އީޔޫގެ ގަރާރުގެ ހަގީގީ ބޭނުމަކީ ކޮބައިބާ؟

އެކެއް ފެބުރުއަރީގެ ބޮޑު އަމުރަކީ މިހާތަނަށް އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް އެރި އެންމެ ވަރުގަދަ އެންމެ ނުރައްކާތެރި ހަތިޔާރެވެ. މިއީ އެއްވެސް ސުވާލެއްވެސް އޮތް ކަމެއްނޫނެވެ. ނަމަވެސް މި ދެންނެވި ބޮޑު އަމުރު ނުވަތަ ބަރު ހަތިޔާރުގެ ނުރައްކާތެރިކަމާއި ނާޒުކު ކަމާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް މި ބޮޑު އަމުރާއިމެދު އުފެދޭ ސުވާލުތައް ހައްތާ ދަނީ އިތުރުވަމުންނެވެ.

މިދެންނެވި ބޮޑު ހުކުމް އަތްމައްޗަށް އެރީއްސުރެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުން ހުއްޓައެއް ނުލައެވެ. އެވެރިން ތިބީ މިދެންނެވި ބޮޑު އަމުރަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެއީ އެންމެ މަތީ ކޯޓުން އެވެރިން ބޭނުންވާ ހުރިހާ ކަމެއް ހިމަނައިގެން ނެރެދީފައިވާ ވަރުގަދަ އަމުރެކެވެ. އެއީ ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ކުޑަކަކޫ މައްޗަށް ހަމަ ރަނގަޅަށް ތިރިވާ ވަރުގެ ވަރުގަދަ އަމުރެކެވެ. މި އަމުރު ބެރެން އުޅޭކަން އިދިކޮޅު ފަރާތްތަކަށް އެނގޭކަން ސާބިތުވާ ކަހަލަ ހެކިތައް ފެނުނެވެ. އޭގެ ތެރޭގައި އަމުރުގެ ދުވަސްކޮޅެއް ކުރީން އިދިކޮޅު ލީޑަރުން ދެއްކެވި ވާހަކަފުޅާއި، ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަފުޅާއި، ބޭރުގައި ތިއްބެވި ބައެއް ބޭފުޅުން ކުއްލިއަކަށް އެ ދުވަހާ ދުމާކޮށް ރާއްޖެ ވަޑައިގަތުމަކީ މީގެ ތެރެއިން ބައެއް ކަންކަމެވެ.

ވަރަށް ވެސް ރޭވުންތެރިކަމާއެކު ވަރަށް ދުރާލާ ރޭވިގެން ފުރިހަމަ ވެގެން އައި މި ކަންތައްގަނޑުގެ ތެރޭގައި ބެނދެވިފައި ތިބީ ހަމައެކަނި ރާއްޖޭގެ އެންމެ މަތީ ކޯޓު އެކަންޏެއް ނޫނެވެ. ފެބްރުއަރީ އެކެއްގެ ބޮޑު އަމުރަކީ ދައުލަތުގެ މުހިންމު ގިނަ މުއައްސަސާ ތަކުގެ އެންމެ މަތީވެރިން ވެސް އެކަމުގައި ހިއްސާވެ ރަނގަޅަށް ބެނދެވިގެން އައި ބޮޑު ކަންތައްގަނޑެކެވެ. ސީދާ ގައުމުގެ ވެރިކަމާއި ދިމާއަށް ބިންދާލި ވަރުގަދަ ރާޅެކެވެ.

އެއްކަލަ ބޮޑު އަމުރު ނެރޭއިރަށް އެކަމުގެ އިންތިޒާރުގައި ތިބި އިދިކޮޅު މީހުން އެންޑީޕީ ހަރުގެ ސަރަހައްދަށް ޖަމާވާން ފެށްޓިއެވެ. އިދިކޮޅުން ގެންދިޔައީ އެ ދުވަހުގެ ހެނދުނުން ފެށިގެން އެކަމަށް ގޮވާލައި އިއުލާނު ކުރަމުންނެވެ. އެ އަމުރު ތަންފީޒު ކުރުމަށް ކުށްވެރިން ބަލަހައްޓާ މުއައްސަސާތަކާއި، ތަހުގީގުކުރާ މުއައްސަސާތައްވެސް އޮތީ ހަމަ ތައްޔާރަށެވެ. އުޅަނދު ފަހަރުގެ ނަގިލި ނަގައި ވާތައް ރަނގަޅަށް އޮޅައި އިންޖީނުތައްވެސް ހިންގައިގެންނެވެ. އަދި އޭރު ފުލުހުންގެ ވެރިއަކަށް ހުރި މީހާގެ އަތްމައްޗަށް އެއަމުރެއް އެރިޔަސް އޭގައި އެއޮތް އެއްޗަކާއި މެދު ވިސްނާލައި، މިވާ ގޮތެއް ވެސް ފަހުމް ވާވަރެއް ނުވާނެކަން ކަށަވަރެވެ.

ތިޔަ އަމުރު ތަންފީޒު ކޮށްދޭން ތިމަންނާމެން ތައްޔާރޭ ފުލުހުންގެ އޭރުގެ ވެރިން ވިދާޅުވެ އެކަން އަމަލީގޮތުން ފެށިއިރު ކޯޓުތަކުން ހުކުމްކޮށް ތިން މަރުހަލާއިން ވެސް ފާސްކޮށް އަމުރުތައް ނިމި ސިއްކަޖަހާފައި ތިބި، ނުރައްކާތެރި ބޮޑެތި ކުށްވެރިންގެ ގޮތުގައި ސިލް ޖަހާފައި ތިބި ބައެއް މީހުން އޭރު ތިބީ މިނިވަންކޮށްގެން ގެންދާން ލޯންޗު ފަހަރަށް އަރުވާ ފުރަންވެސް ތައްޔާރުވެފައެވެ. ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން ތިބި ބައެއް މުއައްސަސާ ތަކުން އަޑު ހަރުކޮށް އެވާހަކަ ގޮވާ ނަގަން ފެށިއިރު އަދި އެބުނާ ބޮޑު ހުކުމުގައި އޮތްއެއްޗެއް، ކުރިން ނުލިބި އޮތްނަމަ އެވެރިންނަކަށްވެސް އޭގައި އޮތް އެއްޗެއް ފަހުމެއް ނުވާނެއެވެ. އެކަމަކު އޭތީގެ ޞައްހަކަން ވެސް ކަށަވަރު ނުކުރެވެނީސް އެވެރީންވެސް ގެންދިޔައީ އޭގައި އޮތް ވާހަކަތައް ރައްޔިތުންނަށް އޮޅުން ފިލުވައިދެމުންނެވެ.

އިދިކޮޅު ފަރާތްތަކުން އުފަލުން ރޮއި، ރައްޔިތުން އެއްވާން ގޮވަމުން ދިޔައިރު މި ކަންތައްގަނޑު މިއައީ ހަމަ ރަނގަޅަށްވެސް ވަރަށް ދުރާލާ ރޭވިގެންކަން އެނގި ޔަގީންވިއެވެ. ކޮންމެއަކަސް އެރޭ ގޮވީ މީގެ ހަ އަހަރު ކުރިން ފެބްރުއަރީ ހަތެއްގައިވެސް އެވެރީން ގޮވި ގޮތަށް ފުލުހުންވެސް ތިބީ އެވެރިންނާއެކުގައި ކަމަށެވެ. އެއްވެސް މީހަކު މިރޭ ހައްޔަރު ނުކުރާނެކަމަށެވެ. ވާނީވެސް އެހެންތާއެވެ. މިކަމުގައި ބައިވެރިވި ވެރީން ވަނީ އެ ޔަގީންކަން ދީ އެކަމުގައި ހަމަ ރަނގަޅަށް ބައިއަތު ހިފާފައެވެ.

މާޒީގެ ވާހަކަތައް ކުރުކޮށްލާފައި މި ދެންނެވި ބޮޑު ހުކުމުގެ ސަބަބުން މިއަދު ދިވެހި ޤައުމު ވެއްޓިފައިވާ ހާލަތާއިމެދު ވިސްނާލަމާ ހިނގާށެވެ. މިދެންނެވި ބޮޑު އަމުރުގައި އޮތީ މިގައުމުގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ޗާޓުން ބޭރުގައި ހިމެނޭ ކަންތައްތަކެއް ކަމާއި އަދި އެއަމުރުގައި ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ގައުމުގެ ވަލީއަހުދުގެ މައްޗަށް ލާޒިމު ކޮށްފައި ހުރި ކަންތައްތަކަކީ ގާނޫނީ އެއްވެސް ހަމައަކުން ކުރެވޭނެ ކަންކަން ނޫންކަމަށް ދައުލަތަށް ލަފާދޭ ގާނޫނީ ވަކީލު ނުވަތަ ދައުލަތުގެ އެޓަރނީ ޖެނެރަލާއި ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ލަފާދާރުން ވިދާޅުވަމުން ގެންދެވި ނަމަވެސް އެއަޑު އަހާކަށް އިދިކޮޅު ފަރާތްތަކަކުން ބޭނުން ނުވެއެވެ. އަދި އެ އަމުރު ނެރުނު ކޯޓުގައި ތިއްބެވި ހެޔޮވިސްނި ވަޑައިގަންނަވާ ފަނޑިޔާރުން އެ އަމުރާއި މެދު އަލުން ވިސްނާވަޑައިގެން އަލުން އޭގެ މައްޗަށް އެހެން ފައިސަލާއެއް ނެރުއްވުމުން ވެސް އެފައިސަލާ ގަބޫލުކޮށް ބަލައިގަންނާކަށްވެސް އެވެރިން ބޭނުމެއް ނޫނެވެ. އަދި ބޮޑު އަމުރު ނެރުމުގައި ގުޅި ލާމެހިފައިވާ ކަމަށް ގަބޫލުކުރެވޭ ބޭރުގެ އިދާރާތަކުންނާއި ވަކިވަކި ބައެއް މަދު ޤައުމުތަކުންވެސް ތިބީ ހަމަ އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށްގެން ތިބި ގޮތަށެވެ.

ބޮޑު އަމުރުގެ މައްޗަށް ކިތަންމެ ބޮޑު އަމުރެއް ނެރުނަސް އަދި ކުރިން އޮތް ބޮޑު އަމުރުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ނުވަތަ ފުށުއަރާ ކިތަންމެ ކަންތައްތަކެއް ހުއްޓަސް އެވެރިން އަދިވެސް ބޭނުންވަނީ ބޮޑު އަމުރު ތަންފީޒު ކުރުވާށެވެ. ސަރުކާރު އުލުބައިންދައިގެން ވިޔަސް، އަދަބު ދީ ދަތިކޮށް، ޤައުމުގެ ހިންގުން ހުއްޓުވާލައި، އިޤުތިޞާދު ފުނޑާލައި، ރައްޔިތުން ހަނާކޮށްލައިގެންވެސް ބޮޑު އަމުރު ތަންފީޒު ކުރުން ނޫން އެހެން ކަމެއް އެވެރިން ބޭނުމެއް ނުވެއެވެ. އެއަމުރު ތަންފީޒުކޮށް "ސަރުކާރު ވައްޓާލާފައި" ނޫނީ "ރައީސުލްޖުމްހޫރިއްޔާ ހުއްޓުވާފައި" ނޫނީ ގެއަށް ވަންނާކަށް އެމީހުން ބޭނުމެއް ނުވެއެވެ.

އިއިދިކޮޅު ފަރާތްތަކުން މިހިންގި، ސަރުކާރުން ސިފަކުރާ "ބަޣާވާތު"ގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނަސް ޤައުމު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ފިޔަވަޅަށް ވުރެ ބޮޑު ކަމެއް ދުނިޔޭގައި މިހާރު ނުވެސް ހިނގައޭ ބުނާ ވަރަށް ހުޅަނގުގެ އިއްތިހާދު ނުވަތަ އީޔޫއާއި އަވަށްޓެރި ބައެއް ޤައުމުތަކުން ކަންބޮޑުވެގެން ބަޔާންތައް ނެރެން ފަށައިފިއެވެ. މިކަމުގައި އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ކަމަށް ބެލެވޭ އީޔޫއިން އެވެރިންގެ އަޑު އަހައިގެން އެވެރިން އެދުނު ގޮތަށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސައްކަތް ފަށައިފިއެވެ. އެކަމަކު އެވެރީންގެ މިދަތި ކުރުމުގެ ފިޔަވަޅުގެ ފަހަތުގައި އޮތީ ފޮރުވިފައި އޮތް މުޅިން އެހެން އެޖެންޑާއެއްކަން މިހާރު ގިނަ ދިވެހީން ގަބޫލުކުރެއެވެ.

އަޅުގަނޑު ހިތުން ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތް އެއްޗަކާއި ޤާނޫނު ތަކާއި ޖުޑިޝަރީ ހިނގާ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެއް ފަރާތަކީ ވެސް އީޔޫއެވެ. މިދެންނެވި ކަންކަން ދިރާސާކޮށް އިސްލާހު ކުރުމުގައި މިހާރުވެސް އެންމެ ބޮޑަށް އެންމެ ގާތުން ބައިވެރިވަމުން ދާ އެއް ބަޔަކީ އެވެރީންކަމުގައި ވާތީއެވެ. މިކަންކަން އެނގިތިބެ ރާއްޖޭގައި އަމަލުކޮށް ބަލައިގަންނަ މިދެންނެވި ޤާނޫނީ އެއްވެސް އަސާސަކަށް ބިނާ ނުކޮށް އެބުނާ ޤަރާރެއްގައި ނުކުތާތަކެއް ނުވަތަ ކަންތައްތަކެއް ހިމަނާފައިވާއިރު މި ޤަރާރުގައި ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށާއި އެމީހުން ބޭނުންވާ ގޮތަށް ޖިންސަކަށް ބެލުމެއް ނެތި ކައިވެނީގެ ގުޅުމަށް ފުރުޞަދު ދިނުމަށާއި އިސްލާމްދީނުގައި ކަނޑައެޅިފައިވާ ބޮޑެތި ހުކުމްތައް ތަންފީޒު ނުކުރުމަށް ގޮވާލާ މިދެންނެވި ކަންކަން ތަންފީޒު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެމީހުންގެ ކިބައިން ވާތްގާއި މަދަދަށް އެދިފައިވާ މީހުންނާއެކު މިފަދަ އެއްބަސްވުން ތަކެއް ވެފައިވާކަމާއިމެދު މިއަދު ސުވާލު އުފެދޭ މިންވަރަށްވުރެވެސް ބޮޑަށް އެކަން ޔަގީންވެއެވެ.

މިހާރުގެ ބައެއް ނޫސްވެރިންނަށް ނޭނގި އޮތަސް، ނުވަތަ ގަސްތުގައި ނޭނގޭ ކަމަށް ހެދިޔަސް، އީޔޫއިން މީގެކުރިންވެސް އިސްލާމްދީނާއި އަޅުވައިގެން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރު ތަކެއް ކުރާ ފަދަ ފިޔަވަޅުތައް ހުރީ އަޅާފައެވެ. މީގެކުރިން ރާއްޖޭގެ ބޮޑުކަންނެލީގެ ވިޔަފާރީގައި އެންމެ ބޮޑު މާރކެޓެއް އޮތް އަދި އެންމެ ރަނގަޅު އަގު ލިބޭ އެއް މާރކެޓެއްގެ ގޮތުގައި އޮތް އީޔޫއިން ރާއްޖެއަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިއީ މިގައުމުގެ އެންމެ އާދައިގެ މީހާއަށް އިގްތިޞާދީ ގޮތުން އަސަރު ކުރުވި ފިޔަވަޅެކެވެ. ރާއްޖެއިން އީޔޫގެ ބާޒާރަށް ބޭރުކުރާ ބޮޑުކަންނެލީގެ ޑިއުޓީއަށް ދީފާއޮތް ލުއިތައް ކަނޑާލާ ބާރުކޮށް ފިއްތާލީމާ ދިވެހީން ހަމައެކަނި ގައުމުން ބޭރަށް އެކްސްޕޯރޓް ކުރާ ދިވެހީންގެ މަސްކޮޅަށް ލިބެމުން ދިޔަ އަގު ކުޑަވެ އެތައް ބަޔަކު އާމްދަނީ ހޯދުމަށް ބަރޯސާވެގެން ތިބި މި މަސައްކަތް ހުއްޓިގެން ދިޔަކަން އަދި ހަނދާނުން ފޮހެވިގެންދާ ވަރެއް ނުވާނެއެވެ.

އީޔޫއިން މިޤައުމުގެ ތަރައްގީއަށް ތިޔަ ބުނާ ކަހަލަ އެހީތަކެއް ނުލިބޭތާގައި ދިވެހީންގެ މަސައްކަތުން ބާނާ އުފައްދާ މަސްކޮޅު، އީޔޫގެ ބާޒާރަށް ކިތަންމެ މުހިންމު ވިޔަސް އެކަން ވެސް ހުއްޓުވާލީއެވެ. މީގެ ފަހަތުގައި ކުރީންވެސް އޮތީ ދިވެހީން ބަލައިގަނެގެން ތިބި މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހި ރާއްޖެއަށް އީޔޫއިން އެފަހަރުވެސް އަދަބު ދިނީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާތީއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އަމަލު ނުކުރެވޭނެ ކަމާއި ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތު ފުރިހަމަ ވުމުގައި މުސްލިމަކަށް ވުން ހިމެނޭތީއެވެ. އެމީހުން އެބުނާ އިންސާނީ ހައްޤުތަކުގެ ތެރޭގައި ހިމެނޭ އެއްޖިންސުން ކައިވެނި ކުރުމާއި ގުޅުން ހިންގުމަށް ފުރުސަތު ނުދޭތީއެވެ. ޒިނޭ ކުރީމާ ހައްދު ޖަހައި ދިވެހީން ބަނގުރާ ބުއީމާ އަދަބު ދޭތީއެވެ.

އީޔޫއިން މިފަހަރު ނެރުނު ޤަރާރަށް އަމަލު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކޮށް ވަކާލާތު ކުރަމުން ގެންދާއިރު މިފަހަރުގެ އީޔޫގެ ޤަރާރަށް ދިވެހި ސަރުކާރުން އަމަލުކޮށް އެކަންކަން ތަންފީޒު ކުރާނަމަ އެކެއް ފެބްރުއަރީގެ ބޮޑު އަމުރުގައި ހުރި ކަންކަން ތަންފީޒުކޮށްގެން އެކަނި ނިމޭކަށް ނެތެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް އުޅެން ފުރުސަތުދީ ސަރުކާރުން އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުދީ ބަލައިގަންނަން ޖެހެއެވެ. އެހެން ދީންތަކަށް ދިވެހީން އުޅުނަސް އެކަން ބަލައިގަނެ ގަބޫލުކުރަން ޖެހެއެވެ. އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭ ގޮތަށް މަގުފަހި ކޮށްދޭން ޖެހެއެވެ. އާއިލާއާބެހޭ ކޯޓުގައި އެއްޖިންސުން ކައިވެނި ކޮށްދީ އެ ކައިވެނިތައް ރަޖިސްޓްރީ ކޮށްދޭން ޖެހެއެވެ. އެމީހުންނަށް ފާޅުގައި އެގޮތަށް އުޅެވޭނެ ގޮތަށް ކަންކަން ތަރުތީބުކޮށްދީ ހުޅުވާލަދީ މަގުފަހިކޮށްދޭން ޖެހެއެވެ. މަރަށް މަރުހިފުމުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނަން ޖެހެއެވެ.

އިދިކޮޅުގައި ތިބި ބައެއް މީހުން މިކަންކަން ހިމަނާން ރުހި ގަބޫލުވެގެން ނޫނީ އީޔޫފަދަ ޖަމާއަތަކުން ނެރޭ ލިޔުމެއް، ޤަރާރެއް ނެރޭއިރު  އެފަދަ ކަންކަން އެ ޤަރާރެއްގައި ހިމަނާނެ ކަމަކަށް ހަމަބުއްދީން ވިސްނާއިރު ގަބޫލެއް ނުކުރެވެއެވެ. އިދިކޮޅުގައި ތިބި މީހުންގެ ވަކީލުންނާއި އެމީހުންގެ މަންދޫބުން ހުށައަޅައިގެން ނެރެފައިވާ ޤަރާރެއްގައި އެމީހުން ގަބޫލުކޮށް ބަލައި ނުގަންނަ ވާހަކަތަކެއް ނުވަތަ ކަންތައްތަކެއް ނުހިމަނާނެކަން ޔަގީނެވެ.

ކޮންމެ ގޮތަކަށް އެލިޔުމެއް ލިޔުނަސް އީޔޫއިން ފާސްކުރި ޤަރާރުގައި މިދެންނެވި އިސްލާމްދީނާއި ދިވެހީންގެ އަޤީދާއާއި ފުށައަރާ ދިވެހި މުސްލިމު ރައްޔިތުންނަށް ބަލައި ނުގަނެވޭނެ ކަންތައްތައް ހުއްޓާ ވެސް އެ ޤަރާރަށް އަމަލުކުރާން ވަކާލާތުކުރާ ބަޔަކު މި ދިވެހި ގައުމުގައި ތިބުމަކީ ގައުމުގެ ކުރިމަގާއިމެދު ވިސްނާ ފިކުރުކުރާ ދިވެހި ރައްޔިތުން އަދި މާބޮޑަށް ކަންބޮޑުވެ ވިސްނައި ފިކުރު ހިންގާން ޖެހޭނެ ކަމެކެވެ. މިވެގެން އުޅޭ ގޮތަކާއި، ވާން އުޅޭ ގޮތަކާއި، ކުރާ ކަމަކާއި، ކުރަން އުޅޭ ކަމަކާއިމެދު ސުވާލު އުފައްދާން ޖެހެއެވެ.

ހަމަގައިމުވެސް އީޔޫގެ މިޤަރާރުން ދޭހަވާ އެކައްޗަކީ ދިވެހީން ދިވެހީންގެ ގޮތުގައި ނުވަތަ މުސްލިމުންގެ ގޮތުގައި ތިބުމާއި ދިވެހި ޤައުމު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތުމާއިމެދު ދިވެހީން ގޮތެއް ނިންމުމަށް ވިސްނަން ޖެހޭ ކަމެވެ. އެއީ ދިވެހީން މިއަދު ވިސްނަން ޖެހޭ ކަމަކަށްވާނަމަ އީޔޫގެ ޤަރާރު ހިފައިގެން ބާރަށް ހަޅޭއްލަވަމުން ދުވަން ވީއެވެ. އެކަމަކު އީޔޫއިން ކިތަންމެ ބޮޑު އަދަބެއް ދޭން ނިންމިއަސް، ކިތަންމެ ވަރުގަދައަށް ދަތިކުރުމުގެ ފިޔަވަޅު އަޅާން ނިންމިއަސް، ގިނަ ދިވެހި ދަރީން މިކަމާއިމެދު ވިސްނާންވެސް ބޭނުން ވާނެއެކޭ އަދި ހަމަ ގަބޫލެއް ނުކުރެވެއެވެ. އެކަމަކު މިއީ މިހާރުވެސް ކުރިއަށް އޮތްތާނގައިވެސް ދިވެހީން ވިސްނާ ފިކުރު ހިންގާންޖެހޭ ވަރުގެ މުހިންމު ކަމެކެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.