ޕްރޮފެސަރ ސްޓީވަން ހޯކިންގ ނިޔާވެއްޖެ

.

މަޝްހޫރު ސައިންސުވެރިޔާ ޕްރޮފެސަރ ސްޓީވަން ކޯހިންގ އުމުރުން 76 އަހަރުގައި ނިޔާވެއްޖެ އެވެ.

"އަހަރުމެންގެ ލޮބުވެތި ބައްޕަ މިއަދު ނިޔާވެފައިވާތީ އަހަރުމެންނަށް ވަނީ ފުންހިތާމައެއް ލިބިފައި" އޭނާގެ ތިން ކުދިން ލޫސީ، ރޮބަޓް އަދި ޓިމްގެ ނަމުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. "އޭނާއަކީ މޮޅު ސައިންސުވެރިއެއް އަދި އާދަޔާ ޚިލާފު މީހެއް. އޭނާގެ މަސައްކަތް އެތައް އަހަރަކަށް ދެމިގެންދާނެ. އޭނާގެ ވިސްނުން ތޫނުކަމާ، މަޖާ މިޒާޖާ އެކު އޭނާގެ ހިތްވަރާ، މަސައްކަތުގައި ދެމިހުރުމުގެ އަޒުމަކީ މުދި ދުނިޔޭގައި އެތައް މިލިޔަން ބަޔަކަށް ހިތްވަރު ދިން ކަންކަން. އޭނާ އެއްފަހަރަކު ބުނެފައިވޭ: ތިބާ ލޯބިވާ މީހުން ދުނިޔޭގައި ނެތް ނަމަ ބޮޑު މި ކައުނުގެ ބޭނުމެއް ނެތް. އަހަރުމެން އަބަދަށް އޭނާ ހަނދާންކުރާނަން." އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.

މި ޖީލުގެ އެންމެ މޮޅު ސިކުނޑީގެ ވެރިޔާ ކަމުގައި ބެލެވިފައިވާ ހޯކިން ނިޔާވީ މޯޓަރ ނިއުރޯން ބައްޔާއި ގިނަ ދުވަސްތަކަށް ހަނގުރާމަކުރެއްވުމަށް ފަހުގައެވެ. މި ކައުނު އުފެދިގެން އައި ގޮތާއި، ފަޒާއާއި، ވަގުތާއި، ބޮލެކް ހޯލްއާ ބެހޭ ވިސްނުން ބަދަލުކޮށްލި ބޮޑެތި ދިރާސާތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

ސައިންސުގެ ދާއިރާއިން އެތައް ފޮތްތަކެއް ލިއުއްވާފައިވާ ހޯކިންގގެ އެންމެ މަޝްހޫރު ފޮތަކީ "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އެވެ.

1942 ވަނަ އަހަރު ޖަނަވަރީ މަހު 8 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އޮކްސްފޯޑަށް އުފަންވެވަޑައިގަތް ސްޓީވަން ހޯކިންގއަށް އެމުރުން 21 ވަނަ އަހަރުގައި އެމިޔޯޓްރޯފިމް ލެޓަރަލް ސްކްލެރޯސިސް ނުވަތަ މޯޓަރ ނިއުރޯން ޑިޒީޒް ޖެހިވަޑައިގަތެވެ. އެބަލީގެ ސަބަބުން އޭނާގެ މަސްލްތަކުގެ ބާރު ދޫވަމުން ގޮސް ވާހަކަ ދެއްކުންވެސް ހުއްޓުނެވެ. އޭނާ ފަހުން އެހެންމީހުންނާ މުޢާމަލާތް ކުރައްވަމުން ގެންދެވީ އޭނާއަށް ޚާއްޞަކޮށްގެން އުފެއްދުނު ޓެކްނޮލޮޖީއެއްގެ ޒަރީއާއިންނެވެ. މޯޓަރ ނިއުރޯން ބަލި ޖެހޭ މީހުން 5 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުތިބޭކަމަށް ވާއިރު އޭނާ ވަނީ ގާތްގަނޑަކަށް 50 އަހަރު އެބައްޔާއެކު ހޭދަކުރައްވާފައެވެ. އޭނާ ކައިވެނިކުރެއްވީވެސް އެބަލި ޖެހުނު ފަހުންނެވެ. ފުރަތަމަ ކައިވެނި ރޫޅި ދެވަނަ ކައިވެންޏެއް ކުރައްވައި، 3 ކުދިން ލިބިވަޑައިގަތެވެ.
އޭނާ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް "މައި ބްރީފް ހިސްޓްރީގެ ނަމުގައި ފޮތެއް ނެރުއްވާފައެވެ.

ޚަބަރު: އޭބީސީ ނިއުސް، ދަ ޑެއިލީ ޓެލެގްރާފް އޮސްޓްރޭލިޔާ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.