ޓްރަމްޕްގެ ގާނޫނީ ވަކީލު އިސްތިއުފާދެއްވައިފި

ޖޯން ޑައުޑް

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސައިލައިގައި ރައީސު ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ވަކާލާތުކުރެއްވުމަށް އޭނާ އައްޔަންކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު ޖޯން ޑައުޑް އިސްތިއުފާދެއްވައިފިކަމަށް އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުދީފިއެވެ.
ޚަބަރު ލިބޭގޮތުގައި ޖޯން ޑައުޑް (71 އަހަރު) ހުންނެވީ ރައީސު ޓްރަމްޕަށް އޭނާ އަރުވާ މަޝްވަރާއާމެދު އަޅާނުލައްވާތީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.
އޭނާގެ މި ނިންމެވުން އައިސްފައި މިވަނީ ޓްރަމްޕްގެ ގާނޫނީ ވަކީލުންގެ ޓީމަށް މަޝްހޫރު ގާނޫނީ ވަކީލެއް ކަމުގައިވާ ޖޯސެޕް ޑިޖެނޯވާ އައްޔަންކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާތަނަށް އޭނާއަށް މަޝްވަރާ އަރުވާފައި ވަނީ ރަޝިޔާގެ މައްސަލަ ތަހުގީގުކުރައްވާ ޚާއްސަ ކައުންސެން ރޮބަޓް މުލާއަށް އެއްބާރުލުން ދެއްވައި، ފާޅުގައި އޭނާއާ ދެކޮޅު ނުހެދުމަށެވެ.
އެހެނަސް، ޑިޖެނޯވާ އިޚްތިޔާރުކުރައްވާފައިވަނީ މުލާއާ ކުރިމަތިލެއްވުމުގެ ސިޔާސަަތެކެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ސިޔާސީ ބޭނުމަކަށްޓަކައި ރައީސު ޑޮނަލްޑް ޓްރަމްޕް ފްރޭމްކޮށްފައި ކަމަށް، ފޮކްސް ނިއުސްގައި ވާހަކަފުޅުދައްކަވަމުން، ޑިޖެނޯވާ ވަނީ ތުހުމަތުުކުރައްވާފައެވެ.
މިހާރު ކުރިއަށްދާ ތަހުގީގު ވަގުތުން ހުއްޓާލުމަށް ފާއިތުވި ހަފުތާގައި ޖޯން ޑައުޑް ގޮވާލައްވާފައި ވެއެވެ. އެގޮތަށް ގޮވާލެއްވުމަށް ފަހު، ފުރަތަމަ އޭނާ ވިދާޅުވީ އެއީ ޓްރަމްޕްެގެ ފަރާތްޕުޅުން ގޮވާލެއްވި ގޮވާލެއްވުމެއް ކަމުގައެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވީ އެއީ އޭނާ އަމިއްލަފުޅު ހައިސިއްޔަތުން ކުރެއްވި ކަމެއް ކަމުގައެވެ. ޓްރަމްޕްގެ ގާނޫނީ ޓީމުގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހުންނަވައިގެން އެޓީމުން އަބަދުވެސް ރައީސު ޓްރަމްޕަށް ލަފާއަރުވާފައި ވަނީ މުލާގެ ތަހުގީގަށް އެއްބާލުން ދެއްވުމަށެވެ.
ޖޭސެފް ޑިޖެނޯވާ އައްޔަންކުރެއްވުމުން ދޭހަވަނީ މުލާއާ މުއާމަލާތްކުރެއްވުމުގައި ހަރުކަށިގޮތް އިޚްތިޔާރުކުރައްވަން ޓްރަމްޕް ބޭނުންފުޅުވާ ކަމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.