ސްރީލަންކާގެ ބޮޑުވަޒީރުގެ ބައެއް ބާރުތައް ރައީސު އަތުލައްވައިފި

ރައީސު މައިތުރިޕާލާ ސިރިސޭނާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ އާއެކު

ސްރީލަންކާގެ ރައީސު މައިތުރިޕާލާ ސިރިސޭނާ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ ބައެއް ބާރުތައް އިއްޔެ ނަންގަވައިފިއެެވެ.
މިއީ، ސްރީލަންކާގައި ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި ޖެހިފައިިވާ މައްސަލަތައް އިތުރުވަމުން ދާކަން ދައްކަައިދޭ އިތުރު ކަމެކެވެ. 2015 ވަނައަހަރުގެ ޖަަނަވަރީ މަހުގައި އޭރުގެ ރައީސު މަހިންދަ ރާޖަޕަކްސަ ބަލިކުރުމަށް އެކުލަވާލި ކޯލިޝަން ދެމިއޮތަސް، ދެފަރާތުގެ މެދުގައި އިތުބާރުގެ މައްސަލަ އޮވެއެވެ.
އިއްޔެ ރައީސު ސިރިސޭނާ ވަނީ ސެންޓްރަލް ބޭންކާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާ ނޭޝަނަލް އޮޕްރޭޝަންސް ރޫމްގެ އިތުރަށް ބައެެއް އެހެން ބާރުތައް ބޮޑުވަޒީރު ރަނިލްގެ އަތްޕުޅުން ނަންގަވާފައެވެ. މިއީ މިސަރުކާރު ވެރިކަމަށް އައީއްސުރެ ބޮޑުވަޒީރު ބަލަހައްޓަވަމުން ގެންދެވި ތަންތަނެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވުނު މިބަދަލުތަކުގައި ވާގޮތުން ބޮޑުވަޒީރު ރަނިލްގެ އަތްޕުޅުން ނެންގެވި ބާރުތައް މިހާރު ދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާއަަށެވެ.
ބޮޑުވަޒީރުގެ އަތްޕުޅުން ސެންޓްރަލް ބޭންކު ނެންގެވީ ކީއްވެގެެން ކަމެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. 2015 އަހަރު ބޮޑުވަޒީރު އައްޔަންކުރެއްވި ސެންޓްރަލް ބޭންކުގެ ގަވަރުނަރަކާ މެދު ސިއްރު މުއާމަލާތްތަކެއް ހިންގުމުގެ ތުހުމަތު ކުރެވުނެެެވެ. ގަވަރުނަރު އަރްޖުނާ މަހެންދްރަން އޭނާގެ ދަނބިދަރިއެއް ކަމުގައިވާ އަރްޖުން އެލޮއިސިއަސް އަށް ބޮންޑު ވިއްކުމާ ބެހޭ ސިއްރު މައުލޫމާތުތަކެއް ދިނުމުގެ ސަބަބުން އޭނާ ނުހައްގުން 75 މިލިއަން ޑޮލަރުގެ ފައިދާ ނެގިކަމަށް ތުހުމަތުކުރެވެނެވެ.
އޭރު ރައީސު ސިރިސޭނާގެ އެންގެވުމަށް ކުރެވުނު ތަހުގީގުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ މައްޗަށް ޝައްކުުކުރެވޭފަދަ އެއްވެސް ކަމެއް ފެނިފައި ނުވެއެވެ.
ރައީސު މަހިންދަރާޖަޕަކްސާގެ ޕާޓީ ސްރީލަންކާ ފްރީޑަމް ޕާޓީގެ ބޭފުޅެއްކަމުގައިވާ ސިރިސޭނާއާއި، ރަނިލްވިކްރަމަސިންހާގެ ޔުނައިޓެޑް ނޭޝަލް ޕާޓީއާ ދެމެދު ކޯލިޝަން ހެދީ ރާޖަޕަކްސަ ބަލިކުރުމަށެވެ. އެކަން ކާމިޔާބުކޮށް ވެރިކަން ލިބުމަށްފަހު ދެފަރާތުގެ ދެމެދުގައި އަަބަދުވެސް އައީ މައްސަލަ ޖެެހެމުންނެވެ.
މިއަަހަރުގެ ކުރީ ކޮޅު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ރައީސު ސިރިސޭނާ އަޅުއްވަނީ ބޮޑުވަޒީރު ރަނިލްގެ އިސްތަށިފުޅުގައެވެ.
ބޮޑުވަޒީރު ރަނިލްއަށް އިގްތިސާދު ހަމައަކަށް އަޅުވަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސު ސިރިސޭނާ މިއަހަރުގެ ކުރީ ކޮޅު ވިދާޅުވެފައިވާއިރު، ސިރިސޭނާގެ ޕާޓީގެ މެމްބަރުންތަކެއް ދަނީ އެޕްރީލް 4 ގައި ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ވައްދަން ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، ބެލެވޭ ގޮތުގައި ރަނިލް އެވޯޓު ކާމިިޔާބުކުރައްވާފައެވެ.
މިސަރުކާރު ވެރިކަމަށް އައިސް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކުން، ބޮޑުވަޒީރު ދުރުކޮށް ސަރުކާރު އުވާލުމަށް ރައީސަށް ބާރު ލިބިދޭ މައްދާ ވަނީ އުވާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.