ދިވެހި ގައުމުން މިހާރު ފެންނަމުންދަނީ ރައްޔިތުން އިދިކޮޅު ފަރާތްތަކާ ފޭއަށްޖެހި ރައީސް ޔާމީން ފަޅިއަށް އަރަމުންދާތަން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ އެކަން ގޮތަށްވަނީ ގައުމަށް ރައީސް ގެންނަވަމުން ގެންދަވާ ތަރައްގީ ރައްޔިތުންނަށް ފެންނަމުމްދާތީ ކަމަށެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް 45 ދުވަސް ވެގެންދިޔައިރު އެމުއްދަތުގައިވެސް ރައީސް ގެންދެވީ ތަރައްގީގެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނުގެނެސް ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެކެއް ފެބުރުއަރީގައި މިގައުމަށް ޣައްދާރުވިބަޔަކު މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި މިގައުމަށް ރައީސް ޔާމީން ގެނެސްދެއްވަމުން ގެންދަވާ ތަރައްގީ ހުއްޓުމަކަށް ގެނެސް މިގައުމު އަނދަވަޅަކަށް ވައްޓާލުމަށްޓަކައި ގެންނަން އުޅުނު ބަޣާވާތް ﷲ ގެ ރަހުމަތްފުޅާއެކު ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ސަބަބުން އަދި ދިވެހި ސިފައިންނާއި ފުލުހުންގެ ސާބިތުކަމުގެ ސަބަބުން ނިމުމަކަށް އައިސް އެކަން ހަގީގަތަކަށް ވިޔަނުދީ މިގައުމުގެ ސަލާމަތްވެގެން މިއަދާހަމައަށް މިއައީ،" މިނިސްޓަރ ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު 45 ދުވަހަށް ދެމިގެން ދިޔަސް އޭގެ ސަބަބުން ސަރުކާރުގެ ހިންގުމަކަށް އެއްވެސް ކަހަލަ ބަދަލެއް ނުވަތަ މަޑުޖެހުމެއް ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ތަރައްގީގެ ދުވެއްޔަކަށް އެއްވެސް ކަހަލަ މަޑުޖެހުމެއްނާދޭ. ކުރިއެކޭވެސް އެއްގޮތަށް އެއްވުރެވެސް ބާރަށް ކުރިއަށްދިޔަތަން ފެނުނީ. ބައެއް މަޝޫއުތައް އަލަށް ފެށިގެން ދިޔައީ،" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އެކަން އެގޮތަށް ވެގެންދިޔައީ ރައީސް ޔަމީން ގައުމެދެކެ ވެ ވަޑައިގަންނަވާ ލޯތްބާއި ގައުމަށް ކުރިއެރުން ގެނެސްދެއްވުމަށް ދެއްވާ އިސްކަމުގެ ސަބަބުން ކަމަށްވެސް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން ނިޒާމުން ބޭރުން ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ސަބަބު އެނގޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ސަރުކާރުން ރާއްޖެއަށް ގެންނަވާ ތަރައްގީ ހުއްޓުވާލުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. "މިކަމުގެ ނަތީޖާއަކަށް ވެގެންމިދަނީ ރައްޔިތުން އިދިކޮޅު ފަރާތްތަކާ ފޭއަށްޖެހި ރައީސް ޔާމީންގެ ކޮޅަށް އަރަމުންދާތަން،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފާއިތުވި 45 ދުވަސްތެރޭގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ޕީޕީއެމްއިން ބޭއްވި ހަރަކާތްތަކުންވަނީ އިދިކޮޅުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވި އަދަދަށްވުރެ އެތައް ގުނައެއް ގިނައިން ބައިވެރިވެފައި ކަމަށެވެ.
"މި މަންޒަރު ކުރިއަށްއޮތް ދުވަސްތަކުގައިދާނީ ހާމަވަމުން ސާފުވަމުން. އަދި މިބާރުމިނުގައި ދާގޮތަށްގޮސް ރައީސް ޔާމީނަށް މިގައުމަށް ޚިދުމަތް ކުރުމުގެ އިތުރު ފުރުސަތު އުފަލާއެކު ދެންތަން ފެނިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ގައުމުގެ އަދުގެ ހަގީގީ ވާހަކަތައް ކަމަށާއި އިދިކޮޅުން ދައްކަނީ ހަގީގަތެއްނެތް ވާހަކަ ކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
Dhogu hadaa makaruveri muizz me. Etha bayaka flat yageen kamugey city nudeivaa. Emeehuna heelatheri makaru verinna na hama city devee. Eynaya aslu vote devi eves bayaka city nudevaa. Den ekaku ves thimeehun faharthaku nuthibeyne