ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ – އައިޒޯލްގެ ކޯޗް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާ ޒޯނުގައި މިއަދު ހަވީރު ރާއްޖޭގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަމަށާއި ނިއުގައި ތިބީ ތަޖުރިބާކާރު މޮޅެތި ކުޅުންތެރިންތަކެއް ކަމަށް އިންޑިޔާގެ ޗެމްޕިއަން އައިޒަލްގެ ކޯޗް ސަންތޯޝް ކަޝްޔަފް ބުނެފިއެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންތޯޝް އިތުރަށް ބުނީ ނިއުރޭޑިއަންޓް ވަރުގަދަވިޔަސް ނިއު ހުއްޓުވަން ހާއްސަ ޕްލޭނެއް ނުގެންގުޅޭނެކަމަށެވެ. "ނިއުގައި ތިބީ އަޝްފާޤާއި ސްޕެނިޝް ކުޅުންތެރިންނާއެކު ތަޖުރިބާކާރު މޮޅެތި ކުޅުންތެރިންތަކެއް. ނިއުއާ ދެކޮޅަށް މިތަނުގައި (ރާއްޖޭގައ) ކުޅެން ފަސޭހައެއް ނުވާނެ. އެކަމަކު ނިއު ހުއްޓުވަން ވަކި ހާއްސަ ޕްލޭނެއް އަހަރެން ނުހަދާނަން. ނިއުއާ ދެކޮޅަށްވެސް ނިކުންނާނީ އެހެން ޓީމުތަކާ ދެކޮޅަށްވެސް ނިކުންނަ ގޮތަށް" މީގެ މަހެއްހައި ދުވަސް ކުރިން އައިޒޯލްއާ ހަވާލުވި ކޯޗް ސަންތޯޝް ބުންޏެވެ.

މީގެ އިތުރުން ސަންތޯޝް ބުނީ އޭނާގެ ކޯޗިންގ ކެރިޔަރުގައި ނިއުއާ ދެކޮޅަށް މީގެ ކުރިން ކުޅެފައިވުމުންނާއި ނިއުގެ މިހާރުގެ ކޯޗް އޮސްކާ ބުރުޒޮންއަކީ އޭނާ ވަރަށް ރަގަޅަށް ދަންނަ ކޯޗެއް ކަމެއް އޭގެ ފައިދާ ނެގޭނެ ކަމަށެވެ. "އަހަރެން މަހިންދްރަ ޔުނައިޓެޑާއެކު ނިއުއާ ދެކޮޅަށް  ނިކުތުން. އަނެއްކާ ނިއުގެ ކޯޗް (އޮސްކާ) އަހަރެން ވަރަށް ރަގަޅަށް ދަންނަން. އަހަރެމެން ދެމީހުން ކޯޗިންގެ ބައެއް ޕްރޮގްރާމްތައް އެކީގައި ފުރިހަމަ ކުރިން" ސަންތޯޝް ބުންޏެވެ.

ނިއުގެ ކޯޗް އޮސްކާ ބުނީ ކޯޗިން ކެރިއަރުގައި އިންޑިޔާގައި މަސައްކަތް ކުރެވިފައި ހުރުމުން އޭގެ ފައިދާ މިމެޗަށް ކުރާނެކަމަށާއި އައިޒޯލްގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރުވެސް އޭނާއަށް ވަރަށް ރަގަޅަށް އެނގޭކަމަށެވެ. " އިންޑިޔާގައި މަސައްކަތް ކުރެވިފައި ހުރުމުން އޭގެ ފައިދާ މިމެޗަށް ކުރާނެ. އައިޒޯލްއަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު އެޓީމު ނިއުއަށްވުރެ މޮޅެއް ނޫން" މިދިޔަ ސީޒަނުގެ މެދު ތެރެއިން ނިއުއާ ހަވާލުވި ކޯޗް އޮސްކާ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި އައިޒޯލްއިން އަދި މެޗެއް ކުޅެފައި ނުވާއިރު ނިއު ވަނީ އެއްމެޗު ކުޅެފައެވެ. އެއީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުއެވެ. އެމެޗް 1-0 އިން ކާމިޔާބު ކޮށްފައި ވަނީ ނިއުއެވެ. އެމެޗުގައި ނިއުގެ ލަނޑު ޖަހައިދިން ނުރައްކާތެރި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނީ މިއަދު އައިޒޯލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭއިރު އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ރަގަޅު ތަރުހީބެއް ލިބުމަށް އުއްމީދު ކުރާކަމަށެވެ. "ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށްވަދެ ތަރުހީބު ދިނުމަކީ މެޗް ކާމިޔާބު ކުރަން ލިބޭ ހިތްވަރަކަށް ވާނެ" ސެންޓޭ ބުންޏެވެ.

ނިއުއަކީ ރާއްޖޭގެ ކްލަބުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވުނު ހަމައެކަނި ޓީމެވެ. 2005 ވަނަ އަހަރު މިމުބާރާތުން ނިއު ކެޓީ ސެމީފައިނަލުންނެވެ. އަދި 2013 ވަނަ ކެޓީ ކުއާޓާފައިނަލުންނެވެ.

ނިއު އާއި އައިޒޯލްގެ އިތުރުން މިގްރޫޕުގައި ދެން ހިމެނެނީ އިންޑިޔާގެ ގަދަބާރު ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއެވެ. ބެންގަލޫރު ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ރާއްޖޭގެ ޓީސީ ކަޓުވާލުމަށްފަހުއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.