ސައުދީ އަމާޒުތަކަކަށް ހޫސީން މިސައިލް ހަމަލާތަކެއް ދީފި

ހޫސީންގެ މިސައިލެއް ސައުދީން ވައްޓާލާ މަަނޒަރުކަމަށް ބުނޭ ވީޑިއޯއަކުން ނަގާފައިވަ ފޮޓޯއެއް

ސައޫދީ އަރަބިއްޔާގެ ތަފާތު ހިސާބުތަކަށް ބެލިސްޓިކް މިސައިލުގެ ހަމަލާތަކެއް ދީފައިވާ ކަމުގައި ހޫސީން ބުނެފިއެވެ. އަނެއްކޮޅުން ސައޫދީން ބުނެފައި ވަނީ ހަމަލާތަކުގެ ސަބަބުން އެކަކު މަރުވެ ތިން މީހުން ޒަޚަމްވެފައިވާ ކަމުގައެވެ.
ހޫސީން ބުނެފައިވަނީ 'ފުޅާ ދާއިރާއެއްގައި' ސައޫދީ އަމާޒުތަކަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމުގައެވެ. ހޫސީ މިސައިލްތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ދެކުނުގައި އޮންނަ ޖާޒާން އަސްކަރީ މަރުކަޒާއި، އަސީރުގައި އޮންނަ އަބްހާ ރީޖަނަލް އެއާޕޯޓާއި އެހެން ތަަންތަން ހިމެނޭ ކަމުގައި ހޫސީން ބުނެފައި ވެއެވެ.
މި ހަމަލާތައް އައިސްފައި މިވަނީ ސައޫދީން އިސްވެ ތިބެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނަށް ހަމާލާދޭން ފެށިތާ 3 އަަހަރު ފުރުމާ ދިމާކޮށެވެ.
ޔަމަނުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަންގެ ކޮމާންޑުން ބުނެފައިވާ ގޮތުގައި ސައޫދީ ވައިގެ ބާރުތަކުން ވަނީ ޔަމަނުގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ތެރެއަށް ފޮނުވާލި ހަތް މިސައިލަކަށް ހުރަސްއަޅައި ހަލާކުކޮށްލާފައެވެ.
"ތިން މިސައިލް ފޮނުވާލެވުނީ ރިޔާޟާ ދިމާއަށް، އެއް މިސައިލް ޚަމީސް މަޝީޠާ ދިމާއަށް، އެެއް މިސައިލް ނަޖްރާނާ ދިމާއަށް، އަދި ދެ މިސައިލް ޖާޒާނާ ދިމާއަށް. އެހުރިހާ މިސަައިލްތަކެއް ވެސް ފޮނުވާލާފައި ވަނީ ތަނެއް ދޮރެއް ބެލުމެއް ނެތި މީހުން ދިރުއުޅޭ ހިސާބުތަކާ ދިމާއަށް" އަރަބި ކޯލިޝަންގެ ތަރުޖަމާނު ބްރިގޭޑިޔާ ޖެނެރަލް ތުރުކީ އަލްމާލިކީއާ ހަވާލާދީ ސައޫދީ ޕްރެސް އޭޖެންސީން ބުނެފައި ވެއެވެ.
އަލްމާލިކީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ވައިގެ ތެރޭގައި މިސައިލުތައް ގޮއްވާލުމުން އޭގެ އެތިއެތިކޮޅުތައް ފޭބީ މީހުން ދިރިއުޅޭ ހިސާބަށެވެ. އަދި ފުރަތަމަ ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިޞްރު މީހަކު މަރުވެ ބައެއް ތަންތަނަށް ގެއްލުން ވެފައި ވެއެވެ.
ރިޔާޟު ސަރަހައްދުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މުޙައްމަދު އަލްޙައްމާދީ ވިދާޅުވީ އެކަކު މަރުވެ ތިން މީހުން ޒަޚަމްވެފައިވާ ކަމަށާއި، އެ އެންމެންނަކީވެސް މިޞްރު މީހުން ކަމަށެވެ.
ޙޫސީ ޖަމާއަތުގެ އިސް ވެރިޔަކު ކަމުގައިވާ މުޙައްމަދު އަލްބަޚީތީ ބުނީ މިސައިލްތައް ފޮނުވީ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށެވެ. އަދި ޚާއްސަކޮށް ޔަމަނަށް ދެމުން ގެންދާ 'އުދުވާނީ' ހަމަލާއަށް ތިން އަަހަރު ފުރޭތީއެވެ.
ކުވައިތުނާއި، އިނގިރޭސި ވިލާތުން ވަނީ މަސްރަހު އިތުރަށް ހޫނު ނުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.