ނިންމުން ރަނގަޅު- ފްލެޓް ކުއްޔަށްދިން މީހުން އަތުން ފްލެޓް އަތުލަންޖެހޭ!

ބޯހިޔާވަހިކަން ކޮންމެހެން ދޭންޖެހޭ ފަރާތްތަކަށް އަމާޒުކޮށް ސަރުކާރުން އެންމެ ފަހުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި 661 މީހަކަށް ފްލެޓް ދީފައިވެއެވެ. އެއީ 15000 މީހުންގެ ބޮޑު ކުރިމަތިލުމަކުންނެވެ. އެންމެ ދަތި ޙާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް އަމާޒުކޮށް ސަރުކާރުން ކުރި ފްލެޓް އިއުލާނަށް ފޯމު ލާފައިވާ މީހުން ގިނަކަމުން ބޯހިޔާވަހި ކަމަކީ ކުރިމަތިވެފައި އޮތް ކިހާވަރެއްގެ ތަކުލީފެއްކަން ސާފެވެ.

15000 މީހުން ފްލެޓަށް އެދި އޭރު ފޯމު ލީއިރުވެސް ހަމަ މި ސުވާލު ކުރިމަތީގައި އޮތެވެ. ފްލެޓަށް އެދި ފޯމުލީ ހުރިހާ މީހުންނަކީވެސް ފްލެޓް ކޮންމެހެންދޭންޖެހޭ ފެންވަރުގެ މީހުންތޯ އުފެދުނު ސުވާލެވެ. އެހުރިހާ މީހުންނަކީވެސް ކުޑަތަންކޮޅެއްގައި ދަތި ދިރިއުޅުމެއް ހޭދަކުރަމުން އަންނަ މީހުންބާއޭ އޭރުވެސް ސުވާލު އުފެދިފައި އޮތީ ކަމެއްވީމައެވެ. ފްލެޓް ލިބޭ ކޮންމެ މީހަކީ ނުވަތަ އޭނާގެ އާއިލާއަކީ ލިބުނު ފްލެޓަށް ދިރިއުޅުން ބަދަލު ކުރާނެ މީހެއްތޯ ސުވާލު އޮތެވެ. ޔަގީންވާ ކަމަކީ ސަރުކާރުން އެމީހަކަށް ފްލެޓް ދިނުމުން ފްލެޓުގައި އުޅެން ޖެހޭނީ ލިބުނު މީހާކަމެވެ. އަދި އޭނާގެ އާއިލާ ކަމެވެ. މިއީ ފްލެޓް ލިބުނު ފަރާތާއި ސަރުކާރާ ދެމެދު ސޮއި ކުރެވޭ އެއްބަސްވުމުގައިވެސް އެންމެ ފުރަތަމަ އޮންނަ މާއްދާއެވެ. އެމީހަކީ ފްލެޓް ކޮންމެހެން ދޭންޖެހޭ ފެންވަރުގެ ދަތި ދިރިއުޅުމެއްގެ ތެރޭގައި އުޅޭ މީހެއްނަމަ އެއްބަސްވުމުގައި އޮތްގޮތަށް އެ ފްލެޓުގައި އުޅޭނީ އޭނާގެ އާއިލާކަން މިއީ ކަށަވަރު ކަމެވެ.

ނަމަވެސް ބަޔެއް މީހުންގެ ފަރާތުން ފެނުނީ އެކަމެއްނޫނެވެ. ލިބުނު ފްލެޓުގައި ދިރިއުޅުމުގެ ވިސްނުމެއް ބަޔެއް މީހުންގެ ނެތެވެ. ފްލެޓު ދިރިއުޅުމަށްވުރެ މިހާރުވެސް މާ އަރާމު ދިރިއުޅުމެއް ލިބިފައި އޮތުމުންނެވެ. އެހެންވެ ބަޔެއް މީހުން ހައުސިންގ މިނިސްޓްރީން ދެއްކި އެއްބަސްވުމުގައި ސޮއި ކޮށް، އިނގިލީގެ ނިޝާން ޖެހުމަށްފަހު އަވަސްވެގަތީ ފްލެޓް ބޮޑު އަގުގައި ކުއްޔަށްދޭށެވެ. އައިބޭ އާއި ފޭސްބުކުގައިވެސް ލިބުނު ފްލެޓް ކުއްޔަށްދޭން ޖަހަން ފެށިއެވެ. ސަރުކާރުން 6000 ރުފިޔާގެ މަހު ކުއްޔަށް ދޫކުރި 3 ކޮޓަރީގެ ފްލެޓް 15000 ރ އާއި 20000 ރ އަށް ކުއްޔަށް ދިނުމަށް ސޮއި ކުރުމުގެ ކުރިންވެސް ބަޔެއް މީހުންގެ ވިސްމުގައި އޮތް ކަމަށްވެއެވެ. ތިމާގެ ދިރިއުޅުން ފްލެޓަށް ބަދަލު ކުރަން ނުޖެހޭތީއެވެ. ބޯހިޔާވަހި ކަމަށް އެދި ރޮއި އާދޭސް ކުރަމުންދާ ކިތައް މީހުންގެ ލިސްޓަކުން ލިބުނު ތިމާއަށް ފްލެޓެއްކަން ހަނދާނެއް ނެތެވެ. ހިތްދަތި، ވޭންހުރި، ދަތި ދިރިއުޅުމެއް ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި އުޅޭ އެތަކެއްހާސް މީހުންވެސް ފްލެޓް ނުލިބުމުން މާޔޫސްވެ، ކަރު އެލުވާލައިގެން ތިއްބާ ތިމާ ހައުސިންގ މިނިސްޓްރީއަށް ދީފައިވާ މައުލޫމާތަށް ބަލައި ފްލެޓް ލިބުމުން ކުއްޔަށް ދިންއިރު ނުލިބުނު މީހުންގެވެސް އިހްސާސްތަކެއް ހުންނާނެއެވެ.

ފްލެޓް ދިނީ ހުށަހެޅި ފޯމަށް ބަލައި ކަނޑައެޅިފައިވާ އުސޫލުން ދެވިފައިވާ ޕޮއިންޓާއި، އޭނާގެ ދިރިއުޅުމުގެ ޙާލަތުވެސް ވަޒަން ކުރުމަށް ފަހު ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ފޯމުގައި ދީފައިވާ މައުލޫމާތާއި، ދިރިއުޅުމުގެ ޙާލަތު މިނިސްޓްރީއަށް ދައްކަމުން ދިޔައިރުވެސް ކުރިމަތިލީ މީހުންގެ ތެރެއިން ބަޔަކު މަކަރު ހަދަމުންދާކަން އޮތީ ސަމާލުކަމަށް އައިސްފައެވެ. އޭގެތެރެއިން ބަޔެއް މީހުން އެމީހުންގެ މަކަރު ކާމިޔާބު ކުރީތާއެވެ. ނަމަވެސް މަކަރާއި ހީލަތުން ފްލެޓް ހޯދައި، ލިބުނު ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދީގެން ނަފާ ހޯދަން ނިންމާފައިވާ މީހުންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ގެދޮރާބެހޭ މިނިސްޓްރީ އޭރުވެސް އޮތީ ތައްޔާރު ވެފައިކަން މިއަދު މިފެންނަ މަންޒަރުން އެބަ ކަށަވަރުވެއެވެ. 661 ފްލެޓް ދީފައިވާ ގޮތާމެދު ބަޔެއް މީހުންގެ ފާޑުކިޔުން އޭރު މިނިސްޓްރީއަށް އަމާޒުވީ 15000 މީހުންގެ ތެރެއިން ކޮންމެހެން ފްލެޓް ދޭންނުޖެހޭ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށްބުނެއެވެ. އާންމުންގެ އެ ވާހަކަތައް މިނިސްޓްރީން އަޑު އަހައި، ފްލެޓް ދެވުނު މީހުންގެ ތެރެއިން ފްލެޓް ހައްގުވެރި ނޫން މީހުންނަކީ ކޮބައިތޯ ދެނެގަތުމަށް މިނިސްޓްރީން ބަލަމުން އައިކަން މިއަދު ފްލެޓާބެހޭ ގޮތުން މިފެންނަ ސުރުޚީ ތަކުން އެބަ އެނގެއެވެ. އޭރުވެސް އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބަޔެއް މީހުން ފްލެޓުގައި ނޫޅެ އެއޮތްގެން ބޮޑު އަގުގައި ފްލެޓުތައް ކުއްޔަށް ދެނީއޭބުނެ ދެއްކި ވާހަކައެވެ.

މިވާހަކަތަކާއި މި ޝަކުވާތައް މި ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި އާންމުން ބަންޑުން ކުރަންފެށިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ފެނިގެން ދިޔައީ ގެދޮރާބެހޭ ވަޒީރު ޑރ މުޙަންމަދު މުއިއްޒުގެ ވަރުގަދަ ޓްވީޓެވެ. އެއްބަސްވުމާ ޚިލާފުވެ، ފްލެޓް ކުއްޔަށްދޭ މީހުންގެ އަތުން ފްލެޓް އަތުލައްވާނެ ކަމުގެ ވަރުގަދަ އިންޒާރެކެވެ. މިނިސްޓަރ މުއިއްޒުގެ މި ޓްވީޓާއެކުވެސް ފްލެޓް ކުއްޔަށް ދީގެންތިބި މީހުން ހީކުރީ އެއީ ހަމަ ކޮށްލެއްވި “ހުސް ޓްވީޓެއް” ކަމަށެވެ. އާންމުންގެ ޝަކުވާ މާބޮޑުވުމުން ޝަކުވާކުރާ މީހުން ހަމައަކަށް އަޅުވާލެވޭތޯ ހަމަ ހުރެލާފައި ވަޒީރު ޓްވީޓެއް ކޮށްލީ ކަމަށެވެ. އެހެންވެ ފްލެޓް ކުއްޔަށް ދީގެން ތިބި މީހުންނާއި ކުއްޔަށްދޭން މަސައްކަތް ކުރަމުންދިޔަ މީހުންގެ މަސައްކަތް ދިޔައީ ކުރިޔަށެވެ. ގެދޮރާބެހޭ ވަޒީރުގެ ޓްވީޓަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އެއީ އަމަލީ ސިފައެއް އަންނާނެ ޓްވީޓެއް ކަމަށް އެމީހުން ތިބީ ގަބޫލުކޮށްގެނެއްނޫނެވެ.

ނަމަވެސް ނަތީޖާ އައީ ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ. މިނިސްޓަރުގެ ޓްވީޓަށް ތިންމަސް ވާން އުޅެނިކޮށް މިއޮތީ ފްލެޓް ކުއްޔަށްދިން މީހުން އެ ޓްވީޓުގެ ދަށުވެ ފިތިފައެވެ. މި ޒަމާނުގައި ބަޔެއް ފަހަރު ޓްވީޓަކީވެސް އަންނަ ދެތިން މަހުގެ ނޯޓިހެއް ކަމަށްބަލައި ފްލެޓަށް އަމިއްލަ މީހާ ވަދެލިނަމައޭ މިއަދު ހިތަށް އަރާނެކަން ޔަގީނެވެ. މިއަދު އެމީހުން ޝަކުވާ ކުރަނީއެވެ. ސަރުކާރުން ފްލެޓް އަތުލާތީއެވެ. އެއީ އިންސާފެއްނޫނޭ ބުނެއެވެ.

ނަމަވެސް މި ހުސްވި ޖެނުއަރީ މަހު އެމީހުން އެ ފްލެޓް ކުއްޔަށް ދޭންފެށުމުން ފްލެޓް ނުލިބުނު މީހުން ޝަކުވާކޮށް، ފްލެޓް ކުއްޔަށް ދިނުމަކީ އިންސާފެއްނޫނޭ ބުނީމާ އެމީހުން އެ އަޑެއް ނޭހިއެވެ. ގަބޫލުކުރީ ތިމާމެން މިތިބީ އިންސާފުގެ މަތީގައި ކަމަށެވެ. ވީމާ މިއަދު ފްލެޓް އަތުލާތީ ކުރާނެ ޝަކުވާއެއް ހަގީގަތުގައި އޮވެގެނެއްނުވާނެއެވެ. ފްލެޓް ބޭނުންވި މީހުން ފްލެޓު ތަކުގައި އެބައުޅެއެވެ. ބޭނުން ނެތް މީހުން ވިޔަފާރި އުސޫލުން ކުއްޔަށް ދިނީއެވެ. ހައުސިންގ މިނިސްޓްރީން އެމީހުންނަށް ރަތްކާޑު އެދެއްކީ ދެ ރީނދޫ ކާޑު ދެއްކުމަށް ފަހުއެވެ. ދެ ރީނދޫ ކާޑަށް ފަހު ދެން އޮންނަ ހަމައެކަނި ގޮތަކީ ރަތްކާޑު ދެއްކުމެވެ. ކުޅެން ފުރުޞަތު ދިނުމެއްނޫނެވެ. ފުރަތަމަ ރީނދޫ ކާޑަކީ މިނިސްޓްރީއާއެކު އެމީހުންވި އެއްބަސްވުމެވެ. ދެވަނަ ރީނދޫ ކާޑު އައީ ޓްވީޓަކުންނެވެ. ރަތް ކާޑު މިއައީ މިނިސްޓްރީގެ ރަސްމީ ނޯޓިހަކުންނެވެ. އެފަދަ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން އަންގާފައި އެވަނީ ވަކި މުއްދަތެއްގައި ފްލެޓް ހުސްކޮށް މިނިސްޓްރީއާ ހަވާލު ކުރުމަށެވެ.

މިނިސްޓްރީގެ މި ނިންމުމަށް ބަޔެއް މީހުންގެ ފާޑުކިޔުން އެބައޮތެވެ. ނަމަވެސް މިއީ ކޮންމެވެސް ހިސާބަކުން އަޅަންޖެހޭ ފިޔަވަޅެކެވެ. މީގެކުރިން އެފަދަ ފިޔަވަޅެއް އަޅާފައި ނެތުމަކީ ކުރިޔަށް އޮތް ތަނުގައިވެސް އެއީ އެންމެ ރަނގަޅު އުސޫލު ނޫންކަން ފްލެޓް ލިބޭ މީހުންނަށް އެބަ އަންގައިދޭން ޖެހެއެވެ. ހައުސިންގ މިނިސްޓްރީން އެ ނިންމީ އުދަނގޫ ނިންމުމެކެވެ. ނަމަވެސް އެއީ އަމަލު ކުރަން ލަސްވެފައިވާ ނިންމުމެކެވެ. މީގެކުރިން ފްލެޓް ލިބޭމީހާއާއެކު ސަރުކާރުން ހަދާ އެއްބަސްވުންތައް ދާނެގޮތަކަށް ސޮހިގެން ގޮސްފައިވުމަކީ ދެންވެސް އެ މަގުން ދާންވީނޫންހޭ ބުނެ ދެއްކެން އޮތް އުޒުރެއްނޫނެވެ. ކޮންމެ ސަރުކާރަކުން ފްލެޓް ދިނަސް ފްލެޓް ލިބޭމީހާ އެތަނުގައި ނޫޅެ ކުއްޔަށްދެމުން ދިޔަ ދިނުން ކޮންމެވެސް ހިސާބަކުން ހުއްޓުމަކަށް އަންނަންޖެހޭނެކަން އެއީ އެންމެންވެސް ގަބޫލުކުރާ ކަމެކެވެ. މިމައްސަލައަކީ ސިޔާސީ ގޮތުން ބެލިޔަސް ދެވިސްނުމެއް އޮތް ކަމެއްނޫނެވެ. މިކަމުގައި އެންމެންގެ ވިސްނުންވެސް އެއްގޮތެވެ.

އެހެންކަމުން ސަރުކާރުން އެންމެފަހުން ދޫކުރި 661 ފްލެޓްގެ ތެރެއިން ވެރިފަރާތް ނުވަތަ އޭނާގެ އާއިލާ ނޫޅެ ފްލެޓް ކުއްޔަށް ދިން މީހުންގެ އަތުން ފްލެޓް އަތުލަން ހައުސިންގ މިނިސްޓްރީން އެ ނިންމި ނިންމުކަކީ ފްލެޓާބެހޭ ތާރީޚުގެ ތެރެއަށް ވަންނާނެ ފަދަ ނިންމުމެކެވެ. ކިތަންމެ އުދަނގުލަސް އެފަދަ ނިންމުމެއް ކޮންމެވެސް ހިސާބަކުން އައިސްގެން ނޫނީ ފްލެޓް ކުއްޔަށްދޭ ދިނުމަށް ޙައްލެއް ނާންނާނެއެވެ. ވީމާ މި ނިންމުމާއެކު ގެދޮރާބެހޭ މިނިސްޓްރީ އަށާއި ގެދޮރާބެހޭ ވަޒީރަށްވެސް ހަގީގަތުގައި ސާބަސްދޭން ޖެހެއެވެ. ނިންމަން ކިތަންމެ އުދަނގޫ ވިޔަސް، އެފަދަ ބޭނުންތެރި ނިންމުމެއް ނިންމަން ކެރުނީތީއެވެ. .

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.