ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ކޮންމެ ގައުމަކަށްވެސް އޮންނާނެ: މިނިސްޓަރ

ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ކަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު މުޅިދުނިޔެއަށްވެސް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީވެސް އިންވެސްޓް ކުރުމަށްޓަކައި ބޭރުގެ ގައުމުތަކަށް ރާއްޖެ ހުޅުވާލުން ކަމަށެވެ. އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "ރާއްޖޭގައި އިންވެސްޓް ކުރުމުގެ ދައުވަތަކީ ރައީސް ޔާމީން މުޅި ދުނިޔެއަށް ހުޅުވާލައްވައިފައިވާ ދައުވަތެއް. އަދި އެއީ އެމަނިކުފާނު އިސްކަންދެއްވާ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިހްތިރާމާއެކު ރައްކާތެރިކަންވެސް ސަރުކާރުން ދެއްވާނެ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް އިންވެސްޓް ކުރާ ކޮންމެ ގައުމަކަށްވެސް އެފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ. މީގެ ކުރިންވެސް ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީ ކުރުމަށް ރާއްޖެއާއެކު ބައިވެރިވާ ގައުމުތަކާ ސަރުކާރުން ގުޅުން ބާއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ނަގާ ލޯނުތައް ދެއްކުމުގެ ގާބިލްކަންވެސް ރާއްޖެއަށް ލިބިފައިވާ ކަމަށާއި ލޯނު ދޫކުރާ ބޭންކުތަކުން ދިވެހި ސަރުކާރަށް އިތުބާރު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސައީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ ކަނޑުގެ ދިޔަބޮޑުވެ ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ވިދާޅުވެ ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެންވި ބޭފުޅާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށްފަހު ފަހަތުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭރުގެ ފަރާތްތަކަށް ގޮވައިލެއްވީވެސް ނަޝީދު ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބޭރުގެ ގައުމުތަކާއި ޚާއްސަކޮށް އިންޑިއާއާ އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކުރުވާ ޒާތުގެ ވާހަކަ ދައްކަވަނީވެސް ނަޝީދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.