ސީރިޔާއިން 'ވަރަށް އަވަހަށް' ފައިބާނަން: ރައީސު ޓްރަމްޕް

އެމެރިކާ ސިފައިންގެ ބަޔަކު ސީރިޔާގެ ރައްޤާގައި ހަރަކާތްތެރިވަނީ

އެމެެރިކާ ސިފައިން 'ވަރަށް އަވަހަށް' ސީރިޔާއިން ފައިބާނެ ކަަމުގައި އެމެރިކާގެ ރައީސު ޑޮނަލްޑް ޓަރަމްޕް ވިދާޅުވެއްޖެއެވެ. އަދި އެމެރިކާއިން މެދުއިރުމަތީގެ ހަނގުރާމަތަކަށް 7 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޮހާޔޯގައި މަސައްކަތްތެރިންނާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އެއްއިރެއްގައި އިސްލާމިކް ސްޓޭޓް ޖަމާއަތުން ކޮންޓްރޯލް ކުރި ހުރިހާ ސަރަހައްދެއްހެން އެމެރިކާ ސިފައިން މިހާރު އަތުލާފައިވާ ކަމުގައެެވެ. "އަހަރުމެން ވަރަށް އަަވަހަށް ސީރިޔާއިން ނުކުންނާނަން. ދެން، އެހެންމީހުން އެތަނުގެ ކަންތައް ބަލަަހައްޓަން ދޫކޮށްލަންވީ." އެތަައް ބައެއްގެ އަތްތިލަބަޑީގެ އަޑާއެކު އޭނާ ވައުދުވެވަޑައިގަތެވެ.
ދެން ސާރިޔާގެ ކަންތައް ބަލަހައްޓާނީ ކޮން ބައެއްކަން ޓްރަމްޕް ވިދާޅުވެފައި ނުވާއިރު، ސީރިިޔާގައި ރަޝިޔާ ސިފައިންނާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާކަން ފާހަގަކޮށްލަން ޖެެހެއެވެ.
"ވަރަށް އަވަހަށް .. ވަރަށް އަވަހަށް އަހަރުމެން ފައިބާނަން. އެބައިމީހުން ޚިލާފަތޭ އެކިޔާ ބިމުގެ %100 އަހަރުމެން އަތުލާނަން. އަަވަހަށް، ވަރަށް އަވަހަށް އަހަރުމެން އެބިންތައް އަނބުރާ އަތުލާނަން." އޭނާ ވިދާާޅުވިއެވެ. "އެކަމަކު އަހަރުމެން މިއުޅެނީ އެތަނުން ހަގީގަތުގައިވެސް ވަރަށް އަވަަހަށް ފައިބަން. އަހަރުންގެ ގައުމަށް އެނބުރި އަންނަން. އަހަރުމެން ތިބެން ޖެހޭ ތަނަކީ މިއީ." ރައީސު ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ސީރިިއާގެ އަމިއްލަ ބައެއް ހަނގުރާމަވެރިންނާއެކު އިސްލާމިކް ސްޓޭޓާ ހަނގުރާމަކުރުމަށް އިރުމަތީ ސީރިޔާގައި އެމެރިކާގެ 2000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވާ ކަމުުގައި ވެއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެމެރިކާ ސިފައިން ބައިވެރިވަމުން ދަނީ އިސްލާމިކް ސްޓޭޓް ބަލިކުރުމުގެ މަގްސަދުގައެވެ.
ޓްރަމްްޕް އަވަހަށް ސީރިޔާއިން ފައިބާ ވާހަކަ މިދެއްކެވީ ޖެނުުއަރީ މަހު އޭރުގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ސީރިޔާއާ ބެހޭ އާ ސިޔާސަތެއް އިއުލާންކުރައްވާފައި ވަނިކޮށެވެ. އެ ސިޔާސަތުގައި ބުނެފައިވަނީ އިސްލާމިކް ސްޓޭޓާއި، އަލްޤާޢިދާއަށް އެނބުރިއަޔަ ނުދިމުމަށާއި، އީރާނަށް ސީރިޔާގައި ފުރުސަތު ނުދިމުމަށް އެމެރިކާ ސިފައިން ސީރިޔާގައި ތިބެންޖެހޭ ކަމުގައެވެ. އެހެންނަމަވެސް، މިހާރު ޓިލާސަން ވަނީ ޚާރިޖީ ވަޒީރުކަމުން ވަކިކުރައްވާފައެވެ.
"އަހަރުމެން މެދުއިރުމައްޗަށް 7 ޓްރިލިއަން ޑޮަލަރު ޚަރަދުކޮށްފިން. އޭގެ ބަދަލުގައި އަހަރުމެންނަށް ލިބުނީ ކޮންެއެއްޗެއް. އަކައްޗެއްވެސް ނެތް." މުސްތަގުބަލުގައި އިސްކަން ދެެއްވާނީ ގައުމުގެ ވަތުއޮނިގަނޑު ބިނާކުރެއްވުމަށާއި، އާ ވަޒީފާތައް އުފެއްދުމަށްކަމުގައި ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.