ދެފަނޑިޔާރުންނާއި ފާރިޝް އާއި އިލްހާމް މާފުށީ ޖަލަށް ބަދަލު ކޮށްފި

ކުއްލި ޙާލަތުގެ ދަށުން ބަންދު ކޮށްފައިވާ ހަތަރު ބޭފުޅުން ކަމަށްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކޮށްފައި ވަނީ ވަކިވަކިންނެވެ. ނަމަވެސް ދޫނިދޫ ޖަލުގައި ކުރިން ތިއްބެވި ހަތަރު ބޭފުޅުން މިއަދު މާފުށީ ޖަލަށް ބަދަލުކުރި ސަބަބެއް ސާފެއްނުވެއެވެ. މާފުށީ ޖަލަށް މިއަދު ބަދަލުކުރިއިރު ހަތަރު ބޭފުޅުންގެވެސް ބަންދުގެ މުއްދަތު ވަނީ ކްރިމިނަލް ކޯޓުން ޖަހާފައެވެ. އެއީ އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

މި ބޭފުޅުންގެ މައްޗަށްވެސް ގިނަ ދައުވާ ތަކެއް ދައުލަތުން ވަނީ އުފުލާފައެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ދައުވާވެސް ހިމެނެއެވެ. މި ހަތަރު ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކުރިނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބަންދު ކޮށްފައިވާ ބަޔެއް ބޭފުޅުން އަދިވެސް ތިބީ ދޫނިދޫ ޖަލުގައެވެ. ސަރުކާރުން މިއަދު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.