އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވަން ތައްޔާރު ވަމުން އަންނަ ބޮޑު މުޒާހަރާގައި ބައިވެރި ވެގެން އެކަކުވެސް ކުށްވެރިނުވާނެ ކަމަށާއި އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްގެއް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ.
ޖޭޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރިން ކުރައްވާފައިވާ އަބްދުﷲ އަމީން ވިދާޅުވީ ބަޔަކު އެއްވާ ކޮންމެ އެއްވުމަކީ ސަރުކާރު ވައްޓާލަން އެއްވާ އެއްވުމެއް ނޫން ކަމަށާއި އެގޮތަށް ލޭބަލް ކުރުމުގެ ފުރުޞަތު ފުލުހުންނަށްވެސް ނުލިބޭނެ ކަމަށެވެ.
އަމީން ވިދާޅުވީ ކޮންމެ މީހަކަށްވެސް އަތޮޅުގައި ނުވަތަ ރަށުގައި ނުވަތަ އެހެން ރަށެއްގައި ހުރެވެސް ސަރުކާރުން ކަންކަން ކޮށްދޭގޮތާމެދު ހިތްހަމަނުޖެހޭނަމަ ޚިޔާލު ފާޅުކުރުމުގެ ހައްގު އެބައޮތް ކަމަށާއި، އަދި އެއްރަށުން އަނެއް ރަށަށް ދިޔުމުގެ ހައްގުވެސް އެބައޮތް ކަމަށެވެ. އަދި އެގޮތަށް ގޮސް މުޒާހަރާވެސް ކުރުމުގެ ހައްގު އެބައޮތް ކަމަށެވެ.
ޖޭޕީން މިހެން ބުނިއިރު ފުލުހުން މިއަދު ބުނެފައި ވަނީ މާދަމާގެ އެއްވުމަށް ފުރުޞަތު ނުދޭނެ ކަމަށާއި މުޒާހަރާގައި އެއްވެސް މީހަކު ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އަމަންއަމާންކަން ނަގާލަން ބާއްވާ މިފަދަ އެއްވުންތަކަށް ފަންޑުކުރާ މީހުން ހޯދައި އެމީހުންނާމެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރޭ މަޖީދީމަގުގައި ކުރި މުޒާހަރާއިންވެސް ފުލުހުން ވަނީ 15 މީހަކު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައެވެ.