ރިޝްވަތުގެ ގޮތުގައި 160 މިލިއަން ޑޮލަރު ހޯދި ވައިސް މޭޔަރަކަށް މަރުގެ އަދަބު

ލޫލިއާންގ ސިޓީގެ މަގެއް

ޗައިނާގައި ބޯޓުދެލީގެ މުއްސަނދިކަން ލިބިފައިވާ ޝާންޒީ ސަރަހައްދުގެ ރަށެއްގެ ވައިސް މޭޔަރަކު 1 ބިލިއަން ޔުއާން (ގާތްގަނޑަކަށް 160 މިލިއަން ޔޫއެސް ޑޮލަރު) ރިޝްވަތުގެ ގޮތުގައި ހޯދިކަމުގެ ކުށުގައި، އޭނާއަށް މަރުގެ އަދަބު ދޭން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޝާންޒީ ޕްރޮވިންސުގެ ލޫލިއާންގ ސިޓީގެ ވައިސް މޭޔަރު ޒަންގ ޒޮންގްޝެންގ އަށް ދެވުނު މިއަދަބަކީ 2012 ވަނަ އަހަރު ރައީސުކަމަށް ވަޑައިގެން ރައީސު ޝީ ޖިންޕިންގ ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތުގައި މީހަކަށް ދެވުނު އެންމެ ބޮޑު އެއް އަދަބެވެ.
ފަރުބަދައެއްގެ މަތީގައި ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއް ބިނާކޮށްފައިވާ ޒަންގ އެ ސަރަހައްދުގައި މަޝްހޫރުވެފައިވަނީ 'ގޯޑްފާދާ' ގެ ނަމުންނެވެ. އޭނާގެ ނުފޫޒު ގަދަކަމާ މުއްސަނދިކަމުގެ ސަބަބުންނެވެ.
އޭނާއަށް ހުކުމް އިއްވަމުން ލިންފެންގެ އިންޓަމީޑިއެޓް ޕީޕަލްސް ކޯޓުން ބުނެފައި ވަނީ އޭނާއަކީ 'އާދަޔާ ޚިލާފަށް ދަހިވެތި' މީހެއްގެ ގޮތުގައެވެ. އޭނާއަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމު ހައްގު އޭނާއަށް ލިބިގެން ވެއެވެ. އޭނާގެ ހުކުމާމެދު އެންމެ ފަހު ބަސް ބުނާނީ ބެއިޖިންގގައި ހުންނަ ޗައިނާގެ ސުޕްރީމްކޯޓުންނެވެ.
ޒަންގ އަކީ ރަށު ފެންވަރުގައި 40 އަހަރު ސަރުކާރަށް ޚިދުމަތްކޮށްފައިވާ މީހެކެވެ. ކޮމިއުނިސްޓް ޕާޓީގެ ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރާ ޔުނިޓުން އޭނާގެ މައްސަލަ ބަލަން ފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުގައި 1997 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު އޭނާ ވަނީ ރިޝްވަތުގެ ގޮތުގައި 1.04 ބިލިއަން ޔުއާން ހޯދާފައެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ގިނަ ވިޔަފާރިވެރިންތަކަކަށް ލޫލިޔާންގައި ބޯޓުދެލި ނެގުމުގެ މަސައްކަތް ފަށައި، ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ދީފައެވެ.
ރިޝްވަތުގެ ގިނަ މައްސަލަތަކެއް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، އެންމެ ބޮޑު ރިޝްވަތުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ 200 މިލިއަން ޔުއާންގެ ރިޝްވަތަކާއި 88.6 މިލިއަން ޔުއާންގެ ރިޝްވަތެކެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު ހުރި 300 މިލިއަން ޔުއާން ލިބުނު ގޮތެއްވެސް އޭނާއަށް ބުނެދެވިފައި ނުވެއެވެ.
މިމައްސަލައިން ދޭހަކޮށްދެނީ، ޗައިނާގެ ސިސްޓަމް ތެރެއިން ދަށު ފަންތީގެ މަސްއޫލުވެރިންނަށްވެސް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގުމަށް މަގުފަހިވެފައި އޮތް މިންވަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.