މިއީ މާއިން، ބޭނުން ވަނީ ކިޑްނީއެއް!

މިއީ ހއ. އިހަވަންދޫއަށް އުފަން އުމުރުން އެންމެ 11 އަހަރުގެ މުޙަންމަދު މައިން މޫސާގެ ވާހަކައެވެ. އަޑު އަހާލަން ފަސޭހަ ވާހަކައެއްނޫނެވެ. އާއިލާއިން ނުހަނު ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުންދާ ވާހަކައެކެވެ. ތިޔަލޮބުވެތި ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެއްގެ ފަރާތުން ދީލަތި ކަމުގެ އިންތިހާ އެހީއަކަށް މާއިން އާއި މާއިންގެ އާއިލާ އެދެމުންދާ ވާހަކައެވެ. ތިޔައިގެ ތެރޭގައި މާއިންއަށް ކިޑްނީއެއް ހަދިޔާ ކުރައްވަން ބޭނުން ވަނީ ކޮންބޭފުޅެއްތޯއެވެ. މާއިންގެ ވާހަކައަކީ މިއީއެވެ. މާއިންގެ މި ވާހަކަ ތިޔަހުރިހާ ބޭފުޅުންވެސް އަޑު އަހާލުން ކީއްތޯއެވެ. ބޭނުން ވަނީ ކިޑްނީއެކެވެ.

އުމުރުން 11 އަހަރުގެ މާއިންއަށް ސިއްޙީ މައްސަލަތަކެއް އެންމެ ފުރަތަމަ ކުރިމަތިވީވެސް ވަރަށް ޅަފަތުގައެވެ. އެންމެ ތިން މަހުގައެވެ. އެންމެ ތިން މަހުގައި މާއިންއަށް ކުރިމަތިވި ސިއްޙީ މައްސަލަތަކާއެކު މާއިންގެ މައިންބަފައިން ވަނީ އެކަމާއިގެން އުޅެންފަށާފައެވެ. މާއިންއަށް ކުރިމަތިވި ސިއްޙީ މައްސަލަތަކަށް ރާއްޖެ އާއި އަވައްޓެރި އިންޑިޔާއިން އޭނާގެ އާއިލާއިން ވަނީ މާއިން ގޮވައިގެން ގޮސް ފަރުވާ ހޯދަން ފަށާފައެވެ. އޭރު ކުރިމަތިވާން ފެށި މައްސަލައަކީ އާދަޔާ ޚިލާފަށް ކެއުމާ ދުރުވާން ފެށުމެވެ. ފަރުވާ ކުރަމުން ގޮސް އުމުރުން 2 އަހަރުގައި ޑޮކްޓަރުން ބުނީ ކުޑަކަމުދާ ނިޒާމުގައި ހުރި މައްސަލައެއް އޮޕަރޭޝަނެއް ކޮށްގެން ސިއްޙީ ގޮތުން އެ އަންނަ މައްސަލަތަކަށް ޙައްލެއް ލިބޭނެ ކަމަށެވެ. އޮޕަރޭޝަންވެސް ކުރިއެވެ. ނަމަވެސް ކުރިމަތި ވަމުން އައި ސިއްޙީ ތަފާތު މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވެ ބޮޑުވަމުންނެވެ. ފިޓްވެސް ޖެހެނީއެވެ.

އެންމެ ތިން މަހުގައި ކުރިމަތިވާން ފެށި ތަފާތު ސިއްޙީ މައްސަލަތަކަށް މާއިންގެ މައިންބަފައިންނާއި އާއިލާ މީހުން ގުޅިގެން ފަރުވާ ހޯދުމުގެ މަސައްކަތް ކުރިނަމަވެސް މިއަދު އުމުރުން 11 އަހަރު ވީއިރު މާއިންގެ އެންމެ ފަހުގެ ޚަބަރަކީ އޭނާއަކީ ދެކިޑްނީ ފެއިލްވެފައިވާ ކުއްޖަކަށްވުމެވެ. ކިޑްނީއެއް ދޭނެ މީހެއްގެ އިންތިޒާރުގެ ދުވަސްތައް ގުނަން ޖެހިފައިވާ ކުއްޖަކަށް ވުމެވެ. ހަފްތާއަކު ދެދުވަހު ޑައިލަސިސް ހަދަންޖެހޭއިރު ކިޑްނީ ބަލީގެ ސްޓޭޖު ވަނީ ފަހަކަށް ގޮސްފައެވެ.

މިވަގުތު މާއިން ހުރީ އިންޑިޔާގައެވެ. ފަރުވާ ހޯދަމުން ދަނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިން އެންމެގިނައިން ގޮސްއުޅޭ އެއްހޮސްޕިޓަލް ކަމަށްވާ އާނަންތަޕޫރީ ހޮސްޕިޓަލުންނެވެ. ކޮންމެ ހަފްތާއަކު އެތަނުން ދަނީ ޑައިލަސިސް ހަދަމުންނެވެ. އާނަންތަޕޫރީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފަޔަކީ ވީ އެންމެ އަވަހަކަށް ކިޑްނީ ބަދަލު ކުރުމެވެ. ލަސްނުކުރުމެވެ.

އެހެންކަމުން މާއިންގެ އާއިލާއިން މިހާރު އަތްފުނާ އަޅަމުން އެދަނީ އެކުއްޖާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ވޭތޯއެވެ. މާއިންގެ ލޯބިވާ މަންމަގެ އެންމެ ބޮޑު އާދޭހަކީ ދަރިފުޅަށް ކިޑްނީއެއް ހަދިޔާ ކޮށްދިނުމެވެ. މީގެއިތުރުން ޓްރިވެންޑްރަމްގައި ގިނަ ދުވަސްތަކު ފަރުވާއަށް ތިބެންޖެހި އާއިލާގެ އަތްމަތިވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަތި ވެފައެވެ. އެހެންވެ ތިޔަބޭފުޅުންގެ މާލީ އެހީތެރިކަންވެސް އެ އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ. އަދި މާއިންގެ މަންމަގެ ވަރަށް މުހިންމު އެދުމެއް އެބައޮތެވެ. ދަރިފުޅަށް ޝިފާ ދެއްވުން އެދި ތިޔަހުރިހާ ބޭފުޅުންވެސް ﷲ ގެ ހަޒްރަތުގައި ދުއާ ކޮށްދިނުމެވެ.

ވީމާ މިއަދު މާއިން އާއި މާއިންގެ އާއިލާ އެދަނީ ތިޔަހުރިހާ ބޭފުޅުންގެ އެހީތެރިކަމަށް އެދި އާދޭސް ކުރަމުންނެވެ. މާއިންއަށް ކިޑްނީއެއް ހަދިޔާކޮށް ދިނުމަށާއި މާލީ އެހީތެރިކަމަށް އެދިއެވެ.

މުހައްމަދު މާއިން މޫސާ އަށް އެހީތެރިވުމަށް ގުޅުއްވާނެ ފޯނު ނަންބަރަކީ،

# 7898999 ( އައިޝަތު އަޒްހާރާ/ މާއިންގެ މަންމަ) އެވެ.

# މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް: ބީއެމްއެލް އެކައުންޓް ނަންބަރު: 7714523536101 (މުހައްމަދު މާއިން މޫސާގެ މަންމަ އައިޝަތު އަޒްހާރާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.