ރިޝްވަތު ހިއްޕެވުމާ ރިޝްވަތު ދެއްވުމުގެ ތުހުމަތުތަކާއެކު ޕެރޫގެ ރައީސު އިސްތިއުފާދެއްވައިފި

ޕެޑްރޯ ޕަބްލޯ ކުޒިންސްކީ

ރައީސުކަމުގައި ދެ އަހަރުވެސް ނުވަނީސް ޕެރޫގެ ރައީސު ޕެޑްރޯ ޕަބްލޯ ކުޒިންސްކީ އިސްތިއުފާދެއްވައިފިއެވެ. އިދިކޮޅު ފަރާތްތަކުން ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައިގައި އޭނާގެ ކޮޅަށް ވޯޓުގަންނަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހާމަވުމާއެކު އޭނާ ވަނީ އަވަހަށް އިސްތިއުފާ ދެއްވާފައެވެ.
"މި އުނދަގޫ ދަނޑިވަޅުގައި . . . އަހަރެންނަށް ފެންނަނީ ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އަހަރެން އިސްތިއުފާދިނުންކަން." ޓީވީ މެދުވެރިކުރައްވައި ޤައުމާ މުޚާޠަބުކުރައްވަމުން އޭނާ ވިދާޅުވިއެވެ. އިސްތިއުފާދެއްވި ނަމަވެސް އޭނާވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.
"އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ އަހަރެން މިއީ ކޮރަޕްޓް މީހެއް ކަމަށް ދައްކަން. އަހަރެން ކައިރީގައި އުޅުނު ރަނގަޅު، ތެދުވެރި ބަޔަކު އެކަމުގައި ބައިވެރިކޮށްގެން، ނުހައްގު ގޮތުގައި ސަރުކާރާ ދެކޮޅަށް ރޭވި ރޭވުމުގެ ތެރެއަށް އެމީހުން ވެއްދުމުގައި އިދިކޮޅު ފަރާތްތަކުން ކާމިޔާބު ހޯދީ." އޭނާގެ ޚިޠާބުގައި ވިދާޅުވިއެވެ.
"ސާބިތުނުކުރެވޭ މި ތުހުމަތުތަކަށް އަހަރެން މުޅިން އިންކާރުކުރަން. އަދި ކޮންމެ މީހަކަށްވެސް ތެދުވެރި، ރަނގަޅު އަޚްލާޤެއްގެ މައްޗަށް ބިނާވެފައިވާ، އިންސާފުވެރި ޕެރޫއެއް ހޯދައިދިނުމުގައި އަހަރެން ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދެން." 28 ޖުލައި 2016 ގައި ޕެރޫގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ކުޒިންސްކީ ވިދާޅުވިއެވެ.
15 ޑިސެންބަރު 2017 ގައި އިދިކޮޅު ފަރާތްތަކުން ޕެރޫގެ ކޮންގްރެސްއަށް ރައީސު ކުޒިންސްކީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދިއެވެ. އެއީ، 2004 ން 2005 އަށް ޕެރޫގެ އިގްތިސާދީ އަދި މާލީ ވަޒީރަކަށް އޭނާ ހުންނެވިއިރު ބްރެޒިލްގެ އޮދެބްރެޗް ކުންފުނިން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާފައި ވާތީއެވެ. 11 ގަޑިއިރަށް ދެމިގެންދިޔަ ބަހުސަކަށް ފަހު ނެގުނު ވޯޓުން އެންމެ 8 ވޯޓުގެ ތަފާތުން ރައީސު ކުޒިން ސަލާމަތްވެ ވަޑައިގަތެވެ.
މި މާރިޗު މަހުގެ 22 ވަނަ ދުވަހު (މިއަދު) އަނެއްކާވެސް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ތައްޔާރުވެފައި ވަނިކޮށް، 20 ވަނަ ދުވަހު އޭނާ ވިދާޅުވީ މިފަހަރުވެސް އޭނާ ހުންނެވީ އިތުބާރު ނެތްކަމުގެ މައްސަލައާ ކުރިމަތިލައްވަން ތައްޔާރަށް ކަމުގައެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު އާއްމުވި ވީޑިއޯއާއެކު އޭނާ މިވަނީ އިސްތިއުފާދެއްވާފައެވެ.
ޕެރޫގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސުގެ އިސްތިއުފާ ގަބޫކުރާނީ ކޮންގްރެސްއިންނެވެ. އެއީ މިހާރު ޔަގީންވާ ކަމެކެވެ. އޭނާ އިސްތިއުފާ ދެއްވުމަށްފަހު މަޤާމާ ހަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސު މާޓިން ވިޒްކާރާއެވެ. ރިޔާސީ ދައުރު ހަމަވަންދެން އޭނާއަށް ރައީސުކަމުގައި ހުންނެވޭނެއެވެ.
ޕެރޫއަކީ ދެކުނު އެމެރިކާގައި ބްރެޒިލްގެ ހުޅަނގަށް އޮންނަ ޤައުމެކެވެ. މައިގަނޑު ގޮތެއްގައި ސްޕެނިޝް ބަހުން ވާހަކަދައްކާ 32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުގެ ބޮޑު މިނަކީ 1.2 މިލިއަން އަކަ ކިލޯ މީޓަރެވެ. ދުނިޔޭގެ ނިސްބަތުން މަތީ މެދު ފަންތީގެ ޤައުމެއްގެ ގޮތުގައި ދަރަޖަކުރެވިފައިވާ ޕެރޫއަކީ ޤައުމީ އުފެއްދުންތެރިކަމަށް ބަލާއިރު ދުނިޔޭގެ 39 ވަނައިގައިވާ ޤައުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.