އައްޑޫސިޓީގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު ސަސްޕެންޑް ކޮށްފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި ދެ ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު (މާހު) އާއި އަލީ ފަހުމީ އަހުމަދު، މާދަމާއިން ފެށިގެން އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލްގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފްއެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަފީގު މަހުމޫދު ސޮއިކުރައްވައި އައްޑޫސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަނަށް މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެބޭފުޅުން ސަސްޕެންޑް ކުރައްވައިފައިވަނީ ކައުންސިލްތަކަށް ލިބިވަޑައިގެންފައިވާ ބާރާއި އިޚުތިޔާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާ މައްސަލައެއްގައެވެ.

މި ކަމާގުޅިގެން އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ސަސްޕެންޑް ކުރެއްވި ކަމެއްވެސް އަދި ކުރެއްވި ސަބަބެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. "އަދި އަޅުގަނޑުމެންނަށް ކަމެއް ކުރެވިފައިވިޔަސް ސަސްޕެންޑް ކޮށްފައިވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ނުދެއްވައި. އެހެންވީމާ ތިޔަކަމާ ބުނާނެ ވަކި އެއްޗެއްނެތް،" ޔަސްރިފް ވިދާޅުވިއެވެ.

އެ 4 ބޭފުޅުން މާދަމާއިން ފެށިގެން ސަސްޕެން ކުރަނީ މުސާރައާއި އެހެނިހެން އިނާޔަތްތައްވެސް ނުލިބޭ ގޮތަށެވެ. ސަސްޕެންޑްގައި ހޭދަވާ އެއްމަސްތެރޭގައި ފަރުދީ ހައިސިއްޔަތުން ކައުންސިލުން ލިބިވަޑައިގަންނަވަންޖެހޭ ޚިދުމަތެއް ހޯއްދެވުމުގެ ގޮތުންނޫން ގޮތަކަށް ކައުންސިލް އިދާރާއަށް ވަޑައިގެންނެވުމާއި އެތަނުގެ ލިޔެކިޔުންތަކާއި، ވަސިލަތްތައް ބޭނުން ކުރެއްވުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރެއްވުން އެބޭފުޅުންގެ މައްޗަށްވަނީ މަނާ ކުރައްވައިފައެވެ.

މި 4 ބޭފުޅުންގެ ސަސްޕެންޝަނުގައި ތިއްބަވާ މުއްދަތުގައި ކައުންސިލްގެ އިދާރާ ހިންގަވާނީ ކައުންސިލަރު ފައިސަލް އިބްރާހީމާއި، އިބްރާހީމް ޝުކުރީއާއި، ހުސައިން ހިޔާޟް، މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ ތެރެއިން ކަނޑައަޅުއްވާ ކައުންސިލަރެއް ކަމަށްވެސް އެލްޖީއޭއިން ވިދާޅުވެފައިވެއެވެ.

އެފަދަ "ކުށެއް" ތަކުރާރު ކުރައްވައިފި ކަމަށްވާނަމަ އައްޑޫސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރުވެސް އެލްޖީއޭއިން މިއަދުވަނީ ކައުންސިލަށް ދެއްވައިފައެވެ.

މިބޭފުޅުންނާމެދު މިފަދަ ފިޔަވަޅެއް އެލްޖީއޭ އިން އެޅުއްވީ ފުބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒުކުރުން ލަސްވަމުންދާ ކަމަށް ވިދާޅުވެ އެކަން އަވަސް ކުރެއްވުމަށް ގޮވާލައި ފެބުރުއަރީ 5 ވަނަ ދުވަހު ގަރާރެއް ނެރުއްވުމުންނެވެ. އެގާރަކީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަކުން ފާސްކުރައްވައިފައިވާ ގަރާރެކެވެ. ފިޔަވަޅު އަޅުއްވައިފައިވަނީ އެ ގަރާރުގައި ސޮއިކުރެއްވި ބޭފުޅުންނާ މެދުގައެވެ.

އެގާރާރުގައި ވިދާޅުވެފައިވަނީ ސްޕްރީމްކޯޓުގެ އެ އަމުރު ރައްދުވާ ފަރާތްތަކުން އެކަން ތަންފީޒު ނުކޮށް ލަސްކުރަމުން ދިޔުމަކީ އައްޑޫ ސިޓީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. "އެހެން ކަމުން ސްޕްރީމް ކޯޓުގެ އަމުރު މިހިނދުން މިހިނދަށް ތަންފީޒު ކޮށްދެއްވުމަށް އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި މިކައުންސިލުން ގޮވައިލަމެވެ. އަދި މިއަމުރުގައިވާ ކަންތައްތައް ތަންފީޒު ނުކުރެވިދާ ކޮންމެ ވަގުތުކޮޅަކީ ދިވެހިރައްޔިތުން، އަދި ޚާއްސަކޮށް އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.