ރައީސް ޔާމީން ފިޔަވައި ބޯހިޔާވަހިކަން ޙައްލު ކުރަން ކެރުނު ވެރިޔަކު ނެތް- މުއިއްޒު

ރާއްޖޭގައި އޮތް ގެދޮރު ނެތުމުގެ މައްސަލަތަކަށް ޙައްލެއް ގެންނަން ކެރިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގެދޮރާބެހޭ ވަޒީރު ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށާއި މި މައްސަލަ ރާއްޖެއަށް ކުރިމަތި ވެގެން މިއުޅެނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވެ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ނޫން ކަމަށެވެ.

ގެދޮރުގެ ޝަކުވާއަކީ ކުރީގެ ވެރިކަން ތަކުގައިވެސް ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވެރިކަން ކުރެއްވި އެހެން ބޭފުޅަކަށް މި މައްސަލަ ޙައްލުކޮށް ނުދެއްވުނު ކަމަށާއި ގެދޮރުގެ މައްސަލަ ޙައްލު ކޮށްދެވުމުގެ "ކެރުންތެރިކަމާއި ހިތްވަރު" ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލެ ސިޓީ އާއި ރާއްޖޭގެ އެހެން ސަރަހައްދު ތަކަށްވެސް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ކޮމްޕްލީޓް ވާއިރު ރާއްޖޭގައި ގެދޮރު ނެތުމުގެ އެއްވެސް ޝަކުވާއެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސަރުކާރުން ހިންގާ ބޯހިޔާވަހި ކަމުގެ މައްސަލަ ތަކަށް އިޝާރާތް ކުރައްވައި ޑރ މުއިއްޒު ވިދާޅުވީ މިހާރުވެސް ހައުސިންގ ޔުނިޓުތައް ގާއިމް ކޮށްފައިވާ ރަށްރަށުގައި ހުރި ތަންތަނުގައި ލަސްތަކެއްނުވެ މީހުންނަށް ދިރިއުޅޭ ވަރުވާނެ ކަމަށާއި އޭގެތެރެއިން ބަޔެއް ތަންތަނުގައި ކުރިޔަށް އޮތް ރޯދަ މަހުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.

ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި "ހާވާފައިހުރި ހަޑިތައް" މި ސަރުކާރުން ދަނީ ސާފު ކުރަމުން ކަމަށާއި އެގޮތުން ގުޅީ ފަޅުން ފްލެޓް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ހިންގި މަޝްރޫއުވެސް މި ސަރުކާރުން ރަނގަޅު ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބިން ހިއްކާފައިވާ ރަށްރަށުންވެސް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއަށް ބިން ބޭއްވުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން އެ ރަށްރަށުން ގޯތި ދޫކުރަމުން ދާނެ ކަމަށާއި އަދި ބިން ނުހިއްކައި ހުރި، ބިން އޮތް ރަށުގައިވެސް މިނިސްޓްރީގައި އޮންނަ އުސޫލުން ގޯތި ދޫކުރުމުގެ ހުއްދަ ދެމުންދާ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.