ކަންކަން ހައްލުކުރަން އިދިކޮޅު ފަރާތްތަކުން އެއްބާރުލުމެއް ނުދޭ: ސަރުކާރު

ގައުމުގައިހުރި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދެއްވައި، ކަންކަން ކާމިޔާބުކުރުމުގެ ފުރުސަތު ބަންދުކުރަމުންގެންދާތީ، ކަންބޮޑުވާ ކަމަށް ސަރުކާން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފެށުމަށް ޕާޓީތަކަށް ދައުވަތު ދެއްވުމަށްފަހު ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މަޝްވަރާގެ ކަންކަން ކުރިއަށް ގެންދިޔުމުގެ މިމަސައްކަތް ކުރިއަށް ގެންދިޔުމުގެ ރޫޙުގައި އެ މަސައްކަތްތައް ސިއްރުކުރުމަށް، ދެ ފަރާތުން އެއްބަސްވެ މަޝްވަރާ ކުރަމުން ދަނިކޮށް އިދިކޮފަރާތްތަކުންވަނީ މަސައްކަތް ހުއްޓުވޭނޭ ފަދަ ގޮތަކަށް ވާހަކަތަކުގެ ރޫހާ ޚިލާފަށް މިދިޔަ ފެބުރުއަރީމަހުގެ 15 ވަނަދުވަހު ނިއުސް ކޮންފަރެންސެއް ބާއްވައިފައި ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

އެހިސާބުންވެސް ސަރުކާރުން ބޭނުންފުޅުވަނީ މަޝްވަރާތައް ކުރިއަށް ގެންދަވަން ކަމަށާއި 12 ވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވީވެސް އެ ނިޔަތުގައި ކަމަށް ވިދާޅުވެފައިވެއެވެ.

"މި މަސައްކަތްތަކުގެ ފުރިހަމަ މައުލޫމާތު އ.ދ. އާއި ކަމާބެހޭ އެހެން މުއައްސަސާތަކާއި ސަރުކާރުން ހިއްސާ ކުރަމުން ގެންދާކަމުގައިވެސް ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ މަސްރަޙާމެދު ޝައުގުވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެބަޔާނުގައިވެއެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ މިއީ އަމިއްލަ ތަޢައްސުބު އެކަހެރި ކުރަންޖެހޭ ވަގުތު ކަމަށެވެ. އެކަން އެކަހެރިކޮށް ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުން އިސްކުރުމަށްވެސް އިދިކޮޅު ފަރާތަކަށް ގޮވާލައްވައިފައިވެއެވެ. އެކަން ކުރެއްވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް، ޕާޓިތަކަށް ސަރުކާރުން ގޮވައިލައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.