަކީ ތަހްނީކް ކުރުމެވެ. ތަހްނީކް ކުރުމަކީ ކުއްޖާ އުފަން ވުމާއެކު ކަދުރުކޮޅަކުން ނުވަތަ މާމުއި ކޮޅަކުން ކުޖާގެ އަނގައިގެ ތެރޭގައި ރަހަ ލައްވާލުމެވެ.

ދަރިފުޅަށް ހަތްދުވަސްވާ ދުވަހު ނަންކިޔައި ބޯބާލައި ބޮލުން ބާލާ އިސްތަށީގެ ބަރުދަނަށް ޞަދަގާތް ކުރުން ހިމެނެއެވެ. ޞަދަޤާތް ކުރަން ޖެހޭނީ ރިއްސަށް އަގުކޮށް އޭގެ ބަރުދަނަށްވާ ފައިސާއިންނެވެ. ހަތްދުވަސްވާ ދުވަހު ކުއްޖާއަށްޓަކައި ޢަޤީޤާ ކަތިލުން ހިމެނެއެވެ. އަޤީޤާ އަކީ ބަކަރި ކަތިލުމެވެ. އަންހެން ކުއްޖެއްނަމަ އެއްބަކަރިއެވެ. ފިރިހެން ކުދިންނަށް ދެބަކަރިއެވެ. އަޅުގަނޑުމެނަކީ މުސްލިމުންކަމަށްވާއިރު އަޅުގަނޑުމެންގެ ދަރިނަށް ކިޔަން ޖެހޭނީ ރަނގަޅު މާނަ އެކުލެވޭ އިސްލާމީ ރިވެތި ނަންނަމެވެ. މިކަންކަމަކީ ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމަށްޓަކައި ކުރަޖެހޭކަންކަންކަމަށް ރަސޫލާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ނަބަވީ އިރުޞާދުތަކުން ފެންނަން ހުރި ކަންކަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމާއި ދަރިން ބަލައި ބޮޑުކުރުމަކީ ވަރަށް ތަފާތު ދެކަމެވެ.  މުސްލިމު ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ކަމަކީ އެކުދިންގެ ދީނީ އަޤީދާ ވަރުގަދަ ކުރުމެވެ. މިކަންކުރެވޭނީ ކުއްޖާ އެންމެ ތުއްތު އިރުން ފެށިގެން އަޅާ ތަރުބިއްޔަތުގެ ބިންގަލުން ފެށިގެންނެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުތާހިރުކަން މަތީގައެވެ. ދެންފަހެ އެކުއްޖާ ޔަހޫދީއަކަށް ހަދަނީ ނުވަތަ ނަސްރާނީއަކަށް ހަދަނީ ނުވަތަ މަޖޫސީއަަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ."

ދަރިން ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެން އަދާކުރާ އެހެން ވަޒީފާތައް ފަދައިން ވަކި ގަޑިއެއް ކަނޑައަޅައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ 24 ގަޑިއިރުގެ މަސައްކަތެކެވެ. ދަރިފުޅު އުފަން ވީއްސުރެ ހިނގާ ކޮންގެ ސިކުންތަކީވެސް ކޮންމެ މިނެޓަކީވެސް އަދި ކޮންމެ ގަޑިއަކީ ތަރުބިއްޔަތުގެ ވަގުތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.