މިޔަންމާގެ މުސްލިމުން ދިރިއުޅުނު ރަށްތަކުގައި ސަރުކާރުން ޢަސްކަރީ ޢިމާރާތްތަކެއް އަޅަނީ

މުސްލިމުން ފޭބިއިރު ހުސްކޮށް އޮތް ސަރަހައްދެއްގައި މިހާރު އިމާރާތްކުރަމުން ދާތަން ދައްކައިދޭ ސެޓެލައިޓް ފޮޓޯތަކެއް

އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި ގެދޮރުގައި ރޯކޮށް، ބުލްޑޯޒަރުން ބިމާހަމަކުރުމަށް ފަހު، ރަށްދޫކޮށް ދާން މަޖުބޫރުކުރި 7 ލައްކައެއްހާ މުސްލިމުން ދިރިއުޅުނު ބިންތަކުގައި މިޔަންމާ ސަރުކާރުން އަސްކަރީ މަރުކަޒުތަކެއް އަޅަން ފަށާފައިވާކަން ހާމަވެއްޖެއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލުން މިއަދު ބުނެފައިވަނީ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން އެކަން ހާމަވާކަމުގައެވެ. "ރިމޭކިންގެ ރަޚައިން ސްޓޭޓް" ގެ ނަމުގައި އެ ޖަމާޢަތުން މިއަދު ނެރުނު ރިޕޯޓުގައި ސެޓެލައިޓް ފޮޓޯތަކާއި، އިންޓަރވިއުތަކުގެ އެހީގައި ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ފެށުނީއްސުރެ އެސަހަރަހައްދުގައި އަސްކަރީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް އިމާރާތްކުރުން ވަނީ އިތުރުވެފައެވެ.
އައު ހެކިތަކާއި އެމްނެސްޓީން އެމްނެސްޓީން ހޯދާފައިވާ އިމާރާތްކުރުމުގެ މަސައްކަތުގެ މައުލޫމާތަށް ބަލާއިރު، މިޔަންމާ ސަރުކާރުން އިމާރާތްކުރަމުންދަނީ ރޮހިންޔާ މުސްލިމުން އެނބުރި އަންނަންޖޭހޭ ބިމުގައި ކަން އެނގޭކަމަށް އެމްނެސްޓީގެ ކްރައިސިސް ރެސްޕޮންސް ޑިރެކްޓަރ ތިރާނާ ހަސަން ބުންޏެވެ.
ރޮހިންޔާ ހަނގުރާވެރިންގެ ބަޔަކު ފާއިތުވިއަރުގެ އޮގަސްޓް މަހު 25 ވަނަ ދުވަހު މިޔަންމާ ސިފައިންނަށް ދިން ޙަމަލާއަކާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މިޔަންމާ ސިފައިންވަނީ، އެޤައުމުގެ ރަށްވެހިކަންވެސް ދީފައިނުވާ ރޮހިންޔާ މުސްލިމުންނަށް ހައްދު ފަހަނައަޅައިފައިވާ ލާއިންސާނީ އަނިޔާކޮށް އެމީހުންގެ އަވަށްތަކުން ނެރެލައި، ގެތައް ރޯކޮށް، އަވަށްތައް އެކުގައި ސުންނާފަތިކޮށްފައެވެ. ރޮހިންޔާއިން ދިރިއުޅޭ ސަރަހައްދު ކަމުގައިވާ ރަޚައިން ސްޓޭޓްގެ 350 އަވަށެއްގެ ގެތައް ހުޅަޖަހައި އަންދާލާފައިވާ ކަމުގައި ބެލެވެއެވެ. ރަށްތައް ދޫކޮށް މީހުން ދިޔައިރު ބާކީ ހުރި ގެތައްވެސް ފަހުން ވަނީ ބިމާ ހަމަކޮށްފައެވެ.
އެމްނެސްޓީން ބުނަނީ މިޔަންމާގެ އަސްކަރިއްޔާއިން ދަނީ މުސްލިމުންގެ ގެތައް ހުރި ބިންތަކުގައި ހެލިޕޭޑާއި، މަގުތައްވެސް ހަދަމުން ކަމުގައެވެ.
ރަޚައިން ސްޓޭޓަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، ނޫސްވެރިންނާއި، އދ. ގެ އިންވެސްޓިގޭޓަރުން ވަނުމަށް މިޔަންމާ ސަރުކާރުން ދަނީ ހުރަސްއަޅަމުންނެވެ.
ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީން މިޔަންމާއަށް ގެންދިއުމުގެ މަސައްކަތް ޖަނަވަރީ މަހު ފަށަން ދެޤައުމުން އެއްބަސްވި ނަމަވެސް އެކަން ކުރިއަށް ގޮސްފައި ނުވެއެވެ. ރައްކާތެރިކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތް ތަނަކަށް އެނބުރިދާން ރެފިއުޖީންވެސް ބޭނުން ނުވަނީއެވެ.
ޚަބަރު: އައްޝަރްޤުލް އައުސަޠު، ރޮއިޓަރސް، ދަ ނިއު ސްޓްރެއިޓްސް ޓައިމްސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.