ތިނަދޫގައި ފުރަތަމަ ފަހަރަށް ކެބިންކުރޫ ކޯހެއް ފަށަނީ

ކެބިންކުރޫ ފައުންޑޭޝަން ލެވެލްގެ ކޯހެއް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ބައްވަން ތައްޔާރުވަމުންދާ ކަމަށް ދިވެހި ކެބިންކުރޫ އެކެޑެމީ އިން ވިދާޅުވެއްޖެއެވެ.

އެތަނުގެ އެއް ފައުންޑަރ ކަމަށްވާ ހުސައިން ހަލީމް ވިދާޅުވީ ކޯހަށް އެދި ހުށަހެޅުމުގެ މުއްދަތުވާނީ އެޕްރީލްމަހުގެ 7 އާ ހަމައަށް ހުޅުވާލައިފައި ކަމަށެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 10 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކޯހުގެ ފުލް ޖާގައަކީ 25 ކުދިން ކަމަށާއި 15 ކުދިން ހަމަވިޔަސް ކޯސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިހަ ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގައި ދުވާލަކު 5 ގަޑިއިރު ކިޔަވައިދީ 50 ގަޑި ހަމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯހުގެ ތިއަރީބަޔައި، ޕްރެކްޓިކަލްބައިވެސް ކުރިއަށް ގެންދާނީ ކުލާސް ރޫމުގައި ކަމަށް އެނާ ވިދާޅުވިއެވެ. "މި ކޯހުގައި ފީލްޑް ޓްރިޕެއް ނޯންނާނެ،" ހަލީމް ވިދާޅުވިއެވެ.

މި ކޯހުގެ މައިގަނޑު ބޭނުމަކީ އޭވިއޭޝަން ދާއިރާއިން ވަޒީފާ ހޯދަން ބޭނުންވާ ކުދިންނަށް އިންޓަވިއުއިން ފާސްވެ ވަޒީފާ ލިބުމުގެ ފުރުސަތު ބޮޑުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކެބިންކުރޫ ކޯހަކަށްވިޔަސް ކޯހުގައި އިތުރު ބައިތަކެއް ހިމަނާފައިވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އެއީ ރިޒަވޭޝަން އެންޑް ޓިކެޓިންއާއި، ގްރައުންޑް އޮޕަރޭޝަންއެވެ. އެހެންވީމާ މި ކޯސް ފުރިހަމަ ކުރުމުން އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް ލިބުމަށްވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯހުން ދޭ ސެޓްފިކެޓަކީ ސިވިލްއޭވިއޭޝަނާއި، އެއާލައިންތަކުން ގަބޫލުކުރާ ސެޓްފިކެޓެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

މި ކޯހުގެ ފީއަކީ 5200 ރުފިޔާއެވެ. ހަލީމް ވިދާޅުވީ އެއީ މާލޭގައި ކޯސް ހިންގާއިރު ނަގާ ފީކަމަށެވެ. އެހެންވީމާ ރަށެއްގައި ކޯސް ބާއްވާއިރު އެއީ ކުޑަ އަގެއް ނުވަތަ ފީ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ކަމަށްވާނަމަ ކޯސް ފެށުމުގެ ކުރިން އެއްބައި ދައްކައިފައި ކޯސް ނިމޭދުވަހު އަނެއްބައި ދެއްކޭނެ ގޮތަށް އިންތިޒާމް ކުރެވިދާނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

މީކޯހަކީ އައްޑޫސިޓީއާއި މާލޭގައި ކޮންމެ ދެހަކުން ބާއްވަމުން ގެންދާ ކޯހެކެވެ. އޭގެއިތުރަށް ސްޕޮންސަރ ލިބޭ މިންވަރަކުން އެހެން ރަށްރަށުގައި ކޯސް ބާއްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އައްޑޫއާއި މާލޭގެ އިތުރަށް މިކޯސް މީގެ ކުރިން ބާއްވައިފައިވަނީ ފުވައްމުލަކު ސިޓީއާއި، ބ. އަތޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.