ދެކުނުގެ އެންމެ ބާރުގަދަ އެއް ޕާޓީ ބޮޑުވަޒީރު މޯދީގެ ކޯލިޝަނުން ވަކިވެއްޖެ

ޓެލުގޫ ދޭސަމް ޕާޓީގެ ލީޑަރު އެން. ޗަންދްރަބާބޫ ނައިޑޫ ބޮޑުވަޒީރު މޯދީއާއެކު

ދިގުދެމިގެން ދިޔަ ދެބަސްވުންތަކަކަށް ފަހު، ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން، އެންމެ ބާރުގަދަ ސަރަހައްދީ އެއް ޕާޓީ ވަކިވެއްޖެއެވެ.
އާންދްރާ ޕްރަދޭޝްގައި ވެރިކަން ކުރާ ޓެލުގޫ ދޭސަމް ޕާޓީ (ޓީޑީޕީ) ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވެރިކަންކުރާ ކޯލިޝަން، އެންޑީއޭ އިން ވަކިވީ، 2014 ވަނަ އަހަރު ވައުދުވީ ފަދައިން އާންދްރާ ޕްރަދޭޝްއަށް "ޚާއްސަ ދަރަޖައެއް" ދިނުމަށް މޯދީގެ ސަރުކާރުން އެއްބަސް ނުވުމުންނެވެ.
2014 ވަނަ އަހަރު އާންދްރާ ޕްރަދޭޝް ދެބައިކުރުމަށްފަހު އުތުރުގައި ތެލަންގާނާގެ ނަމުގައި އާ ސްޓޭޓޭއްވަނީ އުފައްދާފައެވެ. އާ ސްޓޭޓްގެ ވެރިރަކަށް ހަމަޖެހިގެން ދިޔައީ އާންދްރާ ޕްރަދޭޝްގެ ވެރިރަށް ހައިދަރުއާބާދެވެ. އެހެންކަމުން އާންދްރަ ޕްރަދޭޝްއިން ދަނީ އަމަރާވަތީގެ ނަމުގައި އާ ވެރިރަށެއް ބިނާކުރަމުންނެވެ. ޓީޑީޕީން ދިޔައީ އެމަކަށްވެސް މައި ސަރުކާރުން ފައިސާ ހޯދުމަށް މަސައްކުރަމުންނެވެ. "ޚާއްސަ ދަރަޖަ" ލިބިފައި އޮތްނަމަ މިފައިސާ ފެސޭހައިން ލިބޭނެ މަގު ތަނަވަސްވެގެން ދިޔައީހެވެ.
ޓެލުގޫ ދޭސަމް ޕާޓީ ކޯލިޝަނުން ވަކިވަސް ވެރިކަންކުރާ ކޯލިޝަނަށް މިވަގުތަކު ބިރެއް ނެތެވެ. އެއީ ޓީޑީޕީގެ މެންބަރުންނާ ނުލައިވެސް ސަރުކާރަށް ލޯކް ސަބާގައި އަޢުލަބިއްޔަތު ލިބޭތީއެވެ. ޓީޑީޕީ ވަކިވުމުން ކޯލިޝަނަށް 16 ގޮނޑި ގެއްލޭނެއެވެ. އެހެނަސް 565 މެންބަރުން ހިމެނޭ ލޯކްސަބާގައި އެންޑީއޭގެ 316 ގޮނޑި ހުންނާނެވެ.
ޓީޑީޕީ ވަކިވެގެން ދިއުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ފެނިގެންދާނީ 2019 ވަނަ އަހަރު އޮންނަ އާއްމު އިންތިޚާބުގައެވެ. އިންޑިޔާގެ 29 ސްޓޭޓުން 21 ސްޓޭޓްގައި ބީޖޭޕީ ވެރިކަން ކުރަމުން ދިޔައަސް ދެކުނުގެ ސްޓޭޓްތަކުގައި އެޕާޓީގެ ތާއީދު ވަރަށް ކުޑައެވެ. އެހެންކަމުން އިންތިޚާބުގެ ތެރޭގައި، ދެކުނުގެ ސަރަހައްދީ ޕާޓީތަކުގެ ތާއީދު ބީޖޭޕިއަށް ވަރަށް މުހިއްމު ވާނެއެވެ. ވީމާ، އިންތިޚާބުިމިހާ ގާތްވެފައި އޮއްވާ ދެކުނު ސްޓޭޓޭއްގެ ޕާޓީގެ ތާއީދު ގެއްލުމަކީ ބީޖޭޕީ އިސްވެ އޮވެގެން އެކުލަވާލާފައޮތް އެންޑީއޭ ކޯލިޝަނުން އެދޭނޭ ކަމެއް ނޫނެވެ.
މައި ސަރުކާރުގެ ކޯލިޝަނުން ޓީޑީޕީ ވަކިވި ފަހުން "މަރުކަޒީ ސަރުކާރު އޮތީ އާންދްރާ ޕްރަދޭޝްއަށް ޚާއްސަ ދަރަޖަ ދޭން ތައްޔާރަށް" ކަމުގައި ފިނޭންސް މިނިސްޓަރު އަރޫން ޖައިޓްލޭ ވިދާޅުވެފައި ވެއެވެ.
މި ވާހަކައާ ގުޅިގެން ޓީޑީޕީގެ ނިންމުން އަނބުރާ ގެންދާނެ ކަމުގެ އިޝާރާތެއް އަދި ލިބިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.