އިސްލާމްދީން ގަބޫލް ނުކުރާ މީހުންނަށްވެސް ދިވެހިރާއްޖޭގެ ކަންކަން ނިންމުގައި ބަސް ކިޔުމުގެ ފުރުސަތު އޮންނަވާނެޔޭ ބައެއް ފަރާތްތަކުން ބުނީމާ ދިވެހިން ކަންބޮޑުވާނެ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ބޭރުގެ ގައުމު ތަކުގެ ގާނޫނޫ އަސާސީގައި އެމީހުންގެ ދީނަކީ މިވެނި ދީނެކޭ ލިޔެފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވަނީ އިސްލާމްދީން މުހިންމުވާލެއް ބޮޑުކަމުން ކަމަށެވެ.
"އެހެން ލިޔެފައި އޮންނަ އިރު އަޅުގަނޑުމެންނަށް މަޝްވަރާދޭ ކަންކަމުގައި އެހީދޭ ފަރާތްތަކަށް ދިވެހިރައްޔިތުންގެ ގޮތުގައި ތިބޭމީހުންގެ ތެރެއިން އިސްލާމްދީން ގަބޫލުނުކުރާ މީހުންނަށްވެސް ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގައި ބަސްކިޔުމުގެ ފުރުސަތު އޮންނަން ވާނެޔޭ ބުނީމާ ދިވެހިން ކަންބޮޑުވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމް ބައްޕައެއްގެ ދަރިއަކުވެސް އިސްލާމްދީން ގަބޫލު ނުކުރާ ކަމަށްވަންޏާ ތަރިކަ މުދަލުންވެސް އޭނާއަށް މުދަލެއް ނުލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެންނަކީ އިސްލާމުން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަ ނުދޭނެ ކަމަށެވެ. އެގޮތަށް "އަޅުގަނޑުމެން ކަނޑައަޅައި ބުނާއިރު އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި ހަމަ ދިވެހި ރައްޔިތުން އިސްލާމްދީން ގަބޫލުނުކުރާ ނޫނީ އިސްލާމްދީނާ ހެދި އެމީހުންނަށް ދަތިވާ ކަންތައްތަކެއް ހުރެގެން އެކަންކަމުގެ ވާހަކަ ދައްކާ މީހުންނަށް އަޅުގަނޑަކަށް ނުވިސްނޭ އަމިއްލަ މައިންބަފައިންގެ ތަރިކައިން ވާރުތަ ނުވާ އެއްޗެއް މުޅި ގައުމުގެ ދައުލަތުގެ ތަރިކައިން ދޭންޖެހޭނެ ކަމަކަށް،" ރައީސް ވިދާޅުވިއެވެ.
އެހެންވީމާ ދިވެހިންގެ ކަންކަން ނިންމުމުގައި އެމީހުންގެ ބަހެއް މުހިންމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. "އެމީހުންގެ ބަސްއަހާކަށް ނުޖެހޭ. އެއްގޮތަކަށްވެސް އަހާކަށް ނުޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ މީހުން އެންމެ ހެޔޮވަރުވާނީ އިސްލާމްދީނާ ދެކޮޅު އިސްލާމްދީނާ އަދާވާތްތެރިވާ ދައުލަތްތަކުގައި ތިބެގެން އެމީހުން އެކުރާ މަސައްކަތަކާ އެފިކުރެއް އެމީހުން އެތަބާވެގެން މިހާރު އެތިބި ފިކުރަކަށް ފާހަގަތިކަން ގެނައުން ކަމަށެވެ.