ލަންޑަނުގެ ސެންޓްރަލް މޮސްކް އިނގިރޭސި އާސާރީ ތަރިކައިގައި ލިސްޓުކޮށްފި

ލަންޑަންގެ ސެންޓްރަލް މޮސްކް

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮރ ޑިޖިޓަލް، ކަލްޗަރ، މީޑިޔާ އެންޑް ސްޕޯޓް އިން މިއަދު ލަންޑަންގެ އެންމެ ބޮޑު މިސްކިތް އިނގިރޭސި ޤައުމީ ތާރީޚީ އަދި ޢުމްރާނީ ތަރިކައިގެ ލިސްޓްގެ ދެވަނަ ދަރަޖައިގައި ހިމަނައިފިއެވެ. މިގޮތަށް ހިމެނީ އިނގިރޭސި އާސާރީ ތަރިކަ ބަލަހައްޓާ އިދާރާ ހިސްޓޯރިކް އިންގްލޭންޑްގެ އެދުމުގެ މަތީންނެވެ.
އާސާރީ ތަރިކައިގެ ލިސްޓްގައި ދެވަނަ ދަރަޖައިގައި މިއަދު ހިމަނާފައި ވަނީ ލަންޑަންގެ ރީޖެންޓް ޕާކުގައި ހުންނަ ސެންޓްރަލް މޮސްކް އެންޑް އިސްލާމިކް ކަލްޗަރަލް ސެންޓަރެވެ.
ތަަރިކައިގެ ލިސްޓުގެ ދެވަނަ ދަރަޖައިގައި މި މިސްކިތް ހިމެނުމުގެ އިތުރަށް، ކަަލްޗަރ ޑިޕާޓްމަންޓުން ވަނީ ކުރިން މި ލިސްޓްގެ ދެވަނަ ދަރަޖައިގައި ހިމަނާފައިވާ މިސްކިތެއް ތަރިކައިގެ ލިސްޓުގެ އެއްވަނަ ދަރަަޖައަށް ބަދަލުކޮށްފައެވެ. ދެވަނަ ދަަރަޖައިން އެއްވަނަ ދަރަޖައަށް ބަދަލުކުރީ، އިނގިރޭސިވިލާތުގައި މިސްކިތެއްގެ ގޮތުގައި ފުރަތަމަ އިމާރާތްކުރި މިސްކިތްކަމުގައިވާ ޝާހްޖަހާން މޮސްކް އެވެ. ސަރޭގެ ވޮކިންގ ގައި ހުންނަ މިމިސްކިތް ބިނާކޮށް ހުޅުވީ 1889 ވަނަ އަހަރުއެވެ.
"އިނގިރޭސިިވިލާތުގެ މުސްލިމުން ބިނާކުރި މިއާދަޔާ ޚިލާފު މިސްކިތްތަކަށް ވިދާ އައްޔެއް އަޅުވާލެވޭތީ އަހަރެން ފަޚުރުވެރިވޭ. ލިސްޓްގައި އެތަންތަން ހިމެނީ އިސްލާމީ ތަރިކައިގެ ޙަައިރާންކުރުވާހާ ފެންވަރުމަތިީ ނަމޫނާތައް ފާހަގަކުރުމަށް." މި މިސްކިތްތައް ލިސްޓްކުރުމާ ގުޅިގެން ހިސްޓޯރިކް އިންގްލޭންޑްގެ ޗީފް އެގްްޒެކަޓިވް ޑަންކަން ވިލްސަން ވިދާޅުވިއެވެ.
ލަންޑަންގެ ސެނޓްރަލް މޮސްކް އެންޑް އިސްލާމިކް ކަލްޗަރަލް ސެންޓަރ ހުޅުވުނީ 1977 ވަނަ އަހަރުގައެވެ. އެއްފަހަރާ 5400 މީހުންނަށް ނަމާދުކުރެވޭ މިމިސްކިތަކީ 6 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ.
"އަހަރުމެންގެ ތާރީޚީ ބިނާތަކުން ކިޔައިދެނީ އިނގިރޭސިވިލާތުގެ މާޒީއާއި، އެ މަޒީގައި ކުލަޖެއްސި މީހުންނާއި، ތަންތަނާއި ހާދިސާތަކުގެ ވާހަކަ. މި ރީތި މިސްކިތްތައް ލިސްޓުގައި ހިމަނައިގެން އަހަރުމެން ހަމައެކަނި އަޅުކަންކުރުމަށް ބޭނުންކުރާ މުހިއްމު ތަންތަން ރައްކާތެރިކުރަނީއެއް ނޫން. އިނގިރޭސިވިލާތުގެ މުސްލިމުންގެ ތަރިކައިގެ މުއްސަނދިކަން ފާހަގަ ވެސް ކުރަނީ." އިނގިރޭސި ހެރިޓެޖް މިނިސްޓަރ މައިކަލް އެލިސް ވިދާޅުވިއެވެ.
ޚަބަރު: އައްޝަރްޤުުލް އައުސަޠު، އާކިޓެކްޓްސް ޖާނަލް، އައި ނިއުސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.