އައްޑޫގައި މެންގްރޫވްސް އާލާ ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީގައި މެންގްރޫވުސް އާލާކުރުމުގެ މަސައްކަތް ކުލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިއަދުވަނީ އީދިގަލިކިޅި ސަރަހައްދުގައި ނާސަރީއެއް ހަދައި އެތަނުގައި މެންގްރޫވްސް އިންދައިފައެވެ. "ބޭނުމަކީ މީހުންނަށް މެންގްރޫވްސް ފަސޭހައިން ފެންނަގޮތް ހެދުމާއި، އެއާ ބެހޭ މައުލޫމާތު ބޭނުންވެގެން އަންނަ މީހުންނާއި ސްކޫލް ކުދިންނަށް ފަސޭހައިން ފޯރުކޮށްދިނުން. މެންގްރޫވްސްގެ މުހިންމު ކަމާއި، އެއިން ތިމާވެށްޓަށް ލިބޭނެ ފައިދާގެ ވާހަކަވެސް އަޅުގަނޑުމެން ކިޔައިދޭނަން،" ސީކެޕް އައްޑޫ އޭރިއާ މެނޭޖަރ އާމިނަތު އަފާފް ވިދާޅުވިއެވެ.

މި ނާސަރީ މިއަދު ހުޅުވައިލީ އާތުއަވާ ފާހަގަކުރަން އައްޑޫސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކާވެސް ގުޅުވައިގެންނެވެ. ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ސީކެޕް ގެ ބޭފުޅުނާއި، އާތުއަވާ މޯލްޑިވްސްގެ ކަންޓްރީ ޓީމުގެ ބޭފުޅުންނާއި ސްކޫލް ކުދިންވަނީ ބައިވެރިވެ މެންގްރޫވްސް އިންދައިދީފައެވެ.

މެންގްރޫވްސްއަކީ ޗަސްބިމުގައި ހެދޭ ވަކިބާވަތެއްގެ ގަހެކެވެ.  މައުލޫމާތު ލިބިފައިވާ ގޮތުގައި ދުނިޔޭގައި މެންގްރޫވްސްގެ 57 ބާވަތެއް ހިމެނެއެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ 13 ވައްތަރެކެވެ. އޭގެތެރެއިން އައްޑޫސިޓީ ހިތަދޫ އީދިގަލިކިޅި ސަރަހައްދުންވަނީ 3 ބާވަތެއް ފެނިފައެވެ. އިތުރު ބާވަތެއް އައްޑޫސިޓީ ހުޅުމީދޫގައި ހުރިކަމުގެ މައުލޫމާތު ވަނީ ލިބިފައިވެއެވެ. އަފާ ވިދާޅުވީ އެ ބާވަތްވެސް މިއަދު ހެދި ނާސަރީއަށް ގެނެސް އެތަން އާލާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މެންގްރޫވްސް އާލާކުރަން ފަށައިފައިވާ މަސައްކަތުގެ ތެރެއިން އެއްބައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.