އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ކުއްލި ދަތުރުފުޅެއްގައި ސްވިޑަނަށް

އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯ (މެދުގައި) ސްޓޮކްހޯމްގައި

އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮން އުން އާ އެމެރިކާގެ ރައީސު ޓްރަމްޕާ ދެމެދު ބައްދަލުވުމެއް ބޭެއްވުމަށް ތައްޔާރުވަމުންދާ ދަޑިވަޅެއްގައި، އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯ ކުއްލި ދަތުރުފުޅެއްގައި ސްޓޮކްހޯމަށް ވަޑައިގެން ސްވިޑަންގެ ބޮޑުވަޒީރު ސެޓެފާން ލޮވިއަނާ ބައްދަލުކުރައްވައިފިއެވެ. ޕިޔޮންގޔަންގުން ބުނީ އޭނާ ސްވިޑަންގައި ވާހަކަފުޅު ދެއްކެވީ "ދެގައުމުގެ ގުޅުމާއި، ދެގައުމަށް މުހިއްމުވާ މައްސަލަތަކާ" ބެހޭގޮތުން ކަމުގައެވެ.
ސްވިޑަންގެ ޚާރިޖީ ވަޒީރާ މާރްގޮޓް ވާލްސްޓްރަމް ވެސް ވަނީ ޚާރިޖީ ވަަޒީރު ރީ އާއެކު ބައްދަލުވުމެއް ބާއްވަވާފައެެވެ. އެބައްދަލުވުމަށް ފަހު ވާލްސްޓްރަމް ވިދާޅުވީ ދެފަރާތުގެ ދެމެދުގައި "ރަނގަޅު އަދި ބިނާކުރަނިވި" ވާހަކަަތަކެއް ދެކެވުނު ކަމުގައެވެ. އެ ބައްދަލުވުމުގައި ކިމް-ޓްރަމްޕް ބައްދުވުމާ ބެހޭ އެއްވެސް ވާހަކަ ދެކެވުނުތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ "ދެން ވާ ގޮތެއް އަަހަރުމެންނަށް ފެންނާނެ" ކަމުގައެވެ.
ސްވިޑަނަކީ މީގެ ކުރިންވެސް ޕިޔޮންގޔަންގާ ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ގައުމެކެވެ.
"އަހަރުމެން އަދާކުރާ ދައުރާއި، އަަހަރުމެންގެ ގުޅުންތަކުގެ ބޭނުން އަހަރުމެންނަށް ހިފިދާނެ" ވާލްސްޓްރަމް ކުރިން ވިދާޅުވެފައި ވެއެވެ. "ބައްދަލުވުމެއް އިންތިޒާމުކުރަން ފުރުސަތު ލިބުމަކީ އަގުހުރި ފުރުސަތެއް ކުމުގައި އަހަރުމެން ދެކޭނެ ކަމެެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.
ކިމް-ޓްރަމްޕް ބައްދަލުކުރެއްވުން ބާއްވާނެ އެއްތަނެއް ކަމުގައި ސްވިޑަން ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ބޮޑަށް ބެލެވެނީ އެ ބައްދަލުވުން އޮންނާނީ ދެކޮރެޔާ ދެމެދުގައި އޮންނަ ޑިމިލިޓަރައިޒްޑް ޒޯންގައި ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.