ބޭކިން ސޮޑާ އަކީ ގެވެށި ފަރުވާ އަށް ބޭނުން ކުރުމަށް އެންމެ ފައްކާ ބާވަތެވެ. ބޭކިން ސޮޑާ އަކީ ހަމައެކަނި ކާނާ އަށް މީރު ރަހަ އިތުރު ކޮށްދޭ ބާވަތެއް ނޫނެވެ. ރީތި ވުމަށް ބޭނުން ކުރަން ވެސް ބޭކިން ސޮޑާ ވަރެއް ނެތެވެ. ބޭކިން ސޮޑާ ބޭނުންކޮށްގެން ތަފާތު ގެވެށި ފަރުވާ ތައްޔާރު ކުރެވިދާނެއެވެ.
ރީތި ހުދު ދަތްޕިލަ އަކަށް
ބޭކިން ސޮޑާ އަކީ އޭގައި ބްލީޗިންގެ އަސަރު ހުންނަ ބާވަތެކެވެ. މި ބާވަތުން ދަތުގައި ހުންނަ ކޮބަޑި އާއި ލައް ފިލުވައި ދެއެވެ. އެހެންކަމުން ދަތްޕިލަ ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް ބޭކިން ސޮޑާ ބޭނުންކޮށްގެން ގެވެށި ފަރުވާ ދެވިދާނެއެވެ. މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ބޭކިން ސޮޑާގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައިގެން ޕޭސްޓް ތައްޔާރު ކުރާށެވެ. ފަސް މިނިޓް ވަންދެން މި ޕޭސްޓުނ ދަތުގައި އުނގުޅާށެވެ. ބްލީޗިން ގެ އަސަރު އިތުރު ކުރުމަށް ފެނުގެ ބަދަލުގައި ލުނބޯ ހުތް ވެސް ބޭނުން ކުރެވިދާނެއެވެ.
އޮށާޅަ އާއި ލަކުނު ފިލުވުމަށް
ބޭކިން ސޮޑާ އަކީ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ފިލުވަން ވެސް އެންމެ ރަނގަޅު އެއް ބާވަތެވެ. މިއީ ހަމުގައި މަރުވެފައި ހުންނަ ފަށަލަތައް ފަސޭހައި ފިލުވައިދޭ ބާވަތެކެވެ. މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ބޭކިން ސޮޑާގެ ތެރެއަށް ފެންފޮދެއް އަޅައި އެއްކުރާށެވެ. އަދި ލަކުނުތަކުގައި އުނގުޅާށެވެ. ދިހަ ވަރަކަށް މިނިޓް ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. މޫނުގެ ތެތްކަން ދެމެހެއްޓުމަށް މޮއިސްޗަރައިޒަރ އެއް އުނގުޅާށެވެ. ތިން ހަފްތާ ނުވަތަ ހަތަރު ހަފްތާ ވަންދެން ކޮންމެ ދުވަހަކު މި ފަރުވާ ތަކުރާރު ކުރާށެވެ. ހަމުގައި ހުންނަ ލަކުނު އެއްކޮށް ފިލާނެއެވެ.
ބްލެކްހެޑްސް (އޮށާޅައިގެ ބާވަތެއް) ފިލުވުމަށް
ބޭކިން ސޮޑާ އަކީ ތަފާތު ގިނަ ބޭނުންތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. ދަތް ޕިލަ ހުދުކޮށް ބެހެއްޓުމަށާއި ހަމުގައި ހުންނަ ކަޅު ލައް ފިލުވުމަށް ވެސް ބޭކިން ސޮޑާ ވަރެއް ނެތެވެ. މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ބޭކިން ސޮޑާގެ ތެރެއަށް ފެންފޮދެއް އަޅައި ޕޭސްޓް ތައްޔާރު ކުރާށެވެ. ކަޅު ލައް ހުންނަ ތަންތަނުގައި މި ޕޭސްޓް އުނގުޅާށެވެ. ކުޑަކޮށް މަސާޖް ކުރުމަށް ފަހު ދިހަ މިނިޓް ވަރު ބަހައްޓާށެވެ. ދެން ތާފަނާ ފެނުން ދޮވެލާށެވެ. މި ފަރުވާއަކީ ވެސް ތަކުރާރު ކުރެވިދާނެ ފަރުވާ އެކެވެ.
ބޮލުން ހަންފޮޅުން ހުއްޓުވުމަށް
ބޮލުން ހަން ފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަމަށް އޮތް ހައްލަކީ ވެސް ބޭކިން ސޮޑާއެވެ. ބޮލުގައި ހަންފޮޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ ފަންގައި ނުވަތަ ޖަރާސީމު އުފެދުމެވެ. ބޮލުގައި ފަންގައި އުފެދުން ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް ބޭކިން ސޮޑާ ބޭނުން ކުރެވިދާނެއެވެ. މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ލުނބޯ ހުތުގެ ތެރެއަށް މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ބޭކިން ސޮޑާ އާއި ކުޑަކުޑަ ބޯތަށްޓެއްގެ އެޕްލް ސިޑަރ ވިނެގަރ އަޅައިގެން އެއް ކުރާށެވެ. އަދި ބޮލުގައި ނާށިގަނޑުގައި އުނގުޅާށެވެ. ދިހަ މިނިޓް ފަހުން އިސްތަށިގަނޑު ފެނުން ދޮވެލާށެވެ. ކޮންޑިޝަނަރ އެއްގެ ގޮތުގައި ވެސް އެޕްލް ސިޑަރ ވިނެގަރ ބޭނުން ކުރެވިދާނެއެވެ. އިސްތަށިގަނޑަށް ވިދުން ގެނެސްދޭނެއެވެ.
ކިހިލިފަތް ކަޅު ވިޔަނުދީ ބެހެއްޓުމަށް
ލުނބޮއަކީ ވަރަށް ބާރުގަދަ ބްލީޗިން އޭޖެންޓެކެވެ. ޖަރާސީމު ނައްތާލަން ވެސް ލޮނބޯ ބޭނުން ކުރެވިދާނެއެވެ. ބޭކިން ސޮޑާ އާއި ލުނބޯ ހުތް އެއް ކުރުމަށް ފަހު ކިހިލިލފަތުގައި އުނގުޅާށެވެ. ފަނަރަ ވަރަކަށް މިނިޓް ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. ބޭކިން ސޮޑާ އަކީ މަރުވެފައި ހުންނަ ހަމުގެ ފަށަލަތައް ފިލުވައި ހަންގަނޑު ސާފުކޮށްދޭ ބާވަތެކެވެ. ކިހިލިފަށް ރީތިކޮށް ކަޅު ވިޔަނުދީ ބެހެއްޓުމަށް މި ފަރުވާ ތަކުރާރު ކުރާށެވެ.
ކަކުލާއި އުޅަނބޮށި ކަޅުވިޔަ ނުދީ ބެހެއްޓުމަށް
ބޭކިން ސޮޑާއާއި ކިރަކީ ގެވެށި ފަރުވާ ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ މުހިއްމު ދެ ބާވަތެވެ. ކެއްކުމަށާއި ގެވެށި ފަރުވާ އަށް މި ދެބާވަތް ވަރެއް ނެތެވެ. މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ބޭކިން ސޮޑާގެ ތެރެއަށް ކިރު ފޮދެއް އަޅައި ޕޭސްޓް ތައްޔާރު ކުރާށެވެ. އުޅަނބޮށްޓާއި ކަކުލުގައި މިޕޭސްޓް އުނގުޅައި މަސާޖް ކުރާށެވެ. ޕޭސްޓް ރަނގަޅަށް ހިކެންދެން ބެހެއްޓުމަށް ފަހު ތަފަނާ ފެނުން ދޮވެލާށެވެ. އަދި މޮއިސްޗަރައިޒަރ އެއް އުނގުޅާށެވެ. ބޭކިން ސޮޑާ އިން މަރުވެފައި ހުންނަ ހަމުގެ ފަށަލަތައް ފިލުވައިލާނެއެވެ. އަދި ކިރުގައި ހުންނަ މާއްދާ ތަކަކީ ހަންގަނޑު މަޑުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެވެ. ކަކުލާއި އުޅަނބޮށީގެ ކުލަ އަލިވަންދެން މިފަރުވާ ތަކުރާރު ކުރާށެވެ.
މައުލޫމާތު ނެގީ ރީޑަރސް ޑައިޖެސްޓުން
މިއީވެސް ކިޔުންތެރިންނަށް ވަރަށް ބޭނުންތެރި ލިޔުމުގެ ބާވަތެކެވެ. ޚާއްޞަކޮށް ގޭތެރޭގެ އެކިކަންކަން ކަމަށް މިފަދަ ލިޔުންތައް ވަރަށް މުހިންމު.