މުދާ އުފުލަންޖެހޭ ގަޑިތަކަށް ބޮޑު ބަދަލެއް ގެނެސްފި

މާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން މުދާ އުފުލަންޖެހޭ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވެފައިވަނީ މާރިޗު 25 ވަނަ ދުވަހުން ފެށިގެން ވެހިކަލްތަކުގައި ފިހާރަތަކާއި، އާންމު ތަންތަނަށް މުދާ އުފުލަންވާނީ އެކަމަށް ކަނޑައަޅައިފައިވާ ޚާއްސަ ގަޑިތަކުގައި އެކަނި ކަމަށެވެ.

އަލަށް ހަމަޖައްސައިފައިވާ އުސޫލު ބުނާގޮތުން މާލެތެރޭގައި ވިއްކުމަށާއި ގުދަން ކުރުމަށްޓަކައި ގަނޑުކޮށް އުފުލާ މުދަލާއި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި ބުއިމަށް ބޭނުންކުރާ ފެނާއި އެފަދަ އެހެން ބުއިންތަކާއި، އެޒާތުގެ ހުރިހާ އެއްޗެއް އުފުލަންވާނީ ރޭގަނޑު 22:00 އިން ހެނދުނު 6:00 ދެމެދުގައެވެ.

ޑެލިވަރީކޮށްދޭ ތަކެތީގެ ތެރޭގައި ހިމެނޭ ކައްކާ ގޭސް އުފުލަން ޖެހޭނީ ހެނދުނު 8:30 އާއި 11:00 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސައިފައެވެ.
މިގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެ އޮތޯރިޓީންވަނީ ވިދާޅުވެފައެވެ.

މި ގޮތަށް ހަމަޖައްސަން ޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި، ހިނގައި ބިނގައި އުޅެން ދަތިވުމާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމުގައިވެސް ދަތިތައް ކުރިމަތިވާތީ ކަމަށް އެއޮތޯރިޓީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.