ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދެވިދާނެ ބައެއް ގޮތްތައް!

ކުއްޖާ އުފަންވަނީ ފިޠުރަތުގެ ސާފުތާހިރުކަންމަތީގައެވެ. ކޮންމެ ދީނެއްގެ މީހަކަށް ލިބޭ ދަރިޔަކު ކަމުގައި ވިޔަސްމެއެވެ. އެކުއްޖާ މަޖޫސީ އަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީ  މައިންބަފައިންނެވެ. ނުވަތަ އެކުދިންގެ ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުލާބައެވެ.

ދަރިން ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް ހަރުދަނާ މުސްލިމު ދަރިން ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމެއްނޫނެވެ. ދަރިއަކު ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތު ކުރުމަކީ ވަރަށް ތަފާތު ދެކަމެކެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު އަޅުގަނޑުމެން ދަރިން ތަރުބިއްޔަތު ކުރަންޖެހޭނީ ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވައިފައިވާ ގޮތަށެވެ. އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މަގު އަޅުގަނޑުމެންނަށް ދައްކައިވައި ދެއްވި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ދެއްކެވި ގޮތަށެވެ.

ތިރީގައި ބަލައިލައިފައި މިވަނީ އެގޮތުން ދަރިން ތަރުބިއްޔަތުގައި ކުރެވި ދާނެ  ބައެއް ކަންކަމަށެވެ.

ތަރުބިއްޔަތު ކުރުމުގެ ގޮތްތައް

1) ވަކިވަކި މީހުންނާއި މުޖުތަމަޢުގައި ހުރި ރަނގަޅުކަންކަމާއި ސިފަތައް، ފާހަގަކޮށް ދަރިންނަށް ދައްކުވައިދޭށެވެ. މުޖުތަމަޢުގައި ހިނގާ ގޯސްކަންތައް ވެސް ކުދިންގެ ޢުމުރާއި ވިސްނުމާ ގުޅޭގޮތަށް އެއީ ކޮށްގެންނުވާނެ ކަންތައްކަން އަންގައިދޭށެވެ.

2) މައިންބަފައިން ނުވަތަ ބެލެނިވެރިންގެ އުޅުމުން ކުދިންނަށް ރަނގަޅު މިސާލުތައް ދައްކުވައިދޭން ޖެހޭނެއެވެ. ސަބަބަކީ މައިންބަފައިން އުޅޭގޮތާއި ދައްކާ ވާހަކަ އެކުދިން ވަރަށް ގަޔާވެ އެގޮތްތައް ކޮޕީ ކުރާނެތީއެވެ.

3) ދީނުގެ އުޞޫލުތައް ކުދިންނަށް ދަސްކޮށްދީ، ޢުމުރާ ގުޅޭގޮތުން އަޅުކަމުގައި ބައިވެރި ކުރާށެވެ. ޢުމުރުން ހަތް އަހަރުގައި ނަމާދު ކުރުމަށް ކުދިންނަށް އަމުރު ކުރުމަށް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘް ކުރައްވައިފައެވެ.

4) ލޯތްބާއި އޯގާތެރިކަމާއެކު ދަރިންނަށް ކަންތައް ކޮށްދޭށެވެ. ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޢަމަލީ ގޮތުން އަޅުގަނޑުމެނަށް މިކަން ދައްކަވައި ދެއްވައިފައެވެ.

މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކުޢުގައި  އޮންނަވަނިކޮށް ކާފަދަރިކަލުން، ޙަސަނުގެފާނު އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް އަރައިވަޑައިގެންނެވުމުން، ރުކޫޢު ދިގުކުރެއްވިއެވެ. ނަމާދުން އަވަދިވެވަޑައިގެންނެވުމުން އަޞްޙާބު ބޭކަލުން އެކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން ހަދީޘް ކުރެއްވީ ތިމަންކަލޭގެފާނުގެ ކާފަދަރިކަލުން ބުރަކަށިފުޅު މައްޗަށް އެރުމުން އޭނާ ފައިބަންދެން މަޑުކުރެއްވީ ކަމުގައެވެ.

5) ރަނގަޅުކުދިންނާ އެކު އެޅުމަށާއި ގޯސްކުދިންނާއެކު ނޫޅުމަށް ކުދިންނަށް ބުނެދިނުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެކުގައި އުޅޭ ކުދިންގެ ގޮތްތަކާއި ސިފަތައް ކުދިންގެ ކިބައިގައި ވަރަށް ފަސޭހައިން ހަރުލާނެއެވެ. ގޯސްކުދިންނާއެކު އުޅޭނަމަ އެކުދިންގެ ގޯސް ސިފަތަކާއި އުޅުން ކުއްޖާގެ ކިބައިގައި ވަރަށް ފަސޭހައިން ހަރުލާނެއެވެ. އެކުގައި އުޅޭނެ ރަޙުމަތްތެރިން ޚިޔާރު ކުރުމުގައި ސަމާލުކަން ދިނުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ވަނީ އިރުޝާދު ދެއްވައިފައެވެ.

6) މުސްލިމު އުއްމަތަށް ނިސްބަތްވުމުގެ މުހިންމުކަމާއި މުސްލިމުންގެ އުޚުއްވަތްތެރިކަން ބުނެދީ މުސްލިމެއްގެ ގޮތުގައި ދެމިހުރުމަށް ކުއްޖާއަށް ހިތްވަރުދޭށެވެ. ކޮންމެ ނަސްލަކަށް ކޮންމެ ޤައުމަކަށް ނިސްބަތްވިކަމުގައި ވިއަސް މުސްލިމަކަށް ވީތީ އަޅާލުމާއި ލޯބި ދޭންޖެހޭނެކަން ކުއްޖާއަށް ދަސްކޮށްދޭށެވެ. މުސްލިމަކަށް ދިމާވާ ކޮންމެ އުފަލަކީ ތިމާއަށްވެސް ލިބޭ އުފަލަކަށް ނުވަތަ ހިތްހަމަޖެހުމަކަށް ވާންޖެހޭނެކަން ކުއްޖާއަށް އިޙްސާސް ކޮށްދޭށެވެ. އަދި މުސްލިމަކަށް ލިބޭ ކޮންމެ ހިތާމައަކީ ނުވަތަ ދެރައަކީ ތިމާއަށްވެސް ލިބޭ ދެރައެއްކަން ކުއްޖާއަށް ވިސްނައިދޭށެވެ. އަދި މުސްލިމު އުއްމަތް ކުރިއަރުވައި މުސްލިމުންގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ މުހިންމުކަން  ކުއްޖާއަށް ވިސްނައިދޭށެވެ.

ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަން

ހ. ކުއްޖާ ގޮވައިގެން މިސްކިތަށް ގޮސް، ވަކި ފަންތިއެއް، ގިންތިއެއް ނުބަލައި މުސްލިމު އަޚުންނާއި އުޚުތުންނާ ބައްދަލުކޮށް ތަޢާރަފުވެ ސަލާންގަލާންކޮށް ހާލު އަހުވާލު އަހާށެވެ.

ށ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތާއި އެކަލޭގެފާނުގެ އަޞްހާބު ބޭކަލުންގެ ސީރަތު ކުދިންގެ ވިސްނުމުގެ ޤާބިލްކަން ހުރި މިންވަރަކުން ދަސްކޮށްދޭށެވެ.

ނ. ހާލުގައި ޖެހިފައިވާ މުސްލިމުންނާއި ނިކަމެތި ހާލުގައި އުޅޭ މުސްލިމުންގެ ޙާލަތާމެދު ދެރަވުމަށާއި އެފަދަ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުދިންނަށް ހިތްވަރުދޭށެެވެ.

ރ. އެއް އުމުރެއްގެ ކުދިންނާއެކު ދަތުރު ދިއުމާއި ޢީދު ދުވަސްފަދަ ދުވަސްތަކުގެ ޙަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިކުރާށެވެ.

ބ. ﷲ ސުބުޙާނަހޫ ވަތަޢާލާދެކެ ލޯބިވުމަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވުމަށާއި އަޞްހާބު ބޭކަލުންދެކެ ލޯބިވުމަށާއި މުސްލިމުން ދެކެ ލޯބި ވުމަށާއި އަދި ރަނގަޅު ކަންކަމަށް ލޯބި ކުރުމަށް ކުއްޖާގެ ކިބައިގައި އަށަގަންނުވައިދޭށެެވެ. މިފަދަ ލޯތްބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާނެ ލޯތްބެވެ.

މަސްދަރު : އައިޑިއަލް މުސްލިމާ.ކޮމް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.