މާދަމާ ބާއްވާ މުޒާހަރާގައި ރައްޔިތުން ބައިވެރިނުވާތި- ޕޮލިސް

އިދިކޮޅު ކޯލިޝަނުން މާދަމާ މާލޭގައި ބާއްވަން ރާވާފައިވާ "ބޮޑު މުޒާހަރާ" ހުއްޓުވާނެ ކަމަށާއި އެ މުޒާހަރާ އެއްވެސް ދިވެހި ރައްޔިތަކު ބައިވެރި ނުވުމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މީގެކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސުޕްރިންޑެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ އާންމުންނަށް އުދަނގޫވާ ގޮތަށް މުޒާހަރާތައް ބާއްވަމުން އަންނާތީ ފުލުހުންނަށް ގިނަ ބަޔެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި "ސަރުކާރު ނިންމުމަށް" ކަމަށް ބުނެ މާދަމާ ބާއްވާ މުޒާހަރާއަށް އެއްވެސް ފުރުޞަތެއް ފުލުހުން ނުދޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ އަމަންއަމާންކަން ނަގާލުމަށް ބާއްވާ މިފަދަ މުޒާހަރާތަކަށް ފަންޑުކުރާ މީހުންވެސް ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި އެއްވުންތައް ބާއްވަމުން އަންނަނީވެސް އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ރޭވެސް މަޖީދީމަގުގައި ބޭއްވި މުޒާހަރާގައި ފުލުހުން ވަނީ 15 މީހަކު ހައްޔަރު ކޮށްފައެވެ. ރޭ މަޖީދީމަގަށް އެއްވި މީހުން ބުނަމުން ދިޔައީ 16 މާރޗްގައި ބާއްވަން އޮތް ބޮޑު މުޒާހަރާއަށް ކެތްކުރެވެން ނެތް ކަމަށެވެ. ރޭގެ އެއްވުމުން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި އާންމުންގެ މީހުންވެސް ހިމެނެއެވެ. އެ އެންމެން މިވަގުތު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ މިރުސް ފެން އަޅާފައިވާ ޕަކެޓްތަކެއްވެސް އަތުލާފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.