ގާނޫނީ އިއުތިރާޒު ތަކާއެކު ރައީސް މައުމޫން ގެ މައްސަލަ ހައިކޯޓަށް ހުށަހަޅާނަން: މައުމޫން ހަމީދު

ރައީސް މައުމޫންގެ މައްސަލަ ގާނޫނީ ސަބަތުކާ އެކު އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ. މައުމޫން ހަމީދު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ރައީސް މައުމޫންގެ މުއްދަތުގެ މަޖިލީހަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި މިއަދާ ހަމައަށްވެސް ރައީސް މައުމޫން ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގަ ރައީސް މައުމޫން މިއަދާ ހަމައަށްވެސް، އަދި މިހާރުވެސް އެހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވެސް، އަދި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫން އަސާސީގެ ދަށުންވެސް ލިބިދޭ ހައްގުތަކުން މަހްރޫމް ވެފަ." މައުމޫން ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން ވަކިވަކި ބާރުތައް ލިބިނުދޭ ކަން މައުމޫން ހަމީދު ފާހަގަ ކުރެއްވިއެވެ. އެއިން ކަނޑައަޅާފައި އޮތީ ވަކި ހައްގުތަކެއް ހިފަހައްޓާފައިވާ ކަމަށާއި ވަކި ގާނޫން ތަކާއި އެގާނޫންތަކެއްގެ މާއްދާތައް ހިފަހައްޓާފައިވާ ކަމަށެވެ. އިތުރު ބާރުތަކެއް ލިބިދޭނަމަ އެބާރުތަކާއި، އަޅާ އެންމެހައި ފިޔަވަޅު އެގަރާރުގައި ހިމެނިގެންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާކަމަށް ވެސް މަައުމޫން ހަމީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ގާނޫނީ ނުކުތާތަކާއި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް މައުމޫންގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ރައީސް މައުމޫން ހައްޔަރު ކުރެއްވި އިރު ގާނޫން އަސާސީގެ 47ވަނަ މާއްދާގެ ރ. އިން ލިބިދީފައިވާ ހައްގު، 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ ހައްގު، ހިފަހައްޓާފައިނުވެއެވެ. އެހެންކަމުން އެހައްގު ލިބިގެންވާން ޖެހޭނެއެވެ. އެނުކުތާ ނެންގެވުމުން 24ގަޑި އިރު ހަމަވުމުގެ ކުރީން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަށް ގެނެވުނު އިސްލާހުގެ ދަށުން އެހައްގު ހިފަހައްޓާފައިވާތީ އެހައްގު ހިފެހެއްޓުނީ ކަމަށް ކްރިމިނަލް ކޯޓުން ނިންމެވި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. ފުލުހުންނަށް ބާރު ލިބިދެނީ ކޮންގަތަކުންތޯ އާއި ފުލުހުންވެސް ކަންކުރައްވަންވާނީ ގާނޫނާ އެއްގޮތުގެ މަތީންކަން ފާހަގަކުރެއްވި ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.  

ޝަރީއަތް ނިމެންދެން ރައީސް މައުމޫން ޖަލުގައި ބެހެއްޓުމަށް ކޯޓުންވަނީ މިއަދު އަމުރުކޮށްފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.