ކައިވެނި ޕޭޖް- ފޭސްބުކުން އަޅައިގަތް ސަޅި ޕޭޖެއް!

ފޭސްބުކަކީ މީހަކު ހާވައިހާވައި ހުސްނުވާ ވަރަށް ސާމާނު އޮންނަ ތަނެކެވެ. އެއްބަޔަކު ވަގުތު ބޭކާރު ކުރަން އޮންނަ އެންމެގިނައިން މަޑުކޮށްލައިގެން ތިބޭ އެއް މަންޒިލަކީވެސް ފޭސްބުކެވެ. އަނެއްބަޔަކު ބޭނުންތެރި ބަޔެއް މައުލޫމާތު އެހެން މީހުންނާ ޙިއްސާކޮށްލަން، ނުވަތަ ހޯދާލަން އެންމެ ފުރަތަމަ ބޯކޮއްޕާލާ ހޮހަޅައަކީވެސް ފޭސްބުކެވެ. އެހެންވެ ފޭސްބުކް ގިނަބަޔެއްގެ ދިރިއުޅުމަށް މުހިންމު ވެއްޖެއެވެ. ފޭސްބުކުން ދިމާވެގެން ކައިވެނީގެ ގޮއްޖަހާލާ ހިސާބަށް ގޮސްފައި ވަނީވެސް މަދުބަޔެއްނޫނެވެ.

ދައްކަން މިއުޅެނީވެސް ފޭސްބުކްގެ މުހިންމު ޕޭޖެއްގެ ވާހަކައެވެ. ސުރުޚީގައި އެއޮތީ އެ ޕޭޖެވެ. "ކައިވެނި ޕޭޖު" އެވެ. މިއީ މިހާރު ދިވެހިންގެ ތެރެއިން ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރޭގައި އެންމެ ބޮޑަށް ވައިގައި ހިފަމުން އަންނަ ޕޭޖެވެ. ދާދިފަހުން ބަޔަކު ފެށި މި މަސައްކަތް މިހާރު ވަނީ އެ ޕޭޖު ހިންގާ މީހުންނަށް ރަނގަޅު ވިޔަފާރިއަކަށްވެސް ވެފައެވެ. މި ޕޭޖަށް "ކައިވެނި ޕެޖު" ކިޔަސް މިއީކީ މީސްމީހުން ކައިވެނި ކޮށްދޭ ޕޭޖެއްނޫނެވެ. މިއީ ކައިވެންޏެއް ކުރަން ބޭނުންވެ، އެކަމަކު ހަޔާތުގެ ބައިވެރިޔަކު އަތުލައިގަންނަން އުދަނގޫވެފައިވާ ބަޔެއް މީހުންނަށް ޚާއްސަ ޕޭޖެކެވެ. ނުވަތަ އެމީހަކު ބޭނުން ކުލައެއްގެ، އެމީހަކު ބޭނުން ބައްޓަމަކަށް ހުންނަ، އެމީހަކު ބޭނުން މިޒާޖެއްގެ، އެމީހަކު ބޭނުންވާ ސިފަތަކެއް ހުންނަ މީހަކު ކައިވެނިކުރަން ހޯދަން އިއުލާން ކުރަން އޮތް ނޯޓިސް ބޯޑެކެވެ. މިއީ އަންހެންވެރިންނާއި ފިރިހެންވެރިންނަށްވެސް ހުޅުވާލެވިފައި އޮތް ތަނެކެވެ.

ކައިވެނި ޕޭޖު ހިންގާ މީހުން އެކަން ކުރަނީ އެ ޕޭޖު މެދުވެރިކޮށް އިންނަން ކަމުދާ އަންހެން ކުއްޖަކު ނުވަތަ ފިރިހެން ކުއްޖަކު ހޯދަން ޖަހާނަމަ އެމީހަކު އަތުން ފައިސާގެ އަދަދެއްވެސް ނަގައިގެންނެވެ. އެގޮތުން އެ ޕޭޖުން ވަނީ އެކަމަށް 5 ޕެކޭޖެއްވެސް ތައާރަފް ކޮށްފައެވެ. އޭގެތެރެއިން އެންމެ އަގުހެޔޮ ޕެކޭޖު ނެގިޔަސް ކައިވެނި ޕޭޖުގައި އިންނާނެ މީހަކު ހޯދަން ޖަހައިދެނީ 100 ރުފިޔާ ދެއްކުމުންނެވެ. 100 ރުފިޔާގެ ޕެކޭޖެއް ނަގައިފިނަމަ ކައިވެނި ކުރަން ބޭނުން ވެގެން ޖެހި ލިޔުން 7 ދުވަސް ވަންދެން އެ ޕެޖޭގައި ޖަހައިދެއެވެ. އެއީ ބްރޯންޒް ޕެކޭޖެވެ. މިއީ އެންމެ އަގުހެޔޮ ޕެކޭޖެވެ. ދެން އޮތީ ސިލްވަރ ޕެކޭޖެވެ. އެ ޕެކޭޖު ނަގައިފިނަމަ 15 ދުވަސް ވަންދެން ލިޔުންކޮޅު ޖަހައިދެނީ 200 ރުފިޔާގެ ފީއެއް ނެގުމަށް ފަހުއެވެ. ދެން އޮތީ ގޯލްޑް ޕެކޭޖެވެ. 300 ރުފިޔާގެ ފީއަކާއެކު 25 ދުވަސް ވަންދެން ލިޔުންކޮޅު ޖަހައިދެއެވެ. ދެން އޮތީ ޕްރިމިއަމް ޕެކޭޖެވެ. މިއީ 400 ރުފިޔާގެ ޕެކޭޖެކެވެ. މުއްދަތަކީ 40 ދުވަހެވެ. ދެން އޮތީ އެންމެ އަގުބޮޑު ޕެކޭޖެވެ. އެއީ ޕްލެޓިނަމް ޕެކޭޖެވެ. މި ޕެކޭޖުގެ އަގަކީ 500 ރުފިޔާއެވެ. މި ޕެކޭޖު ނަގާ ފަރާތްތަކަށް 60 ދުވަސް ވަންދެން ލިޔުންކޮޅު ޖަހައިދޭނެ ކަމަށް އެ ޕޭޖުގައި ބުނެފައި އޮތެވެ.

އެ ޕޭޖުގައި ބުނެފައިވާ ގޮތުން ކައިވެނި ކުރަން މީހަކު ހޯދަން ޖަހާނަމަ ވަކި ޚާއްސަ މައުލޫމާތު ތަކެއް އެ ޕޭޖުގެ އެޑްމިނާ ޙިއްސާ ކުރަން ޖެހޭނެއެވެ. އެ މައުލޫމާތު ތަކަކީ ފުރިހަމަ ނަން، އުފަން ތާރީޚް، ދާއިމީ އެޑްރެސް، މިހާރު އުޅޭ އެޑްރެސް، ވަޒީފާ އަދާކުރާ ތަން / މަގާމު، އާންމުދަނީގެ އަދަދު، ކައިވެނީގެ އަދަދު / ދަރިންގެ އަދަދު، އައިޑީކާޑު ނުވަތަ ފޮޓޯ ޖެހި ލިޔުމެއް، ގުޅޭނެ ނަންބަރު އަދި ބައިވެރިޔާގެ ހުންނަންޖެހޭނެ ޝަރުތު ތަކެވެ. މީގެތެރެއިން ފޮޓޯ ޖެހި ލިޔުމާއި ފޯނު ނަންބަރު ޕޭޖުގައި ޝާއިއު ނުކުރެއެވެ. އެއީ ހަމައެކަނި އެ ޕޭޖު ހިންގާ މީހުންގެ މައުލޫމާތަށް ހޯދާ އެއްޗެކެވެ. ޕޭޖުގައި ޖަހާ ލިޔުންކޮޅުގައިވާ މީހާއާ އިންނަން ބޭނުންވާ މީހުން ޖެހެނީ އެމީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ޕޭޖުގެ އިންބޮކްސްއަށް ފޮނުވާލާށެވެ. އެ ހިސާބުން އެ ޕޭޖުން ކޮށްދޭ ކަމަކީ އިންނާނެ މީހަކު ބޭނުން ވެގެން އުޅުނު މީހާއާއި އިންނަން ކުރިމަތިލާ މީހުންނާ ގުޅުވާލަ ދިނުމެވެ. އެ ހިސާބުން ކައިވެނި ޕޭޖު ހިންގާ މީހުންގެ މަސައްކަތް ނިމުމަކަށް އައީ ކަމަށް ވެދާނެއެވެ.

ބަޔެއް މީހުން ގަބޫލު ކުރާގޮތުގައި ފީއެއް ނަގައިގެން ކުރިނަމަވެސް މިއީ މުހިންމު ޕޭޖެކެވެ. ރަނގަޅު މަސައްކަތެކެވެ. ޕޭޖުގައި އިންނާނެ މީހަކު ހޯދަން އިއުލާން ކޮށްފައިވާ މީހުންގެ ތެރޭގައި އަލަތު ކައިވެންޏަށް ކުރިމަތިލާ މީހުންނާއި ކުރިން އެއްކައިވެނި ނުވަތަ އެއަށްވުރެ ގިނަ ކައިވެނިކޮށް ދަރިން ލިބިފައިވާ މީހުންނާއި އަނބި ނުވަތަ ފިރި މަރުވެފައިވާ މީހުންވެސް ތިބެއެވެ. ކުޑަކުޑަ އާންމުދަނީއެއް ލިބޭ މީހުންނާއި ވަރަށް ބޮޑެތި އާންމުދަނީ ލިބޭ މީހުންވެސް ތިބެއެވެ. މުސްކުޅިންނާއި ޒުވާނުންނެވެ. ނަމަވެސް ބަޔެއް މީހުން އިންނާނެ މީހަކު ބޭނުން ވެގެން ޖަހާލީމާ އެމީހާ ލަދުން ބޯހަލާކު ކޮށްލާފައިވެސް ހުރެއެވެ. ކޮމެންޓު ތަކުންނެވެ.

40 އަހަރުގެ ފިރިހެނަކު އިންނާނެ މީހަކު ބޭނުން ވެގެން ޖަހާފައި އޮތެވެ. ފިރިހެން މީހާ މީގެކުރިން 4 ކައިވެނިކޮށްފައިވެއެވެ. 1 ދަރިޔަކު ހުރި ކަމަށް ބުނެފައިވެއެވެ. އަދި އޭނާއަކީ ޕީއެޗްޑީ އޮތް މީހެއް ކަމަށްވެސް ބުނެފައި ވެއެވެ. އޭނާއާ އިންނަ އަންހެން ކުއްޖާގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތު ތަކެއް ކަމަށް ބުނެފައި ވަނީ ރީތި، ދޮން، ލޫޅާފަތި، ޒަމާނީ އަންހެން ކުއްޖަކަށް ވުމެވެ. އަންހެން ކުއްޖާ ކުރިން ކައިވެންޏެއް ކޮށްފައި ހުއްޓަސް ހެވެ. އެކަމަކު އަންހެން ކުއްޖާގެ ދަރިޔަކު ހުރެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މި ޕޯސްޓުގައި ހުރި ކޮމެންޓުތަކުން އެ ފިރިހެން މީހާއަށް ވަރަށްގިނަ ބަޔެއްގެ މަލާމާތް ރައްދުވެފައި ހުއްޓެވެ. މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި ބުނެފައި ވަނީ އެ ފިރިހެން މީހާއަކީ ޕީއެޗްޑީ ނަގައިގެން ހުރި އަންހެންވެރިންގެ ހަލާކު ކަމަށެވެ. އަދި އަންހެން ކުއްޖާ ހުންނަ ސިފައަށް ބަލައިގެން މީހުންނާ އިންނާތީ 4 ކައިވެނި ކުރިއިރުވެސް ކައިވެނި ހަރުނުލީ ކަމަށް ބުނެފައި ވެއެވެ.

އެ ޕޯސްޓަށް ކޮމެންޓްކުރި އަންހެން ކުއްޖަކު ވަނީ ފިރިހެން މީހާއާ އިންނަ އަންހެން ކުއްޖާގެ ލޫޅާފަތިކަން ގެއްލުމުން ވަރިކޮށްލާނީތޯ ސުވާލު ކޮށްފައެވެ. އަދި ފިރިހެން މީހާއަކީ "އެދުން ފަލަ" މީހެއް ކަމަށާއި، ތިމާގެ ދަރިޔަކު ހުރެ، އިންނަން ބޭނުންވާ އަންހެން މީހާގެ ދަރިޔަކު ނެތުން ޝަރުތު ކޮށްފައި އޮތުމުން އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށްވެސް މީހަކު ބުނެފައި ވެއެވެ. އެހެން މީހަކު ބުނީ އިންނަން އުޅޭ އަންހެން މީހާ ހުންނަގޮތް ބުނުމުން ފުރަތަމަވެސް ތިޔައޮތީ މައްސަލަ ޖެހިފައި ކަމަށާއި މިހާރުވެސް ތިޔައުޅެނީ ކައިވެންޏެއް ކުރިޔަސް ހަރުނުލައިގެން އެސަބަބަބާ ހެދި ކަމަށެވެ.

އެހެން މީހަކު އިންނާނެ މީހަކު ހޯދަން ޖެހި ޕޯސްޓެއްވެސް ފާހަގަ ވިއެވެ. މާލޭގެ ގެދޮރު ހުރި ފިރިހެނެކެވެ. އުމުރަކީ 38 އަހަރެވެ. އޭނާއަށް މާލޭގައިވާ ގެއިން ބިމު ކުލީގެ ގޮތުގައި 1 ލައްކައަށްވުރެގިނަ ރުފިޔާގެ އާންމުދަނީއެއް މަހަކު ލިބޭ ކަމަށް ބުނެފައި އޮތެވެ. އިންނަން ބޭނުންވާ އަންހެން މީހާގެ ޝަރުތު ތަކުގެ ތެރޭގައި 18 އަހަރު ފުރި 38 އަހަރު ފުރިގެން ނުވާނެ ކަމަށް އޮތެވެ. އަދި ހީވާގި މުރާލި އަންހެނަކަށް ވާންޖެހޭނެ ކަމަށް އޮތެވެ. މި ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓުތަކުން ދޭހަވީ އެމީހާއާ އިންނަން ޝައުގުވެރިވި އަންހެންވެރިން ގިނަ ކަމެވެ. ނެގެޓިވްކޮށް ކޮމެންޓު ކޮށްފައި ނެތުމުންނެވެ. އަދި ގިނަ އަންހެން ވެރިން ވަނީ އެމީހުންގެ އެހެން އަންހެން ރައްޓެހިންނަށް މި ޕޯސްޓް ޓެގްވެސް ކޮށްފައެވެ. އަދި ފިރިހެން މީހާއާ އިންނަން ކުރިމަތިލާން ބޭނުން ކަމަށްވެސް ބަޔެއް އަންހެންވެރިން ބުނެފައި ހުއްޓެވެ.  ބަޔެއް މީހުން އިންނާނެ މީހަކު ހޯދަން ކުރާ އިއުލާނުގައި ދީންވެރި، ތެދުވެރި، ހީވާގި މީހަކު ހޯދަންވެސް ޖަހާފައި ހުރެއެވެ. އެކިމީހުންގެ ވިސްނުން ތަފާތުވާނެތާއެވެ.

ފޭސްބުކުގެ ތެރެއިން އުފަންވި ކައިވެނި ޕޭޖުގެ މަގުބޫލުކަން ދަނީ ބޮޑުވަމުންނެވެ. މި ޕޭޖުގެ ތެރެއިން އިންނާނެ މީހުން ހޯދާ މީހުންވެސް ގިނަވަމުންދާ ކަމަށްވެއެވެ. އެހެންކަމުން މިއީ ރަނގަޅު ފައިދާހުރި ޕޭޖެއް ކަމަށް ބުނެވިދާނެއެވެ. ބަޔެއް މީހުން ހޫނުފެނަށް ދިޔަސް ހުރިހާ މީހުން ހޫނު ފެނަށްނުގޮސް ކައިވެނީގެ ސެޓްފިކެޓު އަތަށް އަރާ ހިސާބަށް މި ޕޭޖު މެދުވެރިކޮށް ބަޔެއް މީހުންގެ ދިރިއުޅުން ގެންގޮސްދީފައި އެބަހުއްޓެވެ. މިޕޭޖުގެ ސަޅި ކަމަކީ އެއީއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.