އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބަށް ރަޝިޔާއިން 'އަތް ބާނާފައިވާ' މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ޚައްސަ ކައުންްސެލް ރޮބަޓް މުލަރ ދުރުކުރެއްވުމުގެ މަސަކައްކަތް ނުކުރެއްވުމަށް ރައީސު ޑޮަނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ޕާޓީ، ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން އޭނާއަށް އިންޒާރުކުރައްވައިފިއެވެ.
މި އިންޒާރު އައިސްފައި މިވަނީ މުލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްރަޕްމް ޓްވީޓްތަކެއް ކުރައްވާފައި ވަނިކޮށެވެ. އަދި މުލާގެ ތަހުގީގު ނިމުމަކަށް އައުން އެދިވަޑައިގެން ޓްރަމްްޕްގެ ޤާނޫނީ ވަކީލު ޖޯން ޑައުޑް ދުއާކުރައްވާފައި ވަނިކޮށެވެ. މުލާ މަގާމުން ދުރުކުުރެއްވުމަށް ޓްރަޕްމް މަސަައްކަތްްޕުޅު ކުރައްވަފާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ޓްރަމްޕްގެ ޓްވީޓްތަކުގައި އޭނާވަަނީ ސީދާ މުލާގެ ނަން ވިދާޅުވެ އޭނާއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެެެވެ. އަދި އެނާ ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރައްވާ ކަމާމެދުވެސް ސުވާލުއުފައްދަވާފައެވެ.
މިޓްވީޓްތަކާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އެންމެ އިސް އެއް ސެނެޓަރު ޖޯން މެކޭން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. "ޚާއްޞަ ކައުންސެލް މުލާ ވަނީ އަމާނާތްތެރިކަމާ ތެދުވެރިކަމާއެކު މިޤައުމަށް ޚިދުމަތްކުރައްވާފައި. 2016 ގެ އިންތިޚާބަށް ރަޝީޔާއިން ނުފޫޒު ފޯރުވި މައްސަލަ ފުރިހަމައަށް ތަހުގީގުކުރެއްވުމަށް އޭނާއަށް ފުރުސަތު ދޭން ޖެހޭ. އެކަމަށް ހުރަސްއެޅިގެން ނުވާނެ."
ރޮބަޓް މުލާއާ ދެކޮޅަށް ޓްރަމްޕް ފިޔަވަަޅު އަޅުއްވައިފިނަމަ އެކަން ބަލައިނުގަނެވޭނޭކަން ހާާމަކުރައްވަމުން ރިޕްބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ސައުތު ކެރޮލައިނާގެ ސެނެޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވެފައި ވެއެވެ. "އޭނާ (ޓްރަމްޕް) އެކަން ކުރައްވަން މަސައްކަތްޕުޅުކުރައްވައިފިއްޔާ އެކަން ވާނީ އޭނާގެ ރައީސުކަމުގެ ނިމުމުގެ ފެށުން ކަމުގައި." ސީއެންއެން އަށް ދެއްވި ބަސްތީގަތުމެއްގައި އޭނާ އިތުރަަށް ވިދާޅުވެފައި ވެއެވެ. "މުލާއަށް އޭނާގެ މަސައްކަތް ފުރިހަމަކުރެއްވުމަށް ފުރުސަތުލިބޭނެކަން ޔަޤީންކޮށްދިނުމަށް، ރިޕަބްލިކަން މީހެއްގެ ހައިސިއްޔަތުން، އެމެރިކާގެ ރައްޔިތުންނަށް އަހަރެން ވައުދުވަން."
"މުލާ ވަކިކުރުމަކީ ވަރަށް ބޮޑު ރަތް ރޮނގެއް، އެރޮނގު ހުރަސްކުރެވިގެން ނުވާނެ." ރިޕަބްލިކަން ޕާޓީގެ ފަރާތުން އެރިޒޯނާ ތަމްސީލުކުރައްވާ ޖެފް ފްލޭކް ވިދާޅުވިއެވެ. "އޭނާ މުލާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިފިއްޔާ އަހަރުމެން އޭނާ (ޓްރަމްޕް) އާ ދެކޮޅަށް ފިޔަވަޅު އަޅާނަން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޚާއްޞަ ކައުންސެލް މުލާ ހިމާޔަތްކުރަން ކޮންްގްރެސް އިން ފިޔަވަޅު އެޅުމާ ބެހޭގޮތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ޕޯލް ރަޔާން އެއްޗެއް ވިދާޅުނުވެއެވެ. ނަމަވެސް އޭނާގެ ތަރުޖަމާނު އެޝްލީ ސްޓްރޯންގ ބުނެފައި ވެއެވެ. "ސްޕީކަރ އަބަދުވެސް ވިދާޅުވާ ފަދައިން، މުލާއަށާއި އޭނާގެ ޓީމަށް، އެބައިމީހުންގެ މަސައްކަތް ފުރިހަމަކުރުމުގެ ފުުރުސަތު ދެވެން ޖެހޭނެ"
އެމެރިކާގެ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި، މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ ވޯޓަރގޭޓް މައްސަލައަށްފަހު ވައިޓް ހައުސްއަށް ކުރިމަތިވި އެންމެ ނުރައްކާތެރި މައްސަލައެވެ.