މުޒާހަރާ ރާވައި ޚަރަދުކުރާ މީހުން ހޯދައި ފިޔަވަޅު އަޅާނަން: ޕޮލިސް

މުޒާހަރާ ރާވައި އެކަމަށް ފައިސާ ޚަރަދުކުރާ މީހުން ހޯދައި އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ މުޒާހަރާއާ ބެހޭ ގޮތުން މިއަދު ދެއްވި ނޫސްބަޔާނެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޣައިރު ގާނޫނީ އެއްވުމަކަށް ގޮވާލައި މަޖީދީ މަގަށް މީހުން އެއްކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މުޒާހަރާއަކީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހުއްޓުމަކަށްގެނެސް ސަރުކާރު ވައްޓާލުމަށް ބާއްވަން މަސައްކަތްކުރާ މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. "ރާއްޖޭގޭ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފު ކަންތައްތަކެއް ކުރުމަށް ގޮވާލާ ސަލާމަތީ ބާރުތަކާ ކުރިމަތިލާ އާމަން އަމާންކަން ނަގާލުމުގެ ބޭނުމުގައި ބާއްވަން މަސައްކަތް ކުރާ މުޒާހަރާއެއް ކަމަށްވާތީ މިފަދަ އެއްވެސް ކަމަކަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައިވާ މި ދަނޑިވަޅުގައި ވިޔަސް އަދި އެނޫން ވަގުތެއްގައިވެސް އެފަދަ ކަމަކަށް ފުލުހުން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިފަދަ ކަންކަން ރާވައި އިންތިޒާމްކޮށް ޚަރަދުކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކަމަށްބުނެ ބާއްވަމުން ގެންދާ އެއްވުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތުވެސް ބައެއް މީހުން އެބަތިބި ކަމަށެވެ. އެފަރާތްތަކާ ގުޅިގެން ހިންގަންޖެހޭ ތަހުގީގު ފުލުހުންގެ އިދާރާއިން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.